ސްޕެނިޝް ސުޕަ ކަޕް ފައިނަލުގައި ރެއާލް މެޑްރިޑް ބަލިކޮށް، ބާސެލޯނާއިން 15 ވަނަ ފަހަރަށް ތަށި އުފުލާލައިފިއެވެ.

ރޭ ސައުދީ އަރަބިއާ، ޖިއްދާގެ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލުގައި ބާސާއިން ރެއާލް ބަލިކުރީ 5-2 ގެ ނަތީޖާއަކުންނެވެ. މިހާތަނަށް މި ސީޒަނުގައި ކުޅުނު ދެ އެލް ކްލެސިކޯވެސް ބާސާއިން ކާމިޔާބު ކޮށްފައިވާ އިރު، މިއީ ސުޕަ ކަޕް ފައިނަލުގައި ޖެހިޖެހިގެން ކުޅުނު ތިންވަނަ ކްލެސިކޯއެވެ. 2023 ވަނަ އަހަރު ބާސާއިން 3-1 އިން މޮޅުވި އިރު، މިދިޔަ އަހަރު ރެއާލް މޮޅުވީ 4-1 އިންނެވެ.

ރޭގެ މެޗަށް ބޮޑު ސަމާލުކަމެއް ހުއްޓިފައިވާ އިރު، ދެޓީމުންވެސް ނުކުތީ ވަރުގަދަ ލައިން އަޕަކާއެކުގައެވެ. ވަރުގަދަ ފެށުމަކުން މެޗު ފަށައިގެން ފުރަތަމަ ބާސާއިން ނުރައްކާތެރި ދެ ހަމަލާއެއް އުފެއްދި ނަމަވެސް، ލީޑު ނެގީ ރެއާލުންނެވެ. ފަސްވަނަ މިނެޓުގައި މެދު ރޮނގާ ހަމައިން ބޯޅަ ހިފައިގެން ގޮސް، އޭރިއާ ތެރެއަށް ވަދެ ބޯޅަ ގޯލަށް ވައްދާލީ ކިލިއަން އެމްބާޕޭއެވެ.

އެ ގޯލާއެކު ރެއާލަށް ހަމަޖެހިލަން މާ ގިނަ ވަގުތެއް ނުދީ ބާސާ އަނެއްކާވެސް ނުރައްކާ ކުރަން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން 22 ވަނަ މިނެޓުގައި ލަމީން ޔަމާލް ޖެހި ގޯލުން ބާސާ މެޗު އެއްވަރުކޮށް، ހާފު ނިމުމުގެ ކުރިން އިތުރު ތިން ގޯލު ޖެހިއެވެ.

ބާސާގެ ދެވަނަ ގޯލު ރޮބާޓް ލެވަންޑޯސްކީ ޕެނަލްޓީއަކުން ޖެހި އިރު، އެޓީމުގެ ތިންވަނަ ގޯލު ޖެހީ ރަފީނިއާއެވެ. އަދި ހާފު ނިމެންދަނިކޮށް ކައުންޓާގައި އެލެހާންޑްރޯ ބާލްޑޭ ވަނީ ބާސާގެ ހަތަރުވަނަ ގޯލެއް ޖަހައިފައެވެ.

ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ، ބާސާ ކީޕަރު ވޮޝެކް ޝެޒްނީއަށް ރަތް ކާޑު ދެއްކި އިރު، އެ ފައުލްގައި ލިބުނު ހިލޭ ޖެހުމުގައި ރޮޑްރީގޯ ވަނީ ރެއާލަށް ދެވަނަ ގޯލެއް ޖަހައިދީފައެވެ. އެހެން ނަމަވެސް، ދެވަނަ ހާފުގައި ރަފީނިއާ ޖެހި ދެވަނަ ގޯލަކާއެކު ބާސާއިން މެޗު ނިންމާލީ ހަމަޖެހިލައިގެންނެވެ.