ބޯންމައުތަށް ކުޅެމުންދާ އެންޓޮއިން ސެމެންޔޯ ގެންދަން މެންޗެސްޓާ ސިޓީން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ނޫސްތަކުން ކަށަވަރު ކޮށްދީއެވެ.

ސެމެންޔޯ، 25، ހޯދުމަށް ސިޓީގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑް، ލިވަޕޫލް އަދި ޗެލްސީންވެސް މަސައްކަތް ކުރި ކަމަށް ނޫސްތަކުން ބުނެފައެވެ. އޭގެ ތެރެއިން ޗެލްސީން ކުރީކޮޅުގައި އެ މަސައްކަތް ހުއްޓާލިއެވެ.

ބީބީސީ ސްޕޯޓްސްއިން ބުނީ ސެމެންޔޯ ގެންދަން ސިޓީން އެއްބަސްވުމަކަށް އައީ އޭނާގެ ރިލީސް ފީ ދައްކާ ގޮތަށް ކަމަށެވެ. އެއީ 65 މިލިއަން ޕައުންޑެވެ. އެ ކްލޯސް އެކްޓިވޭޓް ކުރެވޭނީ މިމަހުގެ 10 އެއްގައެވެ. އޭގެ ކުރިން ސިޓީން މެޑިކަލްވެސް ނިންމަން ތައްޔާރުވެފައިވާ އިރު، ހަބަރުތައް ބުނީ މާދަމާގެ ވަގުތެއްގައި ސެމެންޔޯ ސިޓީ މެޑިކަލް ފުރިހަމަ ކުރާނެ ކަމަށެވެ. އެއީ ބޯންމައުތުން މިރޭ ޓޮޓެންހަމްއާ ދެކޮޅަށް ކުޅޭ މެޗަށްފަހުއެވެ.

ސެމެންޔޯ ސިޓީއާ ގުޅެން އެއްބަސްވެފައިވާ ކަމަށް ބޯންމައުތުގެ ކޯޗު، އަންދޯނީ އިރައޯލާވެސް ވަނީ ބުނެފައެވެ. އޭނާ ބުނީ މިރޭގެ މެޗަކީ ސެމެންޔޯ ބޯންމައުތަށް ކުޅޭ ފަހު މެޗަށްވުން ގާތް ކަމަށެވެ.

ކޯޗު އިރައޯލާ އިތުރަށް ބުނީ އަދި ސޮއިކޮށްފައި ނުވާތީ ރަސްމީކޮށް އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާ ކަމަށެވެ.

ސެމެންޔޯއަކީ މިވަގުތު ލީގުގައި އެންމެ ފޯމު ރަނގަޅު އެއް ކުޅުންތެރިޔާއެވެ. މިދިޔަ ސީޒަނުގައިވެސް އޭނާގެ ވިދުން ގަދަވެފައިވާ އިރު، އެ ސީޒަން ނިމުމުންވެސް ކްލަބުތަކުން ވަނީ ސެމެންޔޯއަށް ލޯ އަޅައިފައެވެ.

މި ސީޒަނުގެ މިހާތަނަށްވެސް ސެމެންޔޯ ވަނީ ނުވަ ގޯލް ޖަހައި، ތިން އެސިސްޓް ފުރިހަމަ ކޮށްދީފައެވެ.