އެފްރިކާގެ ގައުމުތަކުން ވާދަކުރާ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، އެފްރިކާ ކަޕް އޮފް ނޭޝަންސް 2026 ގެ ސެމީ ފައިނަލް ފުރަތަމަ ޖާގަތައް ސެނެގާލާއި މޮރޮކޯއިން ހޯދައިފިއެވެ.

މިފަހަރުގެ މުބާރާތް މޮރޮކޯގައި ކުރިއަށްދާ އިރު، ރޭ ފުރަތަމަ ސެމީގައި ސެނެގާލް ނުކުތީ މާލީއާ ދެކޮޅަށެވެ. އެމެޗު ސެނެގާލުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

އެފްކޯންގެ ފެވަރިޓެއްގެ ގޮތުގައި ފެނިގެންދާ ސެނެގާލުން ރޭ މޮޅުވީ، ގިނަ ވަގުތު 10 ކުޅުންތެރިންނާ ދެކޮޅަށް ކުޅެގެންނެވެ. އެއީ ފުރަތަމަ ހާފު ނިމެން ދަނިކޮށް މާލީގެ ޔެވެސް ބިސޫމާއަށް ދެއްކި ރަތް ކާޑުގެ ސަބަބުންނެވެ.

އެ ރަތް ކާޑުގެ ކުރިން ސެނެގާލުން މެޗުގެ ލީޑޫ ނަގާފައިވާ އިރު، އެޓީމުގެ ހަމައެކަނި ގޯލް ޖަހައިދިނީ އިލިމަން އެންޑިއާއޭވެ.

މާލީގެ ކުޅުންތެރިޔަކު މަދުވުމުގެ ފައިދާ ނަގަން ސެނެގާލުން ކުރި މަސައްކަތުގައި ދެވަނަ ހާފުގައިވެސް ރަނގަޅު ފުރުސަތުތަކެއް ހޯދިއެވެ. ސެނެގާލުން ޖުމުލަ 19 ހަމަލާއެއް އުފައްދާފައިވާ އިރު، ޕަތޭ ސިސްއާއި ލަމީން ކަމަރާގެ ރަނގަޅު ހަމަލާތައް ފެނިގެން ދިޔައެވެ.

ހޯސްޓް މޮރޮކޯއިން ރޭ ކެމަރޫން ބަލިކުރީ 2-0 އިންނެވެ. މިއީ 2004 ވަނަ އަހަރު ފަހުން މޮރޮކޯއިން އެފްކޯންގެ ސެމީ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

ރޭގެ މެޗުގައިވެސް ބްރަހީމް ޑިއާޒް ގޯލް ޖަހާފައިވާ އިރު، މިހާތަނަށް މޮރޮކޯއިން ކުޅުނު ހުރިހާ މެޗެއްގައިވެސް އޭނާ ގޯލް ޖަހާފައިވެއެވެ. ކެމަރޫނަށް މެޗުގައި ގޯލެއް ޖެހިފައި ނުވާ އިރު، މޮރޮކޯގެ ދެވަނަ ގޯލް ފެނުނީ 74 ވަނަ މިނެޓުގައެވެ. އެޓީމުގެ ދެވަނަ ގޯލް ޖަހައިދިނީ އިސްމައެލް ސައިބަރީއެވެ.