ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ފެށުމަށް ތައްޔާރުވަމުންދާ އިރު، މިފަހަރު މުބާރާތުގެ އެންމެ ހާއްސަ ކަމަކީ ވީޑިއޯ ސަޕޯޓް ބޭނުން ކުރުންކަން ޔަގީނެވެ. މުބާރާތަށް މި ކުރަމުން ދިޔަ އިންތިޒާރުގައި އެކަމަށްވެސް ގިނަ ބައެއްގެ އިންތިޒާރުތައް ދެމިގެންދާނެކަން ޔަގީނެވެ. މިއީ ސަރަހައްދީ ފެންވަރުގައިވެސް ފާހަގަކޮށްލެވޭނެ ކަމަކަށްވާނެއެވެ. ހާއްސަކޮށް ރާއްޖޭގެ އެންމެ މަތީ ފަންތީގެ ފުޓްސަލްއަށް ގެނެސްދޭ އިންގިލާބީ ބަދަލަކަށް ގޯލްޑަންގައި ވީޑިއޯ ސަޕޯޓް ބޭނުންކުރުން ވެގެންދާނެއެވެ.
މުބާރާތަށް ތައްޔާރުވަމުން ދިޔަ އިރު، ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން (ޖީއެފްއޭ)ގެ ރައީސް "ވަން ސްޕޯޓްސް" އަށް ވިދާޅުވި ގޮތުގައި ފުޓްސަލްގެ ބައިނަލްއަގުވާމީ ގަވާއިދުގައި ތަން ދޭ އުސޫލުން ވީޑިއޯ ސަޕޯޓްގެ ބޭނުން ކުރުމަށްވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމުގެ ސަބަބުން މުބާރާތުގެ ފުރިހަމަކަން އިތުވާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެ ފާހަގަކުރި ކަންތައް ރިލުވާނާއި ޓީމުން ކާމިޔާބުކުރުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ. 119 ޓީމަކުން ވާދަކޮށް، 280 އަށްވުރެ ގިނަ މެޗު ކުޅެން ތައްޔާރުވެފައިވާ ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 މިރޭ ފަށާ އިރު، މިރޭގެ ޗެރިޓީ ޝީލްޑް މެޗުން ފެށިގެންވެސް ވީޑިއޯ ސަޕޯޓް ބޭނުން ކުރުމަށް ވަނީ ފުރިހަމައަށްް ތައްޔާރުވެފައެވެ.
އިންތިޒާމުތައް ފުރިހަމަ ކުރެވިއްޖެ
ބ. އޭދަފުއްޓާއި ކ. ކާށިދޫގެ ވާދަވެރި ޗެރިޓީ ޝީލްޑް މެޗަށް ޖީއެފްއޭއިން ފުރިހަމައަށް ތައްޔާރުވެފައިވާ އިރު، ވީޑިއޯ ސަޕޯޓަށް ކުރަން ޖެހޭ މަސައްކަތްވެސް ދަނީ ފުރިހަމަވަމުންނެވެ. މުބާރާތުގެ ރެފްރީންނަށް އެކަމުގެ ފުރިހަމަ މައުލޫމާތު ދިނުމަކީ އެއް އަމާޒު ކަމަށް ހަދައިގެން މަސައްކަތް ކޮށް، އެކަންވެސް ފުރިހަމަ ކޮށްފައިވެއެވެ. އަދި ޕްރެކްޓިކަލް ސެޝަންތައްވެސް ކުރިއަށް ގެންދަން ޖީއެފްއޭއިން ވަނީ ނިންމައިފައެވެ.
"ރެފްރީން ރިފްރެޝް ކުރުމަށް ގޯލްޑަންއިން މިފަހަރުވެސް މަސައްކަތްކުރީ ބޭރުގެ ޓެކްނިކަލް ބޭފުޅެއް ގެނެވޭތޯ. އެހެން ނަމަވެސް ކަން ދިމާކުރި ގޮތުން، ބޭރުގެ ބައެއް ބަންދު ދުވަސްތަކާ ދިމާވުމުން އެކަން ވާގޮތް ނުވީ. އެހެން ނަމަވެސް، މިފަހަރު ގޯލްޑަންއިން އިސް ނަގައިގެން އިރާދަކުރެއްވިއްޔާ ވީޑިއޯ ސަޕޯޓް ބޭނުންކުރަން މަސައްކަތް ކުރަމުން މިދަނީ. އެކަމަށްޓަކައި ވަރަށް ބުރަކޮށް މަސައްކަތްކޮށް، މިހާރު އެކަމުގެ އިންތިޒާމުތައް ފުރިހަމައަށް ވަނީ ހަމަޖެހިފައި. އޭގެ އިތުރުން ރެފްރީންނަށް އޭގެ ތަމްރީނުތައް ދެވި، ކުރު މުއްދަތެއްގެ ތެރޭގައި ފުރިހަމައަށް ކުރެވޭތޯ މަސައްކަތް ކުރެވިފައި މިވަނީ،" ކުރީގެ އެންމެ ވަރުގަދަ އެއް ރެފްރީ، އަދި މިހާރު ރެފްރީން ތަމްރީނުކުރުމަށް ހަރަކާތްތެރިވާ މުހައްމަދު އަމީޒް "ވަން ސްޕޯޓްސް"އަށް ބުންޏެވެ.
އަމީޒްގެ ދައުރަކީ ޓެކްނިކަލް މަސައްކަތުގެ ދައުރެވެ. ފީފާގެ އުސޫލުތައް ބުނާގޮތުން ފުޓްސަލްގައި ވީޑިއޯ ސަޕޯޓް ބޭނުންކުރަނީ ކޯޗުންނަށް ބަރޯސާ ވެގެންނެވެ. ކޯޗުންނަށް ކޮންމެ މެޗެއްގައިވެސް ވަކި އަދަދަކަށް ރިވިއުއަށް ރިކުއެސްޓް ކުރެވޭ ގޮތަށް އޮންނަ އިރު، އެ ރިކުއެސްޓް ކުރަން ޖެހޭ ހާލަތްތަކެއްވެސް ވެއެވެ. އަދި ރެފްރީ ވީޑިއޯ ބަލާނީ ކޯޗުން ރިކުއެސްޓް ކުރުމުން އެކަންޏެވެ.
އެ އުސޫލުން ގޯލްޑަންގައި ވީޑިއޯ ސަޕޯޓް ބޭނުންކުރުމަށް ބޭނުންވާ މީހުން ތަމްރީނުކޮށް، ބޭނުންވާ ޓެކްނިކަލް މީހުން ހޯދުމުގެ މަސައްކަތްވެސް މިހާރު ފުރިހަމަވެފައިވާ ކަމަށް ޖީއެފްއޭގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ޝަހީމް ވަނީ ވިދާޅުވެފައެވެ.
"މިފަހަރު މުބާރާތް އިތުރަށް ރަނގަޅު ކުރުމަށް މި ކުރެވޭ އެންމެ މުހިއްމު ކަމަކީ ވީއޭއާރް، ނޫނީ ވީޑިއޯ ސަޕޯޓް މުބާރާތުގެ ހުރިހާ މެޗެއްގައި ބޭނުން ކުރެވިގެން ދިޔުން. ވީޑިއޯ ސަޕޯޓް ހުރިހާ މެޗެއްގައިވެސް ބޭނުންކުރެވިގެން ދާނެ. ދެން މިއީ ޗެލެންޖެއް ނަމަވެސް، ވީޑިއޯ ސަޕޯޓް ހުރިހާ މެޗެއްގައި ބޭނުންކުރުމަށް ޓެކްނިކަލް ޓީމުން ވަނީ ފުރިހަމައަށް ތައްޔާރުވެފައިވާ،" ޝަހީމް "ވަން ސްޕޯޓްސް"އަށް ވިދާޅުވިއެވެ.
ޗެލެންޖްތަކެއް ހުރި ނަމަވެސް، ވަރަށް ބޭނުންތެރި
މި ސަރަހައްދުގެ ގައުމުތަކުގައިވެސް މީގެ ކުރިން ފުޓްސަލްގައި ވީޑިއޯ ސަޕޯޓް ރަސްމީކޮށް ބޭނުން ކޮށްފައެއް ނުވެއެވެ. ރާއްޖޭގެ އަތޮޅުތަކުގައި މުބާރާތް އިންތިޒާމުކުރާ ފަރާތްތަކުން އެކަމަށް މަސައްކަތް ކުރި ނަމަވެސް، ފީފާގެ ޓެކްނިކަލް ގައިޑްލައިނާ އެއްގޮތަށް އެކަން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ޗެލެންޖްތަކެއް ހުއްޓެވެ. ގޯލްޑަންއިން އެ ޗެލެންޖްތަކާ ކުރިމަތިލާން މިފަހަރު ނިންމީ، ވީޑިއޯ ސަޕޯޓްގެ ބޭނުންތެރިކަން ބޮޑުވުމުންނެވެ.
"ވީޑިއާ ސަޕޯޓަކީ ރެފްރީންނަށް ވަރަށް ބޭނުންތެރި އެއްޗެއް. އަދި ސާފް ސަރަހައްދުގައި ރަސްމީކޮށް ބޭނުންކުރާވެސް އެއްޗެއް ނޫން ފުޓްސަލްގައެއް. އެހެންވީމަ މިކަމުން ރެފްރީންނަށާއި ކުޅުންތެރިންނަށް އަދި ކުޅިބެލުންތެރިންނަށް ބޭނުންތެރި ކަމަކަށް ވާނެ. މިއީ ވަރަށް މުހިއްމު ކަމެއް. މިއީ ފެށުމެއް، އަދި ހަރުދަނާ ވެގެންދާނެ،" އަމީޒް ފާހަގަކުރެއްވިއެވެ.
އަމީޒު ފާހަގަކުރެއްވި ގޮތަށް ސީނިއާ ރެފްރީ އަބްދުﷲ އަފީފް (ހާޖީ)ވެސް ވަނީ ވީޑިއޯ ސަޕޯޓްގެ މުހިއްމު ކަމަށް ވާހަކަ ދައްކައިފައެވެ.
ހާޖީ ފާހަގަކުރެއްވީ ވީޑިއޯ ސަޕޯޓް ބޭނުންކުރުމަށް ތައްޔާރުވާ އިރު، ކުރިން ބައެއް ރަށްރަށުގައި އެކަން ކޮށްފައި އެބަހުރި ކަމަށެވެ. އެ ރަށްރަށުގައި އެކަން ކުރަނީ އެންމެ ފުރިހަމައަށް ނޫން ކަމަށާއި، ގޯލްޑަންއިން މަސައްކަތް ކުރަނީ ފީފާއިން އެކަމަށް އެކުލަވާލާފައިވާ އުސޫލަށް ފައްތައިގެން ވީޑިއޯ ސަޕޯޓް ބޭނުން ކުރުމަށް ކަމަށް ހާޖީ ފާހަގަކުރެއްވިއެވެ.
"ފީފާއިން ކަނޑައަޅާފައި އޮންނަ ގޮތަށް މިކަން ކުރެވޭތޯ ގޯލްޑަންއިން މި މަސައްކަތް ކުރަނީ. އެކަމަށްޓަކައި ކެމެރާތައް އިތުރުކޮށް، މުބާރާތަށް ވަރަށް ބައިވަރު ބަދަލުތައް ގެންނަން އެބަ މަސައްކަތް ކުރޭ ޖީއެފްއޭއިން. އަދި މައްސަލައެއް ދިމާވެއްޖެނަމަ، އެކަން ހައްލުކުރަން ބޭނުންވާ ޓެކްނިކަލް މީހުން ހަމަކުރުންވެސް ހިމެނޭ.
ހާޖީ ފާހަގަކުރެއްވީ ވީޑިއޯ ސަޕޯޓަކީ ރެފްރީންގެ ނަޒަރުގައިވެސް މުހިއްމު އެއްޗެއް ކަމަށާއި، އެކަމަށް ރެފްރީން ތައްޔާރުކުރުމަށް ކުރަމުންދާ ޓެކްނިކަލް މަސައްކަތް މުހިއްމު ކަމަށެވެ.
ޔަގީނެވެ. އާ ބަދަލަކާއެކު ބައެއް މައްސަލަތައް ހުންނާވެސް މެއެވެ. އެހެން ނަމަވެސް ޔަގީނުންވެސް ވީޑިއޯ ސަޕޯޓަކީ އެތައް ގޮތަކުން މަޖުބޫރުވެފައި އޮތް ޓެކްނޮލޮޖީއެކެވެ. ހާއްސަކޮށް ރާއްޖޭގެ ފުޓްސަލްއަށް އަންނަ ބަދަލުތަކާއެކު އެކަން މުހިއްމެވެ.
"ކުއްލިއަކަށް މިކަހަލަ ބޮޑު ކަމެއް ކުރާ އިރު، ބައެއް ޗެލެންޖްތައް ހުންނާނެ. ބައެއް ވިސްނާލަން ޖެހޭ ކަންކަންވެސް ހުންނާނެ. އެހެންނަމަވެސް ވީޑިއޯ ސަޕޯޓް ބޭނުންކުރަން ފެށީމާ، ގޯލްޑަންއާއި އަޅުގަނޑުމެން ޓެކްނިކަލް ބޭފުޅުންވެސް އެކުވެގެން މިކަން ހަރުދަނާކޮށް ރަނގަޅުކުރުމަށް މަސައްކަތްތަކެއް ކުރެވެމުން ދާނެ،" އަމީޒު އިތުރަށް ފާހަގަކުރިއެވެ.
އަމީޒުގެ ވާހަކައިން ފާހަގަކުރިހެން ދެން އޮތީ ކުރިމަތިވާ ޗެލެންޖްތަކާ ކުރިމަތިލުމެވެ. މިދިޔަ އަހަރު ފުޓްސަލް ރެފްރީންގެ އެކަޑެމީއެއްގެ މަސައްކަތްވެސް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ފަށާފައިވާ އިރު، މިއީ ކުރިއަށް އެޅޭނެ ބޮޑު ފިޔަވަޅެކެވެ. އިންގިލާބީ ބަދަލަކަށް ތައްޔާރެވެ.
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް