އާސެނަލަށް ކުޅެމުންދާ އިންގްލެންޑްގެ ވިންގް، ބުކަޔޯ ސަކާ އެ ކްލަބާއެކު އެއްބަސްވުން އާކުރަން ނިންމައިފި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ހަބަރުތައް ބުނެފައި ވަނީ އުމުރުން 24 އަހަރުގެ ސަކާ، އާސެނަލާއެކު އެއްބަސްވުން އާކުރަން ނިންމާފައި ވަނީ މުސާރައަށް ބޮޑު ކުރިއެރުމަކާއެކުގައެވެ. އެގޮތުން އޭނާ އާ އެއްބަސްވުމުގައި ސޮއިކުރުމާއެކު، އާސެނަލްގެ ތާރީހުގައިވެސް އެންމެ މުސާރަ ބޮޑު އެއް ކުޅުންތެރިޔާއަށް ވާނެ ކަމަށް އިތުބާރު ނޫސްތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

ނޫސްތަކުން އިތުރަށް ބުނީ ސަކާވެސް އާސެނަލާއެކު ދެން ސޮއިކުރާނީ ދިގު މުއްދަތުގެ އެއްބަސްވުމެއްގައި ކަމަށެވެ. މީގެ ކުރިންވެސް ބައެއް މުހިއްމު ކުޅުންތެރިން ކްލަބުގައި މަޑުކުރުވުމަށް އާސެނަލުން ދިގު މުއްދަތުގެ އެއްބަސްވުންތައް ހަދާފައިވެއެވެ.

އެގޮތުން ވިލިއަމް ސަލީބާއާއި ގެބްރިއަލް މަގަލެއާއެސް، އީތަން އެންވަނޭރީއާއި މައިލްސް ލެވިސް-ސްކެލީއަށްވެސް އާސެނަލުން ދީފައި ވަނީ ދިގު މުއްދަތުގެ އެއްބަސްވުންތަކެވެ.

ސަކާ، 2018 ވަނަ އަހަރުން ފެށިގެން އާސެނަލަށް ކުޅެމުންދާ އިރު، އޭނާއަކީ ކްލަބުގެ ހޭލް އެންޑް އެކަޑެމީގެ ކުޅުންތެރިއެކެވެ. ފުރަތަމަ މެޗުން ފެށިގެން މިއަދާ ހަމައަށް ސަކާއަކީ އާސެނަލްގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާއެވެ.

މިދިޔަ ސީޒަނުގައި ސަކާ ވަނީ 12 ގޯލް ޖަހައި، 13 އެސިސްޓް ފުރިހަމަ ކޮށްފައެވެ. އެއީ 37 މެޗުންނެވެ. ސަކާއަށް މިދިޔަ ސީޒަނުގައި ދިމާވި ފަލަމަސްގަނޑުގެ އަނިޔާގެ ސަބަބުން ތިން މަސް ދުވަހު ނުކުޅެ ހުރެފައިވެއެވެ. އެފަހަރު 2024 ވަނަ އަހަރު ޑިސެމްބަރު ސަކާ ވަނީ ސާޖަރީއެއްވެސް ހަދައިފައެވެ.