މިދިޔަ އަހަރު ގެވެށި އަނިޔާގެ މައްސަލަތައް ހުށަހެޅި މިންވަރު އިތުރުވެފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންވަނީ މިއަދު މިދިޔަ އަހަރުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ. އެ ތަފާސްހިސާބުގައިވާ ގޮތުން 2024 ވަނަ އަހަރު ހުށަހަޅާފައިވާ ގެވެށި އަނިޔާތަކުގެ މައްސަލަތަކާ އަޅާބަލާއިރު މިދިޔަ އަހަރު ހުށަހަޅާފައިވާ ގެވެށި އަނިޔާގެ މައްސަލަތައްވަނީ 18 ޕަސަންޓަށް އިތުރުވެފައެވެ.

އެގޮތުން 2024 ވަނަ އަހަރު ގެވެށި އަނިޔާގެ 255 މައްސަލައެއް ހުށަހެޅިއިރު މިދިޔަ އަހަރުވަނީ 301 މައްސަލައެއް ހުށަހަޅައިފައެވެ. ތަފާސްހިސާބުގައިވާ ގޮތުން ގެވެށި އަނިޔާގެ މައްސަލަތައް ރިޕޯޓު ކުރި މިންވަރު ވަނީ 45 ޕަސަންޓަށް އިތުރުވެފައެވެ.

ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ އަހަރު ފުލުހަށް ހުށަހެޅުނު ޖިންސީ ކުށުގެ މައްސަލަތައްވަނީ 18 ޕަސަންޓަށް ދަށްވެފައެވެ.

މީގެ އިތުރުން ތަފާސްހިސާބުގައިވާ ގޮތުން 2024 ވަނަ އަހަރު ވައްކަމުގެ 3،700 މައްސަލައެއް ހުށަހެޅިއިރު މިދިޔަ އަހަރު ހުށަހަޅާފައިވަނީ 3،400 މައްސަލައެވެ. ތަފާސްހިސާބުގައި ފާހަގަކޮށްފައިވާ ގޮތުން އެއީ އަށް ޕަސަންޓުގެ ދަށްވުމެކެވެ. ފޭރުމުގެ 506 މައްސަލައެއް 2024 ވަނަ އަހަރު ހުށަހެޅިއިރު މިދިޔަ އަހަރު ހުށަހަޅާފައިވަނީ 231 މައްސަލައެކެވެ.

މިދިޔަ އަހަރު އެކްސިޑެންޓުގެ މައްސަލަތައް 2024 ވަނަ އަހަރާ ބަލާއިރު އިތުރުވެފައިވާކަމަށް ތަފާސްހިސާބުގައި ދައްކައެވެ. އެގޮތުން 2024 ވަނަ އަހަރު އެކްސިޑެންޓުގެ 2،800 މައްސަލައެއް ހުށަހެޅިއިރު މިދިޔަ އަހަރު އެ އަދަދުވަނީ 3،000 އަށްވުރެ އިތުރުވެފައެވެ.

ތަފާސްހިސާބުގައިވާ ގޮތުން 2024 ވަނަ އަހަރު މަސްތުވާތަކެތީގެ 1،600 މައްސަލައެއް ހުށަހެޅިއިރު މިދިޔަ އަހަރު ހުށަހަޅާފައިވަނީ 2،000 މައްސަލައެވެ.