ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ހއ. އަތޮޅުގެ ތަށި، ފުރަތަމަ ފަހަރަށް މާރަންދުއަށް ހޯދައިދޭން ބޭނުންވާ ކަމަށާއި، އެކަމަށް އުންމީދު ލިބިއްޖެ ކަމަށް ކެޕްޓަން ހުމައިދު ހުސެއިން ބުނެފިއެވެ.

މިއަހަރުގެ ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ހއ. އަތޮޅު މެޗުތައް ފަށާފައިވާ އިރު، އެ އަތޮޅުން 10 ޓީމު ވާދަކުރަމުންދެއެވެ. އަތޮޅު ބުރު ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ އިރު، ހުމައިދާއެކު މާރަންދޫން ވަނީ އަތޮޅުގެ އެންމެ ކާމިޔާބު ޓީމު، އެންމެފަހުގެ ޗެމްޕިއަން ވަށަފަރު ބަލިކޮށްފައެވެ. ހުމައިދުގެ ގޯލަކާއެކުވެސް މާރަންދޫން ފަހަތުން އަރައި ވަށަފަރު ބަލިކުރީ 2-1 އިންނެވެ.

"ވަށަފަރަކީ ހއ އަތޮޅުގެ އިތުރުން މުބާރާތުގައިވެސް އެންމެ ވަރުގަދަ އެއް ޓީމު. އަލްހަމްދުﷲ މިރޭގެ މެޗުން މޮޅުވީތީ. ވަށަފަރުން ގޯލެއް ޖަހާފައި އޮއްވައި، ފަހަތުން އަރައި ދެ ގޯލް ޖަހައިގެން ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން މި މޮޅުވީ. އެހެންވީމަ ކުޅުންތެރިން ކުރި ބުރަ މަސައްކަތުން މިއަދު މި މޮޅު ހޯދުނީ،" މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި ހުމައިދު "ވަން ސްޕޯޓްސް"އަށް ބުންޏެވެ.

ހުމައިދު ރޭ އިތުރަށް ބުނީ ރަށުގެ ތާރީހަށްޓަކައި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ތަށްޓަކީ މުހިއްމު ކާމިޔާބީއަކަށް ވާނެ ކަމަށާއި، އޭނާއަށް ތަށި ހާއްސަ ވަނީ ރަށް ތަމްސީލުކުރަން ލިބޭ އެންމެ ބޮޑު ޕްލެޓްފޯމަކީ ގޯލްޑަން ކަމަށްވާތީ ކަމަށެވެ.

"ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދިޔުމަށް މަސައްކަތް މިކުރަނީ. ދެން ފުރަތަމަ ޓާގެޓަކީ އަތޮޅު ފައިނަލް ކުޅުން. ފައިނަލުން އިރާދަކުރެއްވިއްޔާ ރަށަށް ފުރަތަމަ ތަށްޓެއް ހޯދައިދިނުން އެއީ ޓާގެޓަކީ. އަތޮޅު ތަމްސީލުކުރުމަށް ލިބޭ ހަމައެކަނި އަދި އެންމެ ވަރުގަދަ މުބާރާތް މިއީ. އެހެންވީމާ މިއީ ރަށަށް ވަރަށް މުހިއްމު ތަށްޓެއް،" ރާއްޖޭގެ ޒުވާން ގައުމީ ޓީމުގެ އިތުރުން ސީނިއާ ގައުމީ ސްކޮޑުގައިވެސް ހިމެނުނު ހުމައިދު ބުންޏެވެ.

ރޭ ވަށަފަރާއި މާރަންދޫ ވާދަކުރި މެޗުގައި ހުމައިދު ބޯޅައާއެކު --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ހުމައިދު ބުނީ ސަޕޯޓަރުންގެ ރޫހު އޮތީ ވަރަށް ރަނގަޅަށް ކަމަށާއި ކުރިއަށް އޮތް މެޗުތަކުގައިވެސް އެ ސަޕޯޓް ޓީމަށް ބޭނުންވާ ކަމަށެވެ.