ގޮންޒާލޯ ގާސިއާގެ ހެޓްރިކާއެކު ރެއާލް ބެޓިސް ބަލިކޮށް، ރެއާލް މެޑްރިޑުން ބާސެލޯނާއާ ގާތަށް ޖެހިލައިފިއެވެ.

އުމުރުން 21 އަހަރުގެ ގާސިއާ ރޭގެ މެޗުގެ ފުރަތަމަ 11 އަށް ނުކުތީ އަނިޔާގައި ހުރި ކިލިއަން އެމްބާޕޭގެ ބަދަލުގައެވެ. ރެއާލަށް ޖަހައިދިން ފުރަތަމަ ގޯލާއެކު ހެޓްރިކް ފުރިހަމަކޮށް، ގާސިއާ ވަނީ 5-1 އިން ބެޓިސް ބަލިކުރުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.

މެޗުގެ 20 ވަނަ މިނެޓުގައި ބޮލުން ޖެހި ގޯލާއެކު ގާސިއާ ވަނީ ރެއާލަށް ގޯލް ހުޅުވާލަ ދީފައެވެ. އަދި ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ، ހިތްގައިމު ވޮލީއަކާއެކު ގާސިއާ ވަނީ ރެއާލަށް ލީޑު ފުޅާވެސް ކޮށްދީފައެވެ.

ގާސިއާގެ ދެވަނަ ގޯލަށް ހަ މިނެޓް ހިނގިތަނާ ރައުލް އެސެންސިއޯ ރެއާލަށް އިތުރު ގޯލެއް ޖަހައިދިން އިރު، ދެން ފެނުނީ ބެޓިސްގެ ގޯލެކެވެ. އެ ގޯލް ޖަހައިދިނީ ކޫޗޯ ހެނާންޑޭޒްއެވެ.

އެ ގޯލަށްފަހު ބެޓިސް ކުރިއަށް ޖެހި ނުރައްކާ ކުރަމުން ދަނިކޮށް، ގާސިއާ ވަނީ ހެޓްރިކް ފުރިހަމަކޮށް ރެއާލަށް ހަމަޖެހިލަން ފުރުސަތު ހޯދައދީފައެވެ. ރެއާލުން މެޗުގެ ފަހުވަގުތުގައި ޖެހި ފަސްވަނަ ގޯލަކީ ފްރޭން ގާސިއާ ޖަހައިދިން ގޯލެކެވެ.

ރޭގެ ނަތީޖާއާއެކު ރެއާލް ލީގު ތާވަލުގެ ދެވަނައިގައި އޮތީ 19 މެޗުން 45 ޕޮއިންޓާއެކުގައެވެ. އެއްވަނައިގައި ވާދަވެރި ބާސެލޯނާ އޮތީ 19 މެޗުން 49 ޕޮއިންޓާއެކުގައެވެ.