ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ފ. އަތޮޅު، އަތޮޅު ބުރުގައި ނިލަންދޫން ބޮޑު މޮޅެއް ހޯދި އިރު، މ. އަތޮޅުގެ އަތޮޅު ބުރުގައި ދިއްގަރާއި މަޑުއްވަރިންވެސް ފެށުން ރަނގަޅުކޮށްފިއެވެ.

މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ ކުޅުން ފެށިގެން ކުރިއަށްދާ އިރު، ފ. އަތޮޅުން ވާދަކުރަނީ ފަސް ޓީމެވެ. އެ އަތޮޅުގެ ދެމެޗު ރޭ ކުޅެފައިވާ އިރު، ނިލަންދޫން ފީއަލީ ބަލިކުރީ 5-1 އިންނެވެ.

މެޗުގައި ނިލަންދޫގެ ހަސަން ރާއިދާއި އިޔާޒް އަހުމަދު، މި ދެކުޅުންތެރިން ކޮންމެ ކުޅުންތެރިޔަކު ދެ ގޯލް ޖެހި އިރު، އަނެއް ގޯލް ޖަހައިދިނީ ޝަހުދާން އަބްދުލްގަނީއެވެ. ފީއަލީގެ ހަމައެކަނި ގޯލް ޖެހީ ޝާއިފް އަބްދުﷲ ހަމީދެވެ.

އެ އަތޮޅުގެ އެންމެފަހުގެ ޗެމްޕިއަން ދަރަނބޫދޫން ކުޅުނު މެޗުގައި ބިލެއްދޫން އެއްވަރުކުރީ 2-2 އިންނެވެ. ބިލެއްދޫން މެޗުގައި ގޯލްތައް ޖަހައިދިނީ މުހައްމަދު ޒީދާނާއި ނަދީފް އިބްރާހީމެވެ. ދަރަނބޫދޫގެ ގޯލްތައް ޖެހީ މުއައްލިމް އުމަރާއި ސާއިން އަލީއެވެ.

ދިއްގަރުން ކުޅުނު މެޗުގެ ތެރެއިން --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

މ. އަތޮޅުގެ މެޗުތައްވެސް ރޭވެސް ފަށާފައިވާ އިރު، އެ އަތޮޅުން ފަސް ރަށަކުން ވާދަކުރަމުން ދެއެވެ. އެންމެފަހުގެ އަތޮޅު ޗެމްޕިއަން ދިއްގަރުން ރޭ ކުޅުނު މެޗުގައި މުލައް ބަލިކުރީ 2-0 އިންނެވެ. ދިއްގަރުގެ ގޯލްތައް ޖެހީ އައްމާރު ބިން އާސިފާއި އިސްމާއީލް ވާއިލެވެ.

އެ އަތޮޅުގައި ރޭ ކުޅުނު އަނެއް މެޗުގައި މަޑުއްވަރީން ކޮޅުފުށި ބަލިކުރީ 1-0 އިންނެވެ. މަޑުއްވަރީގެ ހަމައެކަނި ގޯލް ޖެހީ ތޮލާލް ނަސީރެވެ.