ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގައި އުމުރަށް ޖަލަށްލި ދެ މީހުންގެ ހުކުމް މިއަދު ހައި ކޯޓުން ބާތިލުކޮށްފައި ވަނިކޮށް އަލުން އެމީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

އެ ދެ މީހުންނަކީ ހ. އަންނާރުމާގޭ/ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ/ އަހުމަދު ޒިހާން އިސްމާއީލް އެވެ.

ޔާމީން ދިރިއުޅުނު ގޭގެ ސިޑި ގޮޅި ތެރޭގައި އޭޕްރީލް، 2017 ޔާމީން ރަޝީދު މަރައިލި މައްސަލައިގައި، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ހަ މީހެއްގެ މައްޗަށް ދައުލަތުން އުފުލިއެވެ. އެއީ ހ. އަންނާރުމާގޭ/ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ/ އަހުމަދު ޒިހާން އިސްމާއީލްގެ އިތުރުން ގދ. ގައްދޫ/ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި މ. ކުދެހިގެ/ ހަސަން ޝިފާޒާއި މ. ތާއިފް/ އިސްމާއިލް ރަޝީދާއި މ. ކޮޅުފުށީ/ އީސްޓް، ހުސައިން ޒިޔާދެވެ.

އެ މީހުންގެ ތެރެއިން ކުށް ސާބިތުވި ކަމަށް ކަނޑައެޅީ ހައިޝަމް އާއި ޒިހާންގެ މައްޗަށެވެ. ހައިޝަމުގެ މައްޗަށް ކުށް ސާބިތުވީ، ޔާމީން މަރާލަން ދިން ހަމަލާ ރާވައި، ޓާސްކުތައް ހަވާލުކޮށް އަމަލީގޮތުން އެކަން ކުރި ފަރާތް ކަމަށް ސާބިތުވުމުންނެވެ. ޒިހާންގެ މައްޗަށް ކުށް ސާބިތުވީ، މި ހަމަލާ ދިނުމުގައި އަމަލީ ގޮތުން އޭނާ ބައިވެރިވެފައިވާކަން ސާބިތުވެގެންނެވެ. އެ ދެ މީހުންވެސް އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އޮތީ ހުކުމްކޮށްފައެވެ.

ދެން ތިބި ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމް ކުރުމުން، އޭގެ ތެރެއިން އިސްމާއިލް ރަޝީދާއި ދިފްރާންގެ ބައި ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

އެ މައްސަލަ ބެލުމަށްފަހު ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ހުކުމް ކުރީ ހައިޝަމާއި ޒިހާންގެ ޖަލު ހުކުމް ބާތިލުކޮށް، އެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ފޮނުވުމަށެވެ. އަދި އިސްމާއިލް ރަޝީދާއި ދިފްރާންގެ ބައި ވެސް އަލުން ބަލަން ހައި ކޯޓުން އެންގިއެވެ.