މެންޗެސްޓާ ޔުނައިޓެޑުން ވަގުތީ ކޯޗެއް ހޯދުމަށް ކުރާ މަސައްކަތުގެ ދަށުން، ތިން ކޯޗުންނަކާ މަޝްވަރާ ކޮށްފި ކަމަށް ނޫސްތައް ބުނެފިއެވެ.
ބީބީސީ ސްޕޯޓްސްއިން ބުނީ ޔުނައިޓެޑުން މަޝްވަރާތައް ފަށާފައިވާ ތިން ކޯޗުންނަކީވެސް ކުރިން އެ ކްލަބަށް ކުޅެފައިވާ ތިން ކޯޗުން ކަމަށެވެ. އެއީ ކުރިންވެސް އެ ކްލަބަށް ކޯޗުކަން ކޮށްދިން އޮލެ ގުނަ ސޮލް ސޮލްޝެއާ އާއި މިވަގުތު ވަގުތީ ކޯޗުކަން ހަވާލުކޮށްފައިވާ ޑެރެން ފްލެޗާ އަދި ކުރިން އެ ކްލަބުގެ ވަގުތީ ކޯޗަކަށް ހުރި މައިކަލް ކެރިކެވެ.
ހަވާލުވިތާ އެންމެ 14 މަސް ފަހުން މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން ރުބެން އަމޯރިމް ވަކިކުރީ އިއްޔެއެވެ. ކޯޗުކަން އަމޯރިމް ވަކިކޮށްފައި ވަނީ އެންމެފަހުން އެޓީމުން ލީޑްސްއާ ދެކޮޅަށް ކުޅެ، 1-1 އިން އެއްވަރުވި މެޗަށްފަހުއެވެ.
ކްލަބުގެ ވެރިންނާވެސް އަމޯރިމްއާ މައްސަލަ ޖެހިފައިވާ އިރު، ރިޕޯޓުތައް ބުނެފައި ވަނީ ޔުނައިޓެޑުން ދާއިމީ ކޯޗެއް ހޯދާނީ މި ސީޒަނަށްފަހުގައި ކަމަށެވެ.
ބީބީސީން ބުނީ އަދި މަޝްވަރާތައް އުޅެނީ އެންމެ ފުރަތަމަ މަރުހަލާގައި ނަމަވެސް، މިހާރު މަޝްވަރާ ކުރަމުންދާ ނަމެއް ފިޔަވައި އިތުރު ނަމެއް ދެން އަންނާނެ ކަމަކަށް ނުބެލެވޭ ކަމަށެވެ.
ސޮލްޝެއާ މީގެ ކުރިން 2018 ވަނަ އަހަރު ޔުނައިޓެޑްގެ ކޯޗުކަމާ ވަގުތީ ގޮތުން ހަވާލުވީ ޖޯސޭ މޮރީނިއޯ މަގާމުން ދުރަށް ދިޔުމުންނެވެ. އެފަހަރު ކުއްލިއަކަށް ކްލަބުގެ ފޯމު ރަނގަޅު ކޮށްލައި، ޖެހިގެން އައި ސީޒަނުގައި އެކްލަބު ނިންމާލީ ތިން ވަނައިގައެވެ.
ސޮލްޝެއާ ކްލަބާ ހަވާލުވުމުގެ ކުރިން އެފަހަރު ކެރިކާވެސް ކެއާޓޭކާ ކޯޗުކަން ހަވާލުކޮށްފައިވާ އިރު، އޭނާއަކީ މޮރީނިއޯގެ ކޯޗިން ޓީމުގައިވެސް ހިމެނުނު ކޯޗެކެވެ. ކެރިކް މިވަގުތު ހުރީ އެއްވެސް ވަޒީފާއެއްގައެއް ނުވެއެވެ. އެއީ އެންމެފަހުން މިޑްލްބްރާއަށް ކޯޗުކަން ކޮށްދިނުމަށްފަހުއެވެ.
ފްލެޗާ މިވަގުތު ކެއާޓޭކާ ކޯޗަކަށް ހުރި އިރު، އޭނާ ބުނީ އެ ކްލަބަށް ކޯޗުކަން ކޮށްދިނުމަކީ ލިބޭ ބޮޑު ޝަރަފެއް ކަމަށެވެ.
ހަބަރުތައް ބުނީ ޔުނައިޓެޑުން ދާއިމީ ކޯޗަކަށްވެސް ބަލަމުންދާ ކަމަށާއި، އެޓީމުން ބަލަމުންދާ ކޯޗުންގެ ތެރޭގައި ކްރިސްޓަޕް ޕެލެސްގައި ހުރި އޮލިވާ ގްލަސްނާއާއި މާސޭގައި ހުރި ރޮބާޓޯ ޑެ ޒާބީ ހިމެނޭ ކަމަށެވެ.
ޔުނައިޓެޑުން ތަޖުރިބާތައް ހޯދަން ކޯޗުންނާ ޓީމު ހަވާލުކުރާ ކަމަށް ބުނެ، އެކަން ހުއްޓާލަން ކްލަބަށް ކުރިން ކުޅުނު ގެރީ ނެވިލްވެސް ވަނީ ގޮވާލައިފައެވެ.
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް