ހުއްޓިފައި އޮތް އިންޑިއާގެ ފުޓުބޯޅަ ލީގު، އަންނަ މަހުގެ 14 ވަނަ ދުވަހު ފަށާނެ ކަމަށް ޔޫނިއަން ސްޕޯޓްސް މިނިސްޓަރު މަންސޫހް މަންދާވިޔާ އިއުލާނު ކުރައްވައިފިއެވެ.

އިންޑިއާގެ ޓޮޕް ޑިވިޝން، އިންޑިއަން ސުޕަ ލީގު (އައިއެސްއެލް) އަލުން ފެށޭނެ ތާރީހެއް ޔަގީންކޮށް ނޭނގޭތީ ގިނަ ކްލަބުތަކުން ވަނީ އެއްކޮށް ހަރަކާތްތައް ހުއްޓާލައި، މުސާރަ ދިނުންވެސް މެދުކަނޑާލައިފައެވެ.

އައިއެސްއެލް އާއި އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އާ ދެމެދު ޖެހުނު ރައިޓްސްގެ މައްސަލަގަނޑެއްގެ ސަބަބުން، މާސްޓާ ރައިޓްސް އެގްރީމެންޓްގައި ސޮއި ނުކުރެވި، އެކަން ވަނީ ދިގުލައިގެން ގޮސްފައިވާ އިރު، އިންޑިއާ ލީގުން ފަހުން ސްޕޮންސާއަކަށް ކުރި މަސައްކަތްވެސް ކާމިޔާބެއް ނުވިއެވެ.

އައިއެސްއެލްގެ ކޮމާޝަލް ޕާޓްނަރާއެކު ފުރަތަމަ ވެފައި އޮތް އެއްބަސްވުން، ޑިސެމްބަރު މަހަށް ހަމަވެފައިވާ އިރު، ، އެ އެއްބަސްވުން އޮތްގޮތަށް ސީޒަން ފަށަން އެފްއެސްޑީއެލްވެސް ބޭނުން ނުވީއެވެ.

އޭގެ އިތުރުންވެސް އިންޑިއާގެ ފުޓުބޯޅަ އިދާރާގެ ކޮރަޕްޝަން މައްސަލަތަކެއްވެސް ފެންމަތިވެފައިވާ އިރު، އެގައުމުގެ ސީނިއާ ކުޅުންތެރިންތަކެއް ވަނީ ފީފާގެ އެހީއަށްވެސް އެދިފައެވެ.

އެ ހާލަތަށް ފުޓުބޯޅަ ގޮސްފައި އޮތުމުން، ސަރުކާރުގެ ފަރާތުން އިއްޔެ އިއުލާނުކުރީ ސްޕޮންސަރެއް ލިބެންދެން އައި ލީގާއި ސުޕަ ލީގަށް ފަންޑުކުރާނީ ފުޓުބޯޅަ ފެޑަރޭޝަނުން ކަމަށެވެ.

މިނިސްޓަރު މަންދާވިޔާއާއި ފުޓުބޯޅަ އިދާރާގެ ރައީސް ކަލްޔާން ޗައުބޭވެސް ބައިވެރިވަޑައިގަތް ޕްރެސްގައި މިނިސްޓަރު ވިދާޅުވީ ފުޓުބޯޅަ ފެޑަރޭޝަނުން ސުޕަ ލީގު ކުރިއަށް ގެންދަން 14 ކްރޯރް ދޭނެ ކަމަށެވެ. އަދި އައި ލީގު ހިންގުމަށް ތިން ކްރޯރް ދޭން ނިންމާފައިވާ އިރު، އައި ލީގުގައި ކުޅެން ހަމަޖައްސާފައި ވަނީ 55 މެޗެވެ.

ސުޕަ ލީގާއެކު ޖުމުލަ އެކު 91 މެޗު އިންޑިއާގެ ފުޓުބޯޅަ ސީޒަނުގައި ތާވަލު ކޮށްފައިވާ އިރު، މެޗުތައް ކުޅޭނީ ހޯމް އެންޑް އަވޭ އުސޫލުން ކަމަށްވެސް އިއުލާނު ކޮށްފައިވެއެވެ.

ހަބަރުތައް ބުނެފައިވާ ގޮތުގައި އިންޑިއާގެ ސުޕަ ލީގުގައި ވާދަކުރާ 14 ޓީމަށް ސަރުކާރު މެދުވެރިވެގެން ފުޓުބޯޅަ އިދާރާއިން ދިނީ ހަރުކަށި ނޯޓިސްއެކެވެ. އެގޮތުން މި ސީޒަނުގައި ކުޅެން އެއްބެސް ނުވާނަމަ، ލީގުން ބޭރުކޮށްލާނެ ކަމުގެ ބިރު ދެއްކި ކަމަށްވެސް ބައެއް ނޫސްތަކުން ބުނެއެވެ. އެހެންކަމުން ހުރިހާ ޓީމެއްވެސް ލީގު ކުޅެން އެއްބަސްވެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެފައިވެއެވެ.

ސީޒަން އަލުން ފެށި ނަމަވެސް، އިންޑިއާގެ ފުޓުބޯޅައިގައި އަދިވެސް މައްސަލަތައް އޮތީ ބޮޑުކޮށެވެ. އެގޮތުން އަސާސީ ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތައްވެސް އަދި އޮތީ ހައްލު ނުވެއެވެ.