ސްޕެނިޝް ލީގުގައި ބާސެލޯނާއިން ރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި އެސްޕަނިޔޯލް ބަލިކޮށްފިއެވެ.

ބާސާއިން އެއްވަނައިގައި ލީޑު ފުޅާކުރަން ރޭ ހޯދި މޮޅަކީ 2-0 ގެ ނަތީޖާއަކުން ހޯދި މޮޅެކެވެ. މިވަގުތު އެޓީމު ތާވަލު ލީޑު ކުރަމުން ދަނީ 19 މެޗުން 49 ޕޮއިންޓާއެކުގައެވެ. ވާދަވެރި ރެއާލުން 18 މެޗުން 42 ޕޮއިންޓާއެކު ދެވަނައިގައި އޮތް އިރު، ރޭގެ މެޗުން ބަލިވި އެސްޕަނިޔޯލް އޮތީ ފަސްވަނައިގައެވެ. އެއީ 18 މެޗުން 33 ޕޮއިންޓާއެކުގައެވެ.

ފިޒިކަލަކީ ވަރުގަދަ ކުޅުމެއް ފެނިގެން ދިޔަ މެޗުގައި އެސްޕަނިޔޯލްއިން ވަނީ ގިނަ ފަހަރުތަކެއްގެ މަތިން ބާސާއަށް ޕްރެޝަރު ބޮޑުކޮށްފައެވެ. އެޑޫ އެކްސްޕޮސިޓޯއާއި ރޮބާޓޯ ފެނާންޑޭޒްގެ ހަމަލާތައް ފެނިގެން ދިޔަ އިރު، ބާސާގެ ކީޕަރު ޖޮއާން ގާސިއާ ވަނީ މުހިއްމު ސޭވްތަކެއް ކޮށްފައެވެ.

އޭގެ އިތުރުން ޖޫލްސް ކޫންޑޭ ރޮނގުމަތިންވެސް ބޯޅައެއް ސާފުކޮށްލާފައިވާ އިރު، ދެވަނަ ހާފުގައި ބާސާއިން މަޑުމަޑުން ގޭމް ތެރެއަށް ވަދެ ނުރައްކާ ކުރިއެވެ.

އެގޮތުން ލެމީން ޔަމާލާއި ފެރާން ޓޮރެސްގެ ހަމަލާތައް ފެނުނު އިރު، ޑެނީ އޮލްމޯ ބާސާއަށް ލީޑު ނަގައިދިނީ 86 ވަނަ މިނެޓުގައެވެ. އަދި އޭގެފަހުން 90 ވަނަ މިނެޓުގައި ރޮބަޓް ލެވަންޑޯސްކީ ވަނީ ބާސާގެ ދެވަނަ ގޯލާއެކު އެޓީމަށް ތިން ޕޮއިންޓް ޔަގީން ކޮށްދީފައެވެ.