ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތުގެ 10 ވަނަ އެޑިޝަން ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 އަކީ ހާއްސަ މުބާރާތެއް ކަމަށާއި، މުބާރާތަށް ފުރިހަމައަށް ތައްޔާރު ކަމަށް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން (ޖީއެފްއޭ) ގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ޝަހީމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިއަހަރު މުބާރާތް ފަށަން ތައްޔާރުވެފައި ވަނީ މިރޭއެވެ.
މުބާރާތް ފެށުމަށް ޗެރިޓީ ޝީލްޑް މެޗަށް ތައްޔާރުވެފައިވާ އިރު، މެޗުގައި ބައްދަލު ކުރާނީ 2024 ވަނަ އަހަރުގެ ޗެމްޕިއަން ބ. އޭދަފުށި އަދި މިދިޔަ އަހަރުގެ ޗެމްޕިއަން ކ. ކާށިދޫއެވެ. މުބާރާތް ފެށުމަށް މަދު ވަގުތުކޮޅަކަށް ވެގެން ގޮސްފައިވާ އިރު، މިއަހަރުގެ މުބާރާތަށް ވެސް ޖީއެފްއޭއިން ވަނީ ފުރިހަމައަށް ތައްޔާރުވެފައެވެ.
"ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ވަނަ އަހަރުގެ މުބާރާތަށް، ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން ފަރާތުން އިދާރީ ގޮތުން ވާން ޖެހޭ ހުރިހާ ތައްޔާރީތަކާއި ޓީމުތަކުން ޓީމް ލިސްޓް ސަބްމިޓްކުރުމުގެ ކަންކަން ވަނީ ނިމިފައި. ދެން މިހާރު މި ކުރިއަށް ދަނީ ދަނޑުގެ އެންމެފަހުގެ ތައްޔާރީތައް. އެކަން ހަމަ ފުރިހަމައަށް ނިންމާލެވޭނެ،" ޝަހީމް ރޭ "ވަން ސްޕޯޓްސް" އަށް ވިދާޅުވިއެވެ.
ވީޑިއާ ސަޕޯޓް، 10 ވަނަ މުބާރާތަށް ހާއްސަކަމެއް
ޖީއެފްއޭއިން ގޯލްޑަން ފުޓްސަލް ޗެލެންޖް ބާއްވަން ފެށީ 2015 ވަނަ އަހަރުއެވެ. އޭގެފަހުން ނުވަ މުބާރާތެއް ކާމިޔާބުކަމާއެކު ނިންމާލާފައި ވަނީ މުބާރާތަކަށްފަހު މުބާރާތެއްގެ ފެންވަރު ރަނގަޅު ކުރަމުންނެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން އަބަދުވެސް އެންމެ ޒަމާނީ ވަސީލަތްތައް ބޭނުންކުރަން ފަށައި، ފުޓްސަލްއަށް ގެނެސްދޭ އިންގިލާބީ ބަދަލުތައް ފާހަގަވެއެވެ.
ޖީއެފްއޭއިން ނިންމާފައި ވަނީ މިފަހަރުގެ މުބާރާތުގައި ފީފާގެ އުސޫލުތަކާ އެއްގޮތަށް ވީޑިއާ ސަޕޯޓް ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ. މިއީ އެފަދަ ގޮތަކަށް، ރެފްރީންވެސް ތަމްރީނުކޮށްގެން، ފީފާގެ އުސޫލަށް ފައްތައިގެން ވީޑިއޯ ސަޕޯޓް ބޭނުންކުރާނެ ފުރަތަމަ ފަހަރެވެ. މީގެ ކުރިން އަތޮޅު ތެރޭގައި ވީޑިއޯ ސަޕޯޓް ބޭނުންކުރި ނަމަވެސް، މިހާ ބޮޑު ސްކޭލެއްގައި އަދި ފެނިގެން ގޮސްފައެއް ނުވެއެވެ.
"މިފަހަރު މުބާރާތް އިތުރަށް ރަނގަޅު ކުރުމަށް މި ކުރެވޭ އެންމެ މުހިއްމު ކަމަކީ ވީއޭއާރް، ނޫނީ ވީޑިއޯ ސަޕޯޓް މުބާރާތުގެ ހުރިހާ މެޗެއްގައި ބޭނުން ކުރެވިގެން ދިޔުން. ވީޑިއޯ ސަޕޯޓް ހުރިހާ މެޗެއްގައިވެސް ބޭނުންކުރެވިގެން ދާނެ. ދެން މިއީ ޗެލެންޖެއް ނަމަވެސް، ވީޑިއޯ ސަޕޯޓް ހުރިހާ މެޗެއްގައި ބޭނުންކުރުމަށް ޓެކްނިކަލް ޓީމުން ވަނީ ފުރިހަމައަށް ތައްޔާރުވެފައިވާ،" ވީޑިއޯ ސަޕޯޓާ ގުޅޭ ގޮތުން ޝަހީމް ފާހަގަކުރެއްވިއެވެ.
ޝަހީމް އިތުރަށް ވިދާޅުވީ މުބާރާތުގެ 10 ވަނަ އެޑިޝަނާ ހަމައަށް އައިއިރު އެންމެ ބޮޑު ކާމިޔާބީއަކީ ރައްޔިތުން ދީފައިވާ އިތުބާރު ކަމަށެވެ.
"މިއީ މުބާރާތުގެ 10 އެޑިޝަން. މުބާރާތުގެ އެންމެ ބޮޑު ކާމިޔާބީއަކީ އާންމުން މުބާރާތް ބަލައިގެންފައިވާކަން. އޭގެ ހެއްކެން މިދިޔަ އަހަރުތަކުގައި ޓީމުތައް ބައިވެރިވެފައިވާ ހުރި މިންވަރު. ވަރަށް ގިނަ. ދެން މަސައްކަތްތައް ގިނަ ވިޔަސް، އަހަރުން އަހަރަށް ފެންވަރު ރަނގަޅުކުރަން ކުރަން ހުރި ހުރިހާ މަސައްކަތެއް ކުރަމުން މި ގެންދަނީ. އެހެން ކުރިއަށްދާނީވެސް،" ޝަހީމް ވިދާޅުވިއެވެ.
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް