ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި އޮޑި ސްޕޯޓްސް ކްލަބު ވާދަކުރި މެޗު ގޯލެއް ނުޖެހި އެއްވަރުވެއްޖެއެވެ.

ގައުމީ ދަނޑުގައި މިއަދު ކުޅުނު މެޗު 0-0 އިން އެއްވަރުވެފައިވާ އިރު، މިއަދުގެ ނަތީޖާއާއެކު އޮޑިއަށް ލީގަށް ވާދަކުރަން ވަނީ ހުރަސްތަކަކާ ކުރިމަތިވެފައެވެ.

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މިވަގުތު ތާވަލުގެ އެއްވަނައިގައި އޮތީ 13 މެޗުން 37 ޕޮއިންޓާ އެކުގައެވެ. ދެވަނައިގައި އޮތް އޮޑިއަށް ވަނީ 13 މެޗުން 29 ޕޮއިންޓް ލިބިފައެވެ. ތިން ވަނައިގައި އޮތް ނިއުއަށް 13 މެޗުން 24 ޕޮއިންޓް ލިބިފައިވާ އިރު، އެޓީމަށް މިފަހަރު ލީގުގައި އޮޑި ބަލިކުރެވިފައެއް ނުވެއެވެ.

ފުރަތަމަ ބުރުގައި ކުޅުނު މެޗުން އޮޑި މޮޅުވި އިރު، މިއަދުގެ މެޗު ނިއުއިން ފެށީ އެންމެ ފޯމު ރަނގަޅުކޮށް ހުރި ފޯވަޑް، އަލީ ފާސިރު (ސެންޓޭ) ނުލައެވެ. އެޓީމުގެ ސެންޓަ ފޯވަޑަކަށް ކުޅުނީ ނައިޖީރިއާގެ ފޯވާޑް އަލްހާޖީ ގޭރޯއެވެ.

މެޗުގައި ދެޓީމުގެ ފަރާތުންވެސް ގޯލަކަށް މަސައްކަތް ކޮށްފައިވާ އިރު، ނިއުގެ ބިދޭސީ ފޯވަޑާއި އޮޑީގެ އިބްރާހީމް ވަހީދު ހަސަން އަށްވެސް ގޯލް ޖަހާނެ ފުރުސަތުތައް ލިބުނެވެ.

ދެވަނަ ހާފުގައި ނިއުއިން ސެންޓޭއާއި އަލީ އަޝްފާގު (ދަގަނޑޭ)ވެސް ކުޅެން ނެރެފައިވާ އިރު، އެ ދެކުޅުންތެރިންނާއެކުވެސް ގޯލެއް ޖެހޭނެ ގޮތެއް ނުވިއެވެ.

ދިވެހި ޕްރިމިއާ ލީގުގައި ދެން މެޗެއް އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.