ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބު ކުރަން ބާއްވާ ރިޔާސީ އިންތިހާބާ އެކު، ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބު، ދެ އިންތިހާބު އެއްކޮށް ބާއްވަން ގާނޫނު އަސީސާއަށް އިސްލާހު ގެންނަން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، އިތުރަށް ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

ދައުރުން ބޭރުން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާއަށް މި ބިލް ހުށަހެޅުއްވީ ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުއެވެ.

މި ބިލް މަޖިލީހަށް ބަލައިގަތީ ޖަލްސާގައި ތިއްބެވި 52 މެންބަރުންގެ ތެރެއިން 46 މެންބަރުން ބިލު ބަލައި ގަންނަން ވޯޓު ދެއްވައިގެންނެވެ. ބިލު ބަލައި ނުގަތުމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ، ފަސް މެންބަރުން ކަަމަށްވާ، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު އާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް އާއި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ އާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު އަދި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލްއެވެ.

ބިލު މަޖިލީހަށް ބަލައި ގަތުމުން އިތުރަށް ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަސް ފޮނުވިއެވެ.

މި ބިލްގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް މީހުން ހޮވުމަށް ބާއްވަންޖެހޭ އިންތިހާބު ބާއްވާނީ، ގާނޫނުއަސާސީގެ 110 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވާ އިންތިހާބާއެކު ކަމަށެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަސް ކަމަށާއި އެ މުއްދަތު ހަމަވުމުން މަޖިލިސް އުވުނީ ކަމަށް ކަނޑަަޅަން ވެސް ވަނީ ހުށަހަޅައިފައެވެ.

އެގޮތުން މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވެގެން މަޖިލިސް އުވާލުމާއެކު، އަލަށް އިންތިހާބު ކުރާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ވާނީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ކަމަށް ކަނޑައަޅަން ވެސް ވަނީ ހުށަހަޅައިފައެވެ.

މި އިސްލާހު ގާނޫނުއަސާސީއަށް ގެނެސްފިނަމަ މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުވެ 2028 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަަނަ ދުވަހަށް 20 ވަނަ މަޖިލީހުގެ ދައުރު ހަމަވާނެއެވެ.

މިހާރު ގާނޫނު އަސާސީގައި އޮންނަ ގޮތުން މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވާނީ 2029 ވަނަ އަހަރުގައެވެ.