ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މިއަދު ކުޅުނު މެޗުގައި ވިކްޓްރީ ސްޕޯޓްސް ކްލަބުވެސް ބަލިކޮށްފިއެވެ.

މިހަފުތާގެ ފުރަތަމަ މެޗުގައި މާޒިޔާއިން މިއަދު ވިކްޓްރީ ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މާޒިޔާއިން މިވަގުތު ލީގު ތާވަލުގެ އެއްވަނައިގައި އޮތީ 14 މެޗުން 40 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮޑި ސްޕޯޓްސް ކްލަބު މިވަގުތު އޮތީ 13 މެޗުން 29 ޕޮއިންޓާއެކުގައެވެ. މެޗުން ބަލިވި ވިކްޓްރީ ފަސްވަނައިގައި އޮތީ 14 މެޗުން 20 ޕޮއިންޓާއެކުގައެެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިފައި ނުވާ އިރު، 55 ވަނަ މިނެޓުގައި މާޒިޔާއިން ލީޑު ނެގިއެވެ. އެޓީމުން ރަނގަޅަށް ހާފު ނަގައި ލީޑު ނެގީ، ހުސައިން ޝިފާއު ޔޫސުފް (ކްރޯ) އޭރިއާ ތެރެއަށް ނަގައިދިން ބޯޅައިގައެވެ. އެ ގޯލް ކާމިޔާބުކޮށްދިނީ އަހުމަދު އައިހަމެވެ.

ގާތްގަނޑަކަށް 10 ވަރަކަށް މިނެޓް ފަހުން، ހަމްޒާ މުހައްމަދު (ހަމްޕު) ޕެނަލްޓީއެއްގައި ލީޑު ފުޅާކޮށްދިން އިރު، މާޒިޔާގެ ތިންވަނަ ގޯލް، 68 ވަނަ މިނެޓުގައި ޖަހައިދިނީ މުހައްމަދު އިލާން އިމްރާނެވެ.

އެއީ ހަމްޕު ޖަހައިދިން ހިލޭ ޖެހުމެއްގައި ވިކްޓްރީގެ ކީޕަރު ކިރަން ކުމާރު ލިމްބޫ އަތުގައި ޖެހިފައި ނުކުތް ބޯޅައިގެ ރީބައުންސްގައި މުހައްމަދު އިލާން އިމްރާން ޖަހައިދިން ގޯލެކެވެ.

ލީގުގައި މިރޭ އޮންނަ މެޗުގައި ޔުނައިޓެޑް ވިކްޓްރީން ވާދަކުރާނީ ކްލަބު އީގަލްސްއާ ދެކޮޅަށެވެ.