ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ޒުވާން ރެފްރީން ތަމްރީނު ކުރުމަށް ހާއްސަ ރެފްރީ ކޯހެއް ބާއްވަން ނިންމައިފިއެވެ.

އެފްއޭއެމްއިން ކޮށްފައިވާ އިއުލާނުގައި ބުނީ އުމުރުން 16 އަހަރާއި 25 އަހަރާ ދެމެދު ފަރާތްތަކުން ރެފްރީއަކަށް ވާން ބޭނުންވާނަމަ، ހިލޭ ކޯހެއްގައި ބައިވެރިވުމަށް ފުރުސަތު އެބައޮތް ކަމަށެވެ. ކޯހުގައި ބައިވެރިވުމުގެ އެންމެ ފަހު މުއްދަތަކީ މިމަހުގެ 15 ވަނަ ދުވަހެވެ.

ރެފްރީ ކޯހުގައި ބައިވެރިވާން ބޭނުންވާ ހުރިހާ ފަރާތްތަކުންވެސް އިއުލާނުގައި ވާ ފޯމު ފުރުމަށްވެސް އެފްއޭއެމްގެ އިއުލާނުގައިވެއެވެ. އެ ފުރުސަތު އަންހެން އަދި ފިރހެން ޒުވާނުންނަށްވެސް ހުޅުވާލާފައިވާ ކަމަށް އެފްއޭއެމްއިން ބުންޏެވެ.

ރެފްރީންނަށް ވުމުގެ ޝަރުތަކުގެ ތެރޭގައި ހިމަނާފައި ވަނީ އިނގިރޭސި ބަހުން ރަނގަޅަށް ވާހަކަ ދައްކަން އެނގުމާއި ލިޔަން އެނގުމުގެ އިތުރުން އުމުރު 16 އަހަރާއި 25 އަހަރާ ދެމެދުގެ މީހަކަށް ވުމެވެ.

އޭގެ އިތުރުން ބައިވެރިވާ ފަރާތްތަކުން ޕޮލިސް ރިޕޯޓު ހުށަހެޅުމަށްވެސް އިއުލާނުގައި ބުނެފައިވާ އިރު، ގްރޭޑް ހަތަރަކުން ފާސްވުންވެސް ޝަރުތުގައި ހިމަނާފައިވެއެވެ.

އިއުލާނުގައި އިތުރަށް ބުނީ ކޯހުގައި ބައިވެރިވާ ބައިވެރިންގެ ތެރެއިން 18 އަހަރު ނުފުރޭ ކުދިން، ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ފޯމު ފުރިހަމަކުރުމަށްފަހު ފޯމް އީމެއިލް ކުރައްވަން ޖެހޭ ކަމަށެވެ.

އެ ފޯމު މެއިކް ކުރަން ބުނެފައި ވަނީ [email protected] އަށެވެ. ބެލެނިވެރިއާގެ އިއުތިރާޒެއްނެތްކަމުގެ ފޯމުގެ ލިންކް އިއުލާނުގައި ހިމަނާފައިވެސް ވެއެވެ.