ޗެލްސީގެ ކޯޗުގެ މަގާމާ ހަވާލުވުމުން މީހުން ދައްކާ ބޭކާރު ވާހަކަތަކަށް މާބޮޑު ސަމާލުކަމެއް ނުބަހައްޓާނެ ކަމަށް އާކޯޗު ލިއަމް ރޮސެނިއާ ބުނެފިއެވެ.

ރޮސެނިއާ ޗެލްސީއާ ހަވާލުވެ، އެޓީމާއެކު ފުރަތަމަ ނުކުންނަ މެޗަކީ މިރޭ ޗާލްޓަން އެތުލެޓިކާ ދެކޮޅަށް ކުޅޭ އެފްއޭ ކަޕް މެޗެވެ. ރޮސެނިއާ ޗެލްސީއާ ހަވާލުވީ ކުރިން ކޯޗުކަމުގައި ހުރި އެންޒޯ މަރެސްކާ، މިދިޔަ ހަފުތާ ތެރޭގައި މަގާމު ދޫކޮށްލުމުންނެވެ.

މަރެސްކާ މަގާމު ދޫކޮށްލީ ކްލަބުގެ ހައިރާކީއާ ޖެހުނު މައްސަލަތަކެއް ހައްލުނުކުރެވިގެންނެވެ. އޭނާ އަމިއްލައަށް ކްލަބު ދޫކޮށްލީ ދެފަރާތް އެއްބަސްވެގެން ކަމަށް ކްލަބުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ޗެލްސީގެ ކޯޗުކަމަކީ އަބަދުވެސް ޕްރެޝަރު ވަޒީފާއެކެވެ. ރޯމަން އަބްރޮމިޗް ކްލަބު ހިންގި އިރުވެސް އެ ކްލަބުން އަވަސް އަވަހަށް ކޯޗު ބަދަލުކުރާ ވިސްނުންތަކެއް ގެންގުޅުނެވެ. އަދިވެސް އެކަން އެގޮތަށް ހިނގަމުންދާ އިރު، ރޮސެނިއާ ބުނީ ޗެލްސީ ކަހަލަ ކްލަބެއްގައި ވަރަށް އަވަހަށް ކާމިޔާބު ބޭނުންވާނެ ކަމަށެވެ.

"ޗެލްސީ ކަހަލަ ކްލަބެއްގައި ފުރަތަމަ ދުވަހުން ފެށިގެންވެސް ޕްރެޝަރު އޮންނާނެ. މި ކްލަބަކީ އަވަސް އަވަހަށް ކޯޗުން ބަދަލުކުރާ ކްލަބެއް. އެކަމަކު އަހަންނަށް އެ ޕްރެޝަރުގެ އެއްވެސް މައްސަލައެއް ނެތް. އެއީ މިކަހަލަ ކާމިޔާބު، ބޮޑު ކްލަބެއްގެ ސަޕޯޓަރުންނަށް ކާމިޔާބަށް ޑިމާންޑް ކުރުމުގެ ފުރުސަތު އޮންނަން ޖެހޭތީ،" ރޮސެނިއާ ބުންޏެވެ.

ކުރިން އިނގިރޭސި ދެވަނަ ޑިވިޝަނުގެ ހަލް ސިޓީއަށް ކޯޗުކަން ކޮށްދިން ރޮސެނިއާ އަކީ ލަންޑަނަށް އުފަން ކޯޗެކެވެ. އޭނާ ހަލްއަށް އިރުޝާދު ދިނީ 2022 އިނ 2024 އަށެވެ. އޭގެފަހުން ފްރާންސް ލީގަށް ގޮސް، ސްޓްރަސްބާގު ޔޫރަޕަށް ކޮލިފައި ކޮށްދިނުން އެއީ ރޮސެނިއާގެ އެންމެ ބޮޑު ކާމިޔާބީއެވެ.

"އަހަރެން ސްޓްރަސްބާގަށް ގެންދިޔުމުން، އެކަންވީ ބޮޑު ޖޯކަކަށް. އޭރުވެސް މީޑިއާގައި ވާހަކަތައް ދެއްކި. އަހަންނާއެކު ކްލަބު ރެލިގޭޓް ވާނެ ކަމަށްވެސް ބުނި. އެއީ އަހަންނަކީ އިނގިރޭސިވިލާތުން ދިޔަ އެެއްވެސް މަގުބޫލު މީހަކަށް ނުވީތީ. އެކަމަކު އަހަރެމެން ނިންމާލީ ޗެމްޕިއަންސް ލީގު މަގާމާ ގާތުގައި. މިހާރުވެސް އެހެން ވާހަކަ ދެކެވޭނެ. އެއީ ހަމަ ހުސް ބޭކާރު ވާހަކަ،" ރޮސެނިއާ ބުންޏެވެ.

ރޮސެނިއާ ބުނީ ޗެލްސީ ކަހަލަ ކްލަބަކަށް ކޯޗުކަން ކޮށްދެވޭނީ އަމިއްލަ ގަބޫލުކުުރުންތަކެއް، އިތުބާރެއް އޮވެގެން ކަމަށާއި، ކާމިޔާބަށް ޔަގީންކަން ނުދިނެއް ކަމަކު، ކާމިޔާބުވާނެ ކަމަށް އަބަދުވެސް ވަރަށް ބޮޑަށް ގަބޫލުކުރާނެ ކަމަށެވެ.