ރާއްޖޭގެ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުންވެސް ވާދަކުރާ ނޭޝަނަލް/އިންޓަނޭޝަން އިންވިޓޭޝަނަލް އޯޕަން ކްލަބު ޗެމްޕިއަންޝިޕް ވޮލީބޯލް ޓޯނަމެންޓް (ޓައިގާ ކަޕް) މިމަހުގެ 23 ވަނަ ދުވަހު ނޭޕާލުގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.

ޓައިގާ ކަޕް އިންތިޒާމުކުރާ ކޮމިޓީގެ ޗެއާމަން ޕްރަސާދު ޝަރްމާއާ ހަވާލާ ދީ ނޭޕާލްގެ ނޫސްތަކުން ބުނީ މިފަހަރު މުބާރާތުގައި އަންހެން އަދި ފިރިހެން ޑިވިޝަންގައި ޖުމުލަ އެކި، 14 ޓީމަކުން ވާދަކުރާނެ ކަމަށެވެ. އެއީ ފިރިހެން ހަތް ޓީމާއި އަންހެން ހަތް ޓީމެވެ.

މުބާރާތުގައި ނޭޕާލުން ބޭރުން ވާދަކުރަނީ ޖުމުލަ ހަތަރު ޓީމެކެވެ. އެއީ އަންހެން ޑިވިޝަނުގައި ވާދަކުރާ ތައިލެންޑްގެ ދެޓީމާއި ރާއްޖޭގެ ގައުމީ ފިރިހެން ވޮލީ ޓީމުގެ އިތުރުން ފިރިހެން ޑިވިޝަނުގައި ވާދަކުރާ އިންޑިއާ ގުޖުރާތުގެ ޓީމެކެވެ.

ގުޖުރާތު ވޮލީބޯލް ކްލަބާއި ރާއްޖޭގެ އިތުރުން ދެން ފިރިހެން ޑިވިޝަނުގައި ވާދަކުރަނީ ގަންޑަކީ ޕްރޮވިންސް ވޮލީ ޓީމަކާއި ޕަރްބަތު ޑިސްޓްރިކްޓްގެ ވޮލީ ޓީމެއްގެ އިތުރުން ނޭޕާލް ޕޮލިހާއި ނޭޕާލް އާމީ އަދި އާމްޑް ޕޮލިސް ފޯސް ޓީމެވެ.

މިއީ ޓައިގާ ކަޕް ނޭޕާލުގައި ބާއްވާ ހަވަނަ ފަހަރެވެ.

އ މުބާރާތަށް ރާއްޖެއިން ތައްޔާރުވަމުންދާ އިރު، ދާދިފަހުން ގައުމީ ޓީމުގެ އުސޫލުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މިވަގުތު 30 އަހަރުން ދަށުގެ ޒުވާން ކުޅުންތެރިންތަކަކާއެކު ޓީމު އެކުލެވިގެންދާ އިރު، އެޓީމުގެ ކޯޗަކީ އީރާނުގެ ކޯޗު، ފަރްހާދު ނަޒާރީއެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ދާދި ފަހުން ނެރުނު ބަޔާނެއްގައި ވަނީ ރާއްޖޭގެ ވޮލީބޯޅައިގެ ކުރިމަަގު ރަނގަޅުކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތެރެއިން އެކުލަވާލާފައިވާ އުސޫލުތަކުގައި ކުޅުންތެރިން ހިފަހައްޓަން ޖެހޭނެ ކަމަށާއި، އެ އުސޫލުތަކާ ހިލާފުވާ ކުޅުންތެރިންނާއި އޮފިޝަލުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

އާ ކޯޗާއެކު ކުރަމުންދާ މަސައްކަތުގައި ރާއްޖޭން ދާދިފަހުން މާލޭގައި އެކުވެރިކަމުގެ މެޗެއް ކުޅެފައިވެއެވެ. އެއީ ސްރީ ލަންކާގެ ޔުނިވާސިޓީ ޓީމަކާ ދެކޮޅަށެވެ. އެމެޗުން ރާއްޖެ މޮޅުވީ 3-2 ސެޓުންނެވެ.