ފްރާންސް ލީގުގެ ސްޓްރަސްބާގުގެ ކޯޗުކަމުގައި ހުރި ލިއަމް ރޮސެނިއޯ، އެ ކްލަބު ދޫކޮށް ޗެލްސީއާ ހަވާލުވެއްޖެއެވެ.
ޗެލްސީގައި އެންމެފަހުން ހުރި ކޯޗު އެންޒޯ މަރެސްކާ، މިހަފުތާ ތެރޭގައި މަގާމު ދޫކޮށްލީ ކްލަބުގެ ހައިރާކީއާ ޖެހުނު މައްސަލަތަކެއް ހައްލުނުކުރެވިގެންނެވެ. އޭނާ އަމިއްލައަށް ކްލަބު ދޫކޮށްލީ ދެފަރާތް އެއްބަސްވެގެން ކަމަށް ކްލަބުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ހަބަރުތައް ބުނީ މިދިޔަ އަހަރު ފަހުކޮޅާ ހަމައަށްވެސް ޗެލްސީގެ ބޯޑާއި މަރެސްކާއާ އޮތް ގުޅުން ރަނގަޅު ކަމަށެވެ. އެހެން ނަމަވެސް، ޑިސެމްބަރުގެ ނަތީޖާތަކާއެކު މަރެސްކާއަށް ޕްރެޝަރު ބޮޑުވި ކަމަށް ނޫސްތަކުން ބުންޏެވެ.
ޗެލްސީން އެންމެފަހުން ލީގުގައި ކުޅުނު ހަތް މެޗުގެ ތެރެއިން އެޓީމު މޮޅުވީ އެންމެ މެޗަކުންނެވެ. ޑިސެމްބަރު ފެށިއިރު ޗެލްސީން ލީގު ތިންވަނައިގައި އޮތީ އާސެނަލާ ހަތަރު ޕޮއިންޓް ފަރަގެއްގައެވެ. އެހެން ނަމަވެސް މިހާރު އެޓީމު އޮތީ ހަވަނައިގައެވެ. އެއީ އެއްވަނައިގައި އޮތް އާސެނަލާ 15 ޕޮއިންޓް ފަރަގެއްގައެވެ.
އިނގިރޭސި ކޯޗު ރޮސެނިއޯއަކީ ޗެލްސީން އަބަދުވެސް ބަލަމުންދިޔަ ކޯޗެކެވެ. އުމުރުން އެންމެ 41 އަހަރުގެ ކޯޗު ރޮސެނިއޯ އެންމެފަހުން ކޯޗުކަން ކޮށްދިން ސްޓްރަސްބާގަކީވެސް ބްލޫކޯގެ ކްލަބެކެވެ. އެ ފަންޑަކީ ޓޮޑް ބޮއެލީއާއ ކްލިއާލޭކް ކެޕިޓަލް އެކުވެގެން ހަދާފައިވާ އިންވެސްޓްމަންޓް ފަންޑެކެވެ. އެހެންކަމުން ދެ ކްލަބަކީވެސް އެއް އޯނާޝިޕަކުން ހިންގާ ދެ ކްލަބެކެވެ.
ޗެލްސީއާ ހަވާލުވުމަށްފަހު ރޮސެނިއޯ ބުނީ ދުނިޔޭ ޗެމްޕިއަނުންގެ ހުށަހެޅުމެއް ލިބުމުން އެއްވެސް ކޯޗަކުން އެ ފުރުސަތު ދޫކޮށް ނުލާނެ ކަމަށެވެ. އޭނާ ބުނީ ސްޓްރަސްބާގާއެކު ހޭދަކުރި 18 މަހަކީ އުފާވެރި ވަގުތުތަކެއް ކަމަށާއި، ޗެލްސީއަށް އާނބަސް ބުނީ ފުރުސަތުގެ ބޮޑު ކަމުން ކަމަށެވެ.
އޭގެ އިތުރުން ރޮސެނިއޯ ބުނީ ތައްޔާރު ނޫންނަމަ، ޗެލްސީއަށް އާނބަސް ނުބުނާނެ ކަމަށެވެ.
ރޮސެނިއޯ ވަނީ ކުރިން 2024 ވަނަ އަހަރު ހަލް ސިޓީއަށް ކޯޗުކަން ކޮށްދީފައެވެ. އެ ކްލަބުން ފޮނުވާލިފަހުން އޭނާ ވަނީ ސްޓްރަސްބާގާއެކު ލީގު ވަންގެ ހަތްވަނައިގައި ނިންމާލައި، ޔޫރަޕްގެ ފުރުސަތު ހޯދައިދީފައެވެ.
ރޮސެނިއޯއަކީ ކުޅުންތެރިން އުފެއްދުމުގައިވެސް ފާހަގަކޮށްލެވޭ ކޯޗަކަށްވާ އިރު، އޭނާގެ ސްޓައިލަކީވެސް ޒަމާނީ ސްޓައިލެކެވެ. މިދިޔަ ސީޒަނަށްފަހު ރޮސެނިއޯ ހޯދަން ބައެއް ކްލަބުތަކުން މަސައްކަތް ކުރިއެވެ. އޭނާ ޗެލްސީއާއެކު ރަސްމީކޮށް ފަރިތަކުރުންތަކަށް ނުކުންނާނީ ބުރާސްފަތި ދުވަހުއެވެ.
ޗެލްސީ
ޗެލްސީ
ޗެލްސީ
ޗެލްސީ