ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ޕްލެޓިނަމް ޕާޓްނަރުންގެ ގޮތުގައި ސޮނީ ސްޕޯޓްސް، ލެކްނޯ އަދި އުރީދޫ މޯލްޑިވްސްއާއެކު ސޮއިކޮށްފިއެވެ.
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިއަހަރު މުބާރާތް ފަށަން ތައްޔާރުވެފައިވަނީ މާދަމާއެވެ. މުބާރާތް ފެށުމަށް ކުޅޭނީ ޗެރިޓީ ޝީލްޑް މެޗެވެ. ބައްދަލުކުރާނީ 2024 ވަނަ އަހަރުގެ ޗެމްޕިއަން ބ. އޭދަފުށި އަދި މިއަހަރުގެ ޗެމްޕިއަން ކ. ކާށިދޫއެވެ. އޭގެފަހުން އަތޮޅުތަކުގެ ކުޅުން އަންނަ އާދީއްތާ ދުވަހުގެ ރޭ ފަށާނެއެވެ.
މިފަހަރުވެސް 119 ޓީމަކުން މުބާރާތުގައި ވާދަކުރާ އިރު، ގާތްގަނޑަކަށް 280 އަށްވުރެ ގިނަ މެޗު މިފަހަރުވެސް ކުޅޭނެއެވެ.
މުބާރާތަށް ޕާޓްނަރުން އިއުލާނުކޮށް ނިމިފައިވާ އިރު، މިފަހަރު ސޮނީ ސްޕޯޓްސްއާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ހާއްސަ އިވެންޓުގައި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް ސެކްރެޓަރީ އަހުމަދު ޝަހީމެވެ.
ސޮނީގެ ފަރާތުން ސޮއިކުރެއްވީ މުހައްމަދު ޝަހްލީނެވެ.
ސޮނީ ސްޕޯޓްސްއަކީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އެންމެ ޒަމާންވީ އެއް ޕާޓްނަރެވެ. ސޮނީން އެންމެ ފުރަތަމަ މުބާރާތުން ފެށިގެންވެސް ޕާޓްނަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ އިރު، މީގެ ކުރިން މުބާރާތުގެ ޓައިޓަލް ސްޕޮންސަރެއްގެ ގޮތުގައިވެސް ސޮނީ ހަރަކާތްތެރިވެފައިވެއެވެ. އެ ކުންފުންޏަކީ މުބާރާތް ކުރިއަރައިގެން ދިޔުމުގެ ފަހަތުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރި އެއް ކުންފުންޏެވެ.
އުރީދޫއާއެކު ސޮއިކުރުމަށް ބޭއްވި އިވެންޓުގައި އެ ކުންފުނީގެ ފަރާތުން ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ސޮއިކުރައްވާފައިވާ އިރު، ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ ރައީސް ރިލުވާން މޫސާއެވެ.
ލެކްނޯއާއެކު ސޮއިކުރުމަށްވެސް ހާއްސަ އިވެންޓެއް ކުރިއަށް ގެންގޮސްފައިވާ އިރު، ލެކްނޯ ރާއްޖެ އެތެރެކޮށް މާކެޓް ކުރާ އެމްޔޫ ސްޓޯރުގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ އޮފް އޮޕަރޭޝަންސް މުހައްމަދު ފަޒަލްއެވެ. އެ އެއްބަސްވުމުގައިވެސް ގޯލްޑަންގެ ފަރާތުން ސޮއިކުރެއްވީ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލުވާނެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2015 ގައި ބާއްވަން ފަށައި، މިއަދާ ހަމައަށް އައި އިރު، އެ މުބާރާތަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު އިވެންޓެވެ.
ސްޕޮންސާޝިޕް އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ކުންފުނިތަކުން ފާހަގަކުރީ ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު އިވެންޓުގައި ބައިވެރިވުމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމަށެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ރަސްމީ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި މިފަހަރުވެސް "ވަން ސްޕޯޓްސް" ހަރަކާތްތެރިވާނެއެވެ.
"ވަން ސްޕޯޓްސް"އިން ވަނީ މީގެ ކުރިން ހަތަރު އަހަރުވެސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޕާޓްނަރެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ.
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް