ކެނެޑާގެ "ކްރިޕްޓޯ ކިންގް" ގެ ގޮތުގައި އަމިއްލައަށް ނަންދީގެން އުޅޭ އޭޑަން ޕްލެޓާސްކީ، އިންވެސްޓަރުންގެ ފައިސާގެ ތެރެއިން 16.3 މިލިއަން ޑޮލަރު އޭނާގެ އަމިއްލަ ބޭނުންތަކަށް ހަރަދުކޮށްފައިވާ ކަމަށް، އޮންޓޭރިއޯ ސެކިއުރިޓީސް ކޮމިޝަން (އޯއެސްސީ) ގެ ފޮރެންސިކް އެކައުންޓަންޓަކު ކޯޓުގައި ހެކިބަސް ދީފިއެވެ.

ޓޮރޮންޓޯގެ ސުޕީރިއާ ކޯޓުގައި ހުކުރު ދުވަހު އޮތް ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދެމުން، ސީނިއާ ފޮރެންސިކް އެކައުންޓަންޓް އަލްބަޓް ސިއޯމާ ބުނި ގޮތުގައި، 2020 އިން 2022 އަށް އިންވެސްޓަރުން ދިން 36.3 މިލިއަން ޑޮލަރުގެ ތެރެއިން ދެބައިކުޅަ އެއްބަޔާ ގާތްކުރާ އަދަދެއް ޕްލެޓާސްކީ ވަނީ އަމިއްލަ ކަންކަމަށް ބޭނުންކޮށްފައެވެ.

ސިއޯމާ ފާހަގަކުރި ގޮތުގައި، މީގެ ތެރެއިން 5.6 މިލިއަން ޑޮލަރު އަގުބޮޑު ކާރުތައް ގަތުމަށް ހޭދަކޮށްފައިވާއިރު، ކްރެޑިޓް ކާޑު ބިލުތައް ދެއްކުމަށް ގާތްގަނޑަކަށް 5 މިލިއަން ޑޮލަރު އަދި އޭނާގެ މައިންބަފައިންނަށް 3.7 މިލިއަން ޑޮލަރު ވަނީ ދީފައެވެ.

މީގެ އިތުރުން، ޕްރައިވެޓް ޖެޓުތަކުގައި ދަތުރުކުރުމަށް 870،000 ޑޮލަރު އަދި އަމިއްލަ ސެކިއުރިޓީއަށް 600،000 ޑޮލަރު ހަރަދުކޮށްފައިވާ ކަމަށް އެކައުންޓަންޓުގެ ތަހުގީގުން ދައްކާ ކަމަށް އޭނާ ބުނިއެވެ. އަދި ކްރެޑިޓް ކާޑަކުން 609،000 ޑޮލަރު ނަގުދު ފައިސާގެ ގޮތުގައި ނަގާފައިވާ ކަމަށް ވެސް ސިއޯމާ ބުނިއެވެ.

އުމުރުން 27 އަހަރުގެ ޕްލެޓާސްކީގެ މައްޗަށް އުފުލާފައިވާ މަކަރާއި ހީލަތް ހެދުމާއި މަނީ ލޯންޑަރިންގެ ދައުވާތަކަށް އޭނާ ވަނީ އިންކާރުކޮށްފައެވެ. އިންވެސްޓަރުންގެ ފައިސާ ޓްރޭޑްކުރުމަށް ބޭނުންކޮށްފައި ނުވާ ކަމަށް ދައުލަތުން ތުހުމަތުކުރާއިރު، މި މައްސަލައިގެ ޝަރީއަތް ހޯމަ ދުވަހު ކުރިއަށްދާނެއެވެ.