ސައުދީ އަރަބިއާގެ ޖިއްދާގައި ކުރިއަށްދާ ސްޕެނިޝް ސުޕަ ކަޕްގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ބާސެލޯނާއިން ތަފާތު ބޮޑުކޮށް އެތިލެޓިކް ބިލްބާއޯ ބަލިކޮށްފިއެވެ.

ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި ރޭ ބާސާއިން ކުޅުނު މެޗުގައި ބިލްބާއޯ ބަލިކުރީ 5-0 ގެ ނަތީޖާއަކުންނެވެ. ބާސާއިން އެންމެފަހުން ކުޅުނު ނުވަ މެޗުންވެސް މޮޅުވެފައިވާ އިރު، އެޓީމުން ސުޕަ ކަޕް ފައިނަލްގައި ނުކުންނަން ޖެހޭނީ މިރޭ ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ވާދަކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

ބާސާއިން ރަނގަޅު ފޯމެއްގައި ފެށި މެޗުގެ 22 ވަނަ މިނެޓުގައި އެޓީމުން ލީޑު ނެގިއެވެ. އެ ގޯލް ޖަހައިދިނީ ފެރާން ޓޮރޭސްއެވެ. އެއީ ފާމިން ލޮޕޭޒް ދުއްވާލި ޕާހެއް މިސްރާބު ގެއްލިގެން ގޮސް އޭނާއަށް ލިބުމުން ކާމިޔާބުކުރި ގޯލެކެވެ.

އޭގެ 10 ވަރަކަށް މިނެޓްފަހުން އަނެއްކާވެސް ބާސާއިން ގޯލް ޖެހިއެވެ. ރަފީނިއާ އަރިމައްޗަށް ގޮސް ނަގައިދިން ހުރަސް ގޯލަށް ވައްދާލީ ފާމިންއެވެ. އެ ގޯލަށް ދެމިނެޓް ފަހުން ފާމިން އިތުރު ގޯލަކަށް ފުރުސަތު ތަނަވަސްކޮށްދިން އިރު، ބާސާގެ ތިންވަނަ ގޯލް ޖެހީ ރޫނީ ބާދުޖީއެވެ.

ހާފު ނިމުމުގެ ކުރިން ބާސާއިން ދެވަނަ ގޯލެއްވެސް ޖަހާފައިވާ އިރު، އެ ގޯލް ޖެހީ ރަފީނިއާއެވެ. އޭގެފަހުން ދެވަނަ ހާފުގެ ކުރީކޮޅުގައިވެސް ރަފީނިއާގެ އިތުރު ގޯލެއް ފެނިގެން ގޮސްފައިވާ އިރު، ބާސާއިން މަސައްކަތް ކުރަމުން ދަނީ މިދިޔަ އަހަރު ސައުދީގައި ބޭއްވި ސުޕަ ކަޕްގެ ތަށި ދިފާއުކުރުމަށެވެ.