އެފްރިކާގެ ގައުމުތަކުން ވާދަކުރާ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، އެފްރިކާ ކަޕް އޮފް ނޭޝަންސް 2026 ގެ ގަދަ 16 ގައި ކުޅުނު މެޗުތައް ކާމިޔާބުކޮށް، ހޯސްޓް މޮރޮކޯ އާއި ކެމަރޫންވެސް ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މޮރޮކޯއިން އެތައް ހާސް ސަޕޯޓަރުންނެއް ކުރިމަތީގައި ރޭ ޓަންޒޭނިއާ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި އެޓީމުގެ ހަމައެކަނި ގޯލް ޖަހައިދިނީ މިހާތަނަށް މުބަރާތުގައި މޮޅަށް ކުޅެމުން އަންނަ ބްރަހީމް ޑިއާޒެވެ.

ޑިއާޒް މިހާތަނަށް މުބާރާތުގައި ހަތަރު ގޯލް ޖަހާފައިވާ އިރު، އޭނާއަކީ މިވަގުތު އޭސީ މިލާނަށް ކުޅެމުންދާ ކުޅުންތެރިއެކެވެ. ޑިއާޒް، މިލާނުގައި ހުރީ ރެއާލް މެޑްރިޑްގެ ލޯން އެއްބަސްވުމެއްގައެވެ.

އޭގެ އިތުރުންވެސް ޑިއާޒާއި އައްޔޫބް އަލް ކާބީއަށް ރަނގަޅު ފުރަތަމަތަކެއް ލިބުނު އިރު، ރޭގެ މެޗަކީ ޓަންޒޭނިއާއިން އެފްކޯންގެ ނޮކްއައުޓް ބުރުގައި ކުޅުނު ފުރަތަމަ މެޗެވެ.

ކެމަރޫނުން ރޭ ދެކުނު އެފްރިކާ ކައިރިން 2-1 އިން މޮޅުވި އިރު، ކެމަރޫންގެ ގޯލްތައް ޖަހައިދިނީ ޖޫނިއާ ޝަމަޑޭއާއި ކްރިސްޓިއަން ކޮފާނޭއެވެ. ދެކުނު އެފްރިކާގެ ގޯލް، މެޗު ނިމެން ދަނިކޮށް ޖަހައިދިނީ އެވިޑެންސޭ މަކްގޯޕާއެވެ.