ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިއަހަރު މުބާރާތުގެ އިތުރުން ރާއްޖޭގެ އެހެން މުބާރާތްތަކުންވެސް މިހާރު ފެންނަމުންދަނީ ޓެކްޓިކަލް ފުޓްސަލްއަކަށް ޓީމުތަކުން މަސައްކަތް ކުރާތަން ކަމަށާއި، އޭގެ ސަބަބުން ކުރިއެރުން ފެންނާނެ ކަމަށް އއ. މަތިވެރީގެ ކޯޗު އަހުމަދު ތޯހާ ބުނެފިއެވެ.

މިދިޔަ އަހަރު މާފުއްޓާއެކު ފެނިގެން ދިޔަ ކޯޗު ތޯހާ، މިފަހަރު މަތިވެރި ޓީމު ގޮވައިގެން ނުކުމެ، ފުރަތަމަ މެޗުގައި ހިމަންދޫ ބަލިކުރީ 2-0 އިންނެވެ. އެމެޗަށްފަހު "ވަން ސްޕޯޓްސް"އަށް ވާހަކަ ދައްކަމުން ތޯހާ ބުނީ ޓީމު މިފަހަރު ނެރުނީ ޓެކްޓިކަލް ގޭމަކަށް ބަދަލުކުރަން ވިސްނައިގެން ކަމަށެވެ.

"އަޅުގަނޑު ޓީމާ ހަވާލުވެގެން، މި ޓީމު ބިލްޑް ކޮށްގެން އައިސް މި ނެރުނު ނަތީޖާ ގޯހެއް ނޫން ހަގީގަތުގައި. އެއީ ޓެކްނިކަލް ކުޅުމެއް މި ކުޅުވަނީ މިހާރު. އެ ގޮތަށް ކުޅޭ އިރު، އަމިއްލަ ގޮތާއި، ހުނަރު ދެއްކުމުގެ އުސޫލު މި ބަދަލުކުރަނީ. ދެން އެ ބަދަލުކޮށްގެން އައިސް ބުނި ގޮތަށް ކަންތައް ކުރީމަ ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ،" ތޯހާ ބުންޏެވެ.

މަތިވެރިން އެންމެފަހުން ކުޅުނު މެޗުަގައި ޝަފްރާޒް ގޯލް ޖަހައި އުފާފާޅުކުރަނީ --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ތޯހާ ފާހަގަކުރީ މަތިވެރިއާ ދެކޮޅަށް ކުޅޭ ކޮންމެ ޓީމަކުންވެސް ކަށިން ހިތްވަރު ނެރޭނެ ކަމަށާއި، އެޓީމުތަކަށް މަތިވެރިއާ އެއްވަރުކުރުން ނޫނީ ސްކޯގެ ފަރަގު ކުޑަކުރުން އެއީ ލިބޭ ކާމިޔާބީއެއް ކަމަށެވެ. އޭނާ އިތުރަށް ބުނީ ހިމަންދޫވެސް މިފަހަރު ރަނގަޅަށް ތައްޔާރުވި ކަމަށާއި، ރަނގަޅު ތައްޔާރީތަކުން ޓީމަށް ގެނެސްފައިވާ ހެޔޮ ބަދަލު ފެނުނު ކަމަށެވެ.

"އިދިކޮޅަށް ކުޅުނު ޓީމު ވަރަށް ރަނގަޅު އަސްލު. ރަނގަޅު ކޯޗަކާއެކު ތައްޔާރުވީމަ އޭގެ ނަތީޖާ އެއީ. މިހާރު މިއީ ވަކި ކޯޗަކު، ވަކި ކުޅުންތެރިޔަކު ހުރެގެން ކުޅެވޭނެ ޒަމާނެއް ނޫން. ކުރާ މަސައްކަތް ތަފާތަކަށްވާނީ،" ތޯހާ ބުންޏެވެ.

މަތިވެރިން މިދިޔަ އަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލް ބުރުގައިވެސް ނަތީޖާ ރަނގަޅެވެ. އެޓީމުން މުޅިން އަލަށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފައިވާ އިރު، އެފަހަރު ކުއާޓާއިން ކެޓީ ގދ. ވާދޫ ކައިރިން ބަލިވެގެންނެވެ. ވާދޫން ޕެނަލްޓީގައި މަތިވެރި ބަލިކުރީ 8-6 އިންނެވެ. މެޗު ޕެނަލްޓީއަށް ދިޔައީ 4-4 އިން އެއްވަރުވެގެންނެވެ.

"މިދިޔަ އަހަރު ކުއާޓާއަށް ގޮސްފައި މަތިވެރި އޮތީ. ދެން މިދިޔަ ދެ އަހަރު ކޯޗު، ނައުފަލް މިއޮތީ ޒުވާން ކުޅުންތެރިންތަކެއް މި ޓީމުގައި އުފައްދާފައި. އެކަމަށްޓަކައި ކޯޗަށް ޝުކުރު އަދާކުރަން ބޭނުންވޭ. މީގައި ދެން ހުންނާނެ ބައެއް ދަށް ކަންތައްތައްވެސް. އެކަންކަން ރަނގަޅުކުރަން އަޅުގަނޑަށް ޗާންސް ލިބިފައި މިވަނީވެސް،" ތޯހާ ބުންޏެވެ.

މަތިވެރިން މިދިޔަ އަހަރު މެޗެއްގައި ގޯލް ޖަހައި އުފާފާޅުކުރަނީ --- ފޮޓޯ/ އިމޭޖަސް އެމްވީ

ޖުމުލަކޮށް މުބާރަތުގެ ފެންވަރަށް ވާހަކަ ދައްކަމުން ތޯހާ ބުނީ، މިހާރު ބަދަލުވަމުންދާ ފުޓްސަލްގެ މާހައުލުގައި ކާމިޔާބުވާނީ ޓެކްޓިކަލް ގޭމް ކުޅޭ ޓީމު ކަމަށެވެ.

"މިހާރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ލެވެލްއަށް ބަލަންޏާ އެބަފެނޭ ބަދަލުތަކެއް އަންނަތަން. މިހާރު ގޭމް ވަރަށް ބޮޑަށް ޓެކްޓިކަލް ގޭމަކަށް މި ބަދަލުވަނީ. ޓެކްޓިކަލް ގޭމެއް ކުޅުނު ވަރަކަށް ޓީމު މޮޅުވާނީ. އެއާއެކު ހާލަތްތަކަށް އެޖެސްޓްވާން ތަޖުރިބާކާރު ކުޅުންތެރިން ބޭނުންވާނެ،" ތަޖުރިބާކާރު ކޯޗު ތޯހާ ބުންޏެވެ.