އާޖެންޓީނާގެ ފުޓުބޯޅަ އިދާރާގެ ތެރެއިން މަނީ ލޯންޑަރިންނާއި ކޮރަޕްޝަންގެ ގިނަ ކަންތައްތަކެއް ހިނގަމުންދާ ކަމަށް ތުހުމަތުކޮށްފިއެވެ.

މިވަގުތު ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާގެ ފުޓުބޯޅަ އިދާރާގެ ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ މައްސަލަތަކަކަށް ޝައްކު އުފެދިފައިވަނީ ކުރީގެ ފުޓުބޯޅަ ތަރި ކާލޮސް ޓެވޭޒް، 2024 ވަނަ އަހަރު މާޗް މަހު އެކްސްގައި ކުރި ޕޯސްޓަކާ ހަމައިންނެވެ. އޭގެފަހުން އިދާރާތަކުން މައްސަލަތައް ބަލަމުންދާ އިރު، ރޮއިޓާސްއިން ވަނީ އެ މައްސަލަތަކުގެ ބައެއް ތަފްސީލުތައް ހާމަކޮށްފައެވެ.

ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޓެވޭޒް ދެއްކި ވާހަކަތަކަކީ ހަގީގަތަށް ދެއްކި ވާހަކަތަކެކެެވެ. އަދި އެކަންކަމުގެ ބައެއް ހެކިތައްވެސް ހޯދިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޓެވޭޒް އޭރު ޕޯސްޓުކޮށްފައިވަނީ އާޖެންޓީނާ ފުޓުބޯޅަ އިދާރާގެ ހަޒާންދާރު، ޕަބްލޯ ޓޮވިގީނޯ، ލަގްޒަރީ ވިލާއަކަށް މާގިނަ އަމިއްލަ ދަތުރުތައް ކުރަމުންދާތީ އެކަމާ ސުވާލު އުފައްދައިފައެވެ. އެ ވިލާއަކީ އާޖެންޓީނާގެ ވެރި ރަށް ބުއެނޯސް އައިރެސްގެ ޕިލާގައި ހުންނަ ލަގްޒަރީ ވިލާއެކެވެ.

ޓެވޭޒްގެ އެ ވާހަތަކާއެކު އާޖެންޓީނާގެ ސިޔާސީ ޕާޓީއެއް ކަމަށްވާ ކޯލިސިއޯން ސިވިކާއިން ވަނީ އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި ހުށަހަޅައިފައެވެ. އެ ޕާޓީން ބުނީ ޓޮވިގީނޯ ދަތުރުތައް ކުރާ ވިލާއަކީ ހެލިޕޭޑްގެ އިތުރުން އަގުބޮޑެތި އެތައް ކާރެއް ހުރި ވިލާއެއް ކަމަށެވެ. އަދި އެ ވިލާގެ ބޭނުންކޮށްގެން މަނީ ލޯންޑާ ކުރަމުންދާކަމުގެ ނިޝާންތައް ފެންނަ ކަމަށެވެ.

އެ ޕާޓީން ތުހުމަތުކޮށްފައިވަނީ ހަޒާންދާރު މަސައްކަތްކުރަނީ އެފްއޭ ރައީސް ކްލައުޑިއޯ "ޗިގީ" ޓާޕިއާގެ އިރުޝާދުގެ ދަށުން ކަމަށެވެ.

މިދިޔަ މަސް ތެރޭގައި އާޖެންޓީނާ އެފްއޭ ބަލައި ފާސްކުރުމަށް ފުލުހުންވެސް ވަދެފައިވެއެވެ. ހަބަރުތައް ބުނީ އެ ރެއިޑްގައި ފުލުހުންނަށް އެފްއޭގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ލަގްޒަރީ ކާރުތަކާއި ބައެއް ބްރޭންޑެޑް ތަކެތި ފެނިފައިވާ ކަމަށެވެ. އެ އެއްޗެހީގެ އަގު ގާތްގަނޑަކަށް 500 މިލިއަން ޑޮލަރަށް އަރާނެ ކަމަށްވެސް ނޫސްތައް ބުނެއެވެ.

އެ ވާހަކަތަކާ ގުޅިގެން އެފަހަރު އެފްއޭއިން ބުނީ، އެއީ ސިޔާސީ ބޭނުމެއްގައި ދައްކާ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި އާޖެންޓީނާ ގައުމީ ޓީމުގެ ކާމިޔާބުން، އެފްއޭގެ ހިންގުން ރަނގަޅުކަން ފެންނާނެ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.