ޗެލްސީގެ އާ ކޯޗުކަމާ ހަވާލުވުން އެންމެ ގާތީ މިހާރު ފްރާންސް ލީގުގެ ސްޓްރަސްބާގުގެ ކޯޗުކަމުގައި ހުރި ލިއަމް ރޮސެނިއޯ ކަމަށް ނޫސްތައް ބުނެފިއެވެ.
ޗެލްސީގައި އެންމެފަހުން ހުރި ކޯޗު އެންޒޯ މަރެސްކާ، ރޭ މަގާމު ދޫކޮށްލީ ކްލަބުގެ ހައިރާކީއާ ޖެހުނު މައްސަލަތަކެއް ހައްލުނުކުރެވިގެންނެވެ. އޭނާ އަމިއްލައަށް ކްލަބު ދޫކޮށްލީ ދެފަރާތް އެއްބަސްވެގެން ކަމަށް ކްލަބުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ހަބަރުތައް ބުނީ މިދިޔަ އަހަރު ފަހުކޮޅާ ހަމައަށްވެސް ޗެލްސީގެ ބޯޑާއި މަރެސްކާއާ އޮތް ގުޅުން ރަނގަޅު ކަމަށެވެ. އެހެން ނަމަވެސް، ޑިސެމްބަރުގެ ނަތީޖާތަކާއެކު މަރެސްކާއަށް ޕްރެޝަރު ބޮޑުވި ކަމަށް ނޫސްތަކުން ބުންޏެވެ.
ޗެލްސީން އެންމެފަހުން ލީގުގައި ކުޅުނު ހަތް މެޗުގެ ތެރެއިން އެޓީމު މޮޅުވީ އެންމެ މެޗަކުންނެވެ. ޑިސެމްބަރު ފެށިއިރު ޗެލްސީން ލީގު ތިންވަނައިގައި އޮތީ އާސެނަލާ ހަތަރު ޕޮއިންޓް ފަރަގެއްގައެވެ. އެހެން ނަމަވެސް މިހާރު އެޓީމު އޮތީ ހަވަނައިގައެވެ. އެއީ އެއްވަނައިގައި އޮތް އާސެނަލާ 15 ޕޮއިންޓް ފަރަގެއްގައެވެ.
އިޓަލީ ކޯޗު މަރެސްކާގެ ބަދަލުގައި ކޯޗެއް ގެންދިޔުމުގެ މަސައްކަތް ޗެލްސީން ކުރަމުންދާ އިރު، ނޫސްތައް ބުނީ އިނގިރޭސި ކޯޗު ރޮސެނިއޯއަކީ ޗެލްސީން އެންމެ ގާތުން ބަލަމުންދާ ކޯޗު ކަމަށެވެ.
ސްޓްރަސްބާގަކީވެސް ބްލޫކޯގެ ކްލަބެކެވެ. އެ ފަންޑަކީ ޓޮޑް ބޮއެލީއާއ ކްލިއާލޭކް ކެޕިޓަލް އެކުވެގެން ހަދާފައިވާ އިންވެސްޓްމަންޓް ފަންޑެކެވެ. އެހެންކަމުން ދެ ކްލަބަކީވެސް އެއް އޯނާޝިޕަކުން ހިންގާ ދެ ކްލަބެކެވެ. އެކަމުގައި ސްޓްރަސްބާގުގެ ޒަމާންވީ ސަޕޯޓަރުން ވަނީ ނުރުހުންވެސް ފާޅުކޮށްފައެވެ.
އެއީ ސުވާލު އުފެދޭ ކަހަލަ ބައެއް ޓްރާންސްފާތައް ދެ ކްލަބުގެ ދެމެދުގައި ހިނގަމުންދާތީއެވެ. ސަޕޯޓަރުން ކުރިން ބުނީ ސްޓްރަސްބާގަކީ ޗެލްސީއަށް ނުއަގުގައި ކުޅުންތެރިން ސަޕްލައިކޮށްދޭން ހިންގާ ކްލަބެއް ކަމަށެވެ.
ރޮސެނިއޯ ވަނީ ކުރިން 2024 ވަނަ އަހަރު ހަލް ސިޓީއަށް ކޯޗުކަން ކޮށްދީފައެވެ. އެ ކްލަބުން ފޮނުވާލިފަހުން އޭނާ ވަނީ ސްޓްރަސްބާގާއެކު ލީގު ވަންގެ ހަތްވަނައިގައި ނިންމާލައި، ޔޫރަޕްގެ ފުރުސަތު ހޯދައިދީފައެވެ.
ރޮސެނިއޯއަކީ ކުޅުންތެރިން އުފެއްދުމުގައިވެސް ފާހަގަކޮށްލެވޭ ކޯޗަކަށްވާ އިރު، އޭނާގެ ސްޓައިލަކީވެސް ޒަމާނީ ސްޓައިލެކެވެ. މިދިޔަ ސީޒަނަށްފަހު ރޮސެނިއޯ ހޯދަން ބައެއް ކްލަބުތަކުން މަސައްކަތް ކުރިއެވެ.
ރޮސެނިއޯގެ އިތުުރުން ދެން ޗެލްސީން ބަލަމުންދާ ކޯޗުންގެ ތެރޭގައި ޕޯޓޯ ކޯޗު، ފްރެސެސްކޯ ފަރިއޯލީއާއި ކޮވެންޓްރީއަށް ކޯޗުކަން ކޮށްދެމުންދާ ކްލަބު ލެޖެންޑް ފްރޭންކް ލަމްޕާޑް، އިޕްސްވިޗްގެ ކޯޗު ކީރަން މެކެނާ އަދި މާސޭގައި ހުރި ރޮބާޓޯ ޑި ޒާބީ ހިމެނެއެވެ.
ޗެލްސީ
ޗެލްސީ
ޗެލްސީ
ޗެލްސީ