ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ނުވަތަ ވާނުވާގައި ތިބި ހުރިހާ މީހުންގެ މައްސަަލަތައް މިއަހަރު ނިމޭނެކަމުގެ އުންމީދު އެބައޮތްކަމަށް ކުރިމިނަލް ކޯޓުން ބުނެފިއެވެ.
ކުރިމިނަލް ކޯޓުން މިފަހުން އާންމުކޮށްފައިވާ އެ ކޯޓުގެ ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ އަހަރު ފެށުނުއިރު ޝަރީއަތް ނިމެންދެން ބަންދުގައި ތިބީ 272 މީހުންނެވެ. މިދިޔަ އަހަރު ނިމުނުއިރު އޭގެ ތެރެއިން ބަންދުގައި ތިބީ 128 މީހުންނެވެ.
"ޝަރީއަތް ނިމެންދެން ބަންދުގައި ތިބި ފަރާތްތަކުގެ މައްސަލަތައް ދިގުލައި ނުނިމި އޮތް އޮތުން 2026 ވަނަ އަހަރުގެ ތެރޭގައި ހައްލުވާނެ ކަމީ ނަންބަރުތަކުން ދައްކުވައިދޭ ހަގީގަތެކެވެ. 2026 ވަނަ އަހަރު ފެށުނުއިރު ބަންދުގައި ތިބި ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތެއް 2026 ވަނަ އަހަރު ނިމޭއިރު ބަންދުގައި ނުހުންނާނެ ކަމީ ކޯޓުގެ މަސައްކަތުގެ ދުވެއްޔާއި ކޯޓުގެ އަމާޒަށް ބަލާއިރު ހާސިލުވާނެ ލަނޑުދަނޑިއެއް ކަމާ މެދު ޝައްކެއް ނެތެވެ" ކުރިމިނަލް ކޯޓުން ބުންޏެވެ.
ކުރިމިނަލް ކޯޓުގެ އިސްގާޒީ އާދަމް މުހައްމަދު ވިދާޅުވީ، ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް މިދިޔަ އަހަރު ވަރަށް ބޮޑު ހައްލެއް ލިބިގެން ދިޔަ ކަމަށެވެ.
ކުރިމިނަލް ކޯޓުން ބޭނުން ކުރަމުންދިޔަ އީމަރާތަކީ ޖާގައިގެ ގޮތުން ދަތި އިމާރާތަކެވެ. އެ އިމާރާތް ބާވެ، ވަރަށް ބޮޑަށް ހަލާކުވުމުގެ ސަބަބުން، އެ އިމާރަތް ބޭނުން ކުރުން ހުއްޓާލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ކުރިމިނަލް ކޯޓަށް އެންގިއެވެ.
އިސްގާޒީ ވިދާޅުވީ، އިމާރަތް ބޭނުން ކުރުން ހުއްޓާލިފަހުން މަސައްކަތް ކުރަމުންދިޔައީ ނުހަނު ދަތިކަމުގައެވެ. ގާޒީ ވިދާޅުވީ އެކަމުގެ ސަބަބުން މައްސަލަ ނުނިމި ލަސްވި ކަމަށާއި އިމާރާތް ބޭނުން ކުރުން ހުއްޓާލަން އެންގުމުގެ ކުރިއަށް 2022 ވަނަ އަހަރު މައްސަލަތައް ނިމުނު އަދަދާއި 2023 ވަނަ އަހަރާ އަޅާ ބަލާއިރު، 55 ޕަސެންޓް ދަށްވި ކަމަށެވެ.
ނަމަވެސް މިދިޔަ އަހަރު ހުޅުމާލޭގައި ހުޅުވި ޖަސްޓިސް ބިލްޑިން އެނެކްސްއާއެކު ކުރިމިނަލް ކޯޓުގެ ހިންގުން އެ އިމާރާތަށް ބަދަލުވިކަން ފާހަގަކުރައްވައި އިސްގާޒީ ވިދާޅުވީ ކުރިމިނަލް ކޯޓުގެ މަސައްކަތް މިއިން ދުވަހަކުވެސް ނުހިނގާ ބާރުމިނުގައި ހިނގަން ފަށައިފައިވާ ކަމަށެވެ.
"ކްރިމިނަލް ކޯޓުގެ ތާރީހުގައި ވެސް ނުދެކޭހައި އަވަސް މިނެއްގައި ކޯޓުގެ މަސައްކަތް ހިނގާ މަންޒަރާއި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި ފަރާތްތަކުގެ މައްސަލަތައް ނިމުމުގެ މަންޒަރު ތަފާސްހިސާބުތަކުން ފެނެއެވެ" އިސްގާޒީ އާދަމް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ބ. ދަރަވަންދޫ
ކުށް
ރިޕޯޓް
ކާބޯތަކެތި