ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭގެ ތިން ސަރަހައްދެއްގައި ހާއްސަ މަރުކަޒުތަކެއް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު އެންޑް ފެމިލީ މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން "އަހާށޭ ބުނާނަން" ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ގީލާ މިއަދު ވިދާޅުވީ މި މަރުކަޒުތައް ގާއިމުކުރަނީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ ވަށައިޖެހޭ އެހީތެރިކަން އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި މަޝްރޫއުގެ ދަށުން މަރުކަޒުތައް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީއާއި ހުޅުމާލޭގެ އިތުރުން ރ. އުނގޫފާރުގައި ކަމަށެވެ.

މި މަސައްކަތުގެ ތެރެއިން އައްޑޫ ސިޓީގައި ގާއިމުކުރާ މަރުކަޒުގެ މަސައްކަތްކުރުމަށް ފަރާތެއް ހޯދުމަށް މިއަހަރުގެ ތެރޭގައި ވަނީ އިއުލާނުކޮށްފައެވެ. މި މަޝްރޫއަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ސްޓްރެންތެނިން ޖެންޑާ އިންކްލޫސިވް އިނިޝިއޭޓިވް ޕްރޮޖެކްޓުގެ ދަށުން ހިންގާ މަޝްރޫއެކެވެ.

މިނިސްޓަރު ވިދާޅުވީ، އެ މަރުކަޒުތަކުން އަނިޔާ ލިބޭ މީހުންނަށް ބޭނުންވާ މާލީ އެހީއާއި ރައްކާތެރިކަމުގެ އިތުރުން ދަރިން ތިބިނަމަ އެ ކުދިންގެ ތައުލީމީ ކަންކަން ހަމަޖައްސައިދިނުމުގައިވެސް އެހީތެރިވެދޭނެ ކަމަށެވެ. އަދި ނަފްސާނީގޮތުން ލިބޭ އަނިޔާތަކުން އަރައިގަތުމަށް ބޭނުންވާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައްވެސް އެ މަރުކަޒުތައް މެދުވެރިކޮށް ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު ގެވެށި އަނިޔާގެ 1193 މައްސަލަ ހުށަހަޅާފައިވެއެވެ.