ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ކްލަބު ވެލެންސިއާއާއި ވިކްޓްރީ ސްޕޯޓްސް ކްލަބު އެއްވަރުވެއްޖެއެވެ.
ގައުމީ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ވިކްޓްރީއާއި ވެލެންސިއާ އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗަށް ނުކުތް އިރު ވިކްޓްރީއަކީ ލީގުގައި އެންމެ ފޯމު ރަނގަޅުކޮށް އޮތް އެއް ޓީމެވެ. ދެވަނަ ބުރުގައި ފުރަތަމަ ކުޅުނު ތިން މެޗުންވެސް މޮޅުވެފައި އޮވެގެން ވިކްޓްރީން މިރޭގެ މެޗަށް ނުކުތް އިރު، ވެލެންސިއާ މެޗަށް ނުކުތީ ލީގުގެ އެންމެ ފުލުގައި އޮވެގެންނެވެ.
މިރޭގެ ނަތީޖާއާއެކު ވެލެންސިއާ ނުވަ ވަނައަށް ޖެހިލާފައިވާ އިރު، އެޓީމަށް 13 މެޗުން ލިބިފައި ވަނީ އަށް ޕޮއިންޓެވެ. ވިކްޓްރީ މިވަގުތު އޮތީ ފަސްވަނައިގައެވެ. އެއީ 13 މެޗުން 20 ޕޮއިންޓާއެކުގައެވެ.
މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާ އިރު، 57 ވަނަ މިނެޓުގައި ލީޑު ނެގީ ވެލެންސިއާއިންނެވެ. ފްރާންސް ފޯވާޑް ސްޓެފަން ބްލޯންކް ޖެހި އެ ގޯލަކީ މަޓިއަސް އަޕެލްޓް ފޮނުވާލި ހަމަލާ ދަނޑީގައި ޖެހިފައި ނުކުތުމުން އޭނާ ޖެހި ގޯލެކެވެ.
އޭގެ އިރުކޮޅެއްފަހުން ދަނޑުގެ ލައިޓްތަކަށް ދިމާވި މައްސަލައަކާ ގުޅިގެން 20 ވަރަކަށް މިނެޓަށް ކުޅުން މެދުކަނޑާލަން ޖެހިފައިވާ އިރު، މެޗުގެ 95 ވަނަ މިނިޓްގައި ވިކްޓަރީ އަށް އެއްވަރުކޮށްދިނީ ތަޖުރިބާކާރު ފޯވަޑް އިބްރާހީމް ޝަފްރާޒް (ޝަފްލޭ) އެވެ. ޖަވޯކިރް އަޒަމޯވް ނަގައިިދިން ހުރަސް، ޝަފްލޭ ގޯލަށް ވައްދާލީ ބޮލުންނެވެ.
ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ކްލަބް އީގަލްސް ނުކުްނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު