ސައުދީ އަރަބިއާގައި ކުރިއަށްދާ ސްޕެނިޝް ސުޕަ ކަޕް ފައިނަލްގެ ދެވަނަ ޖާގަ ރެއާލް މެޑްރިޑުން ހޯދައިފިއެވެ.
ރެއާލުން ފައިނަަލަށް ދަތުރުކުރީ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީގެ އަލިންމާ ބޭންކް ސްޓޭޑިއަމްގައި ރޭ ކުޅުނު ސެމީ ފައިނަލުގައި އެތުލެޓިކޯ މެޑްރިޑް ކައިރިން 2-1 އިން މޮޅުވެގެންނެވެ. ރެއާލުން ފައިނަލުގައި ވާދަކުރާނީ ބާސެލޯނާއާ ދެކޮޅަށެވެ. ބާސާއިން ރޭ ފައިނަލް ޔަގީންކުރީ 5-0 އިން އެތުލެޓިކޯ ބިލްބާއޯ ބަލިކޮށްގެންނެވެ.
މެޗުގެ 77 ސިކުންތު ހިނގިތަނުން ރެއާލް ލީޑު ނެގިއެވެ. 30 ޔާޑު ދުރުން ރެއާލަށް ލިބުނު ހިލޭ ޖެހުން ފެޑެރީކޯ ވަލްވާޑޭ އަމާޒުކޮށްލީ ގޯލްގެ މަތީ ކަނަށެވެ.
އޭގެފަހުން ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައިނުވާ އިރު، ދެވަނަ ހާފުގެ ކުރީކޮޅުގައި ރެއާލުން ދެވަނަ ގޯލެއް ޖެހިއެވެ. ދެވަނަ ހާފު ފެށިގެން 10 މިނެޓް ހިނގިތަނާ ރޮޑްރީގޯ ރެއާލަށް ދެވަނަ ގޯލް ޖަހައިދިނީ ވަލްވާޑޭގެ ޕާހެއްގައި ޑިފެންޑަރު ރޮބިން ލެ ނޯމަންޑް ނައްޓާލުމަށްފަހުއެވެ.
އެތުލެޓިކޯއިން މެޗުގެ ފަހުވަގުތުގައި ފުލުފުލުގައި އެޓޭކް ކުރިއެވެ. ޖުމުލަ 22 ހަމަލާއެއް އެޓީމުން އުފެއްދި ނަމަވެސް، ޖެހުނީ އެންމެ ގޯލެކެވެ. އެ ގޯލް ޖަހައިދިނީ އެލެކްސެންޑާ ސޯލޯތެވެ.
ބާސާއާއި ރެއާލް، ސުޕަ ކަޕް ފައިނަލްގައި ކުޅޭ އެލް ކްލެސިކޯ މެޗު އޮންނާނީ އާދީއްތަ ދުވަހުއެވެ. ރެއާލުން މިހާތަނަށް 13 ފަހަރަށް ސްޕެނިޝް ސުޕަ ކަޕް ހޯދި އިރު، ބާސާއިން ވަނީ މިހާތަނަށް 15 ފަހަރު އެ ތަށި ހޯދައިފައެވެ.
މުޙައްމަދު ޝަމްޢޫން
ސްޕނިޝް ސުޕަ ކަޕް
ސްޕނިޝް ސުޕަ ކަޕް
ސްޕނިޝް ސުޕަ ކަޕް
ސްޕނިޝް ސުޕަ ކަޕް