ރައްޔިތުންގެ މަޖިލީހުން މިހާރު ދައުރުން ބޭރުން ބާއްވަމުންދާ ޖަލްސާތައް ބޮއިކޮޓް ކުރަން އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން ނިންމައިފިއެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ މެންބަރެއް ކަމަށްވާ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލީހުގައި މިހާރު ބާއްވަމުންދާ ޖަލްސާތަކަކީ ގާނޫނުއަސާސީއާ ހިލާފަށް ބާއްވަމުންދާ ޖަލްސާތަކެއްކަމަށް އެމްޑީޕީ ޕީޖީން ނިންމާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކުރަން ނިންމީ، ގާނޫނުއަސާސީއާ ހިލާފަށް ޖަލްސާތައް ބާއްވާތީ އެކަމާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން ކަމަށެވެ.
މަޖިލިސް ޗުއްޓީގައި އޮއްވައި، މެންބަރުންނަށް އެކަށީގެންވާ ނޯޓިސްއެއް ނުދީ ދައުރުން ބޭރުން ޖަލްސާތައް ބޭއްވުމުގެ މަގުސަދަކީ ގާނޫނުއަސާސީއަށް ގެންނަން އުޅޭ އިސްލާހުތައް އަވަހަށް ފާސްކުރުންކަމަށް ކުޑޫ ވިދާޅުވިއެވެ.
ކުޑޫ ވިދާޅުވީ އެއީ، ގާނޫނު އަސާސީގެ 83 ވަނަ މާއްދާއާއި 88 ވަނަ މާއްދާއާ ހިލާފު ކަމެއްކަމަށެވެ. އަދި އެއީ ރައްޔިތުން ތަމްސީލު ކުރުމަށް މެންބަރުންނަށް ލިބިދޭ ހައްގަށް ހުރަސް އެޅޭނެކަމެއް ކަމަށެވެ.
ދައުރުން ބޭރުން މިހާރު މަޖިލީހުގައި ޖަލްސާތައް ބާއްވަނީ ރިޔާސީ އިންތިހާބާއި، މަޖިލިސް އިންތިހާބު އެއްކޮށްލުމާއި، ޕެންޝަން ގާނޫނަށް ބަދަލު ގެނައުމުގެ އިތުރުން ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ރައީސްގެ މަގާމަށް އައިޝަތު ރަމީލާ އައްޔަންކުރުމުގެ މަސައްކަތް ކުރުމަށެވެ.
އޭގެ ތެރެއިން ބައެއް މަސައްކަތައް މިހާރުވަނީ ކޮމިޓީ މަރުހަލާގައެވެ.
މުހައްމަދު އިޝާން
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ