ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންއިން އިންތިޒާމުކޮށްގެން ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ޒުވާނުންނާއި އާންމު ރައްޔިތުންގެ އިތުބާރު ހޯދާފައިވާ މުބާރާތެއް ކަމަށް ކުޅިވަރާ ބެހޭ ވަޒީރު، އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2015 ގައި ބާއްވަން ފަށައި، މިއަދާ ހަމައަށް އައި އިރު، އެ މުބާރާތަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު އިވެންޓެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖުން ރައްޔިތުންގެ އިތުބާރު ހޯދައި، މުޅި ރާއްޖޭގެ ކުޅިވަރު މަލަމަތި ބަދަލުކޮށްލާފައިވާ އިރު، މުބާރާތުގެ ސަބަބުން ފުޓްސަލްއަށް ވަނީ އިންގިލާބީ ބަދަލެއް އައިސްފައެވެ.

މިއަހަރުގެ ޗެރިޓީ ޝީލްޑް މެޗު އޮންނާނީ ޖެނުއަރީ ތިންވަނަ ދުވަހުގެ ރޭގައެވެ. ބައްދަލުކުރާނީ 2024 ވަނަ އަހަރުގެ ޗެމްޕިއަން ބ. އޭދަފުށި އަދި މިއަހަރުގެ ޗެމްޕިއަން ކ. ކާށިދޫއެވެ. އޭގެފަހުން އަތޮޅުތަކުގެ ކުޅުން ހަތަރު ވަނަ ދުވަހުގެ ރޭ ފަށާނެއެވެ.

މިފަހަރުވެސް 119 ޓީމަކުން މުބާރާތުގައި ވާދަކުރާ އިރު، ގާތްގަނޑަކަށް 280 އަށްވުރެ ގިނަ މެޗު މިފަހަރުވެސް ކުޅޭނެއެވެ.

"ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން، އެކި ހިސާބުތަކުން، އެކި ރަށްރަށުން ވަރަށް ފުރިހަމައަށް ތައްޔާރުވާ އެންމެ ކާމިޔާބު އެއް މުބާރާތް. މިހާރު 10 ވަރަކަށް އަހަރުވީ މުބާރާތް ކުރިއަށް ގެންދާތާ. މިފަހަރުވެސް މި އުންމީދުކުރަނީ ކުރިއަށްވުރެވެސް ގިނަ ބަޔަކު މިކަމަށް ޝައުގުވެރިކަން ފާޅުކޮށް، ގިނަ ޓީމުތައް ބައިވެރިވުން. އަދި އެ ޓީމުތަކުން މޮޅެތި ކުޅުންތެރިން އުފެދި، އެ ކުޅުންތެރިންނަށް ގައުމީ ޓީމުން ޖާގަ ލިބުން އެއީ އުންމީދެއް،" މިނިސްޓަރު ރާފިއު ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނަށް ވިދާޅުވެފައިވެއެވެ.

މިނިސްޓަރު ވިދާޅުވީ ގޯލްޑަން ފަދަ މުބާރާތްތަކުން ބޮޑެތި ފައިދާތަކެއް ލިބިގެންދާ ކަމަށާއި، އޭގެ ތެރޭގައި ކުޅިވަރުގެ ޑިސިޕްލިން ރަނގަޅުވުމުގެ އިތުރުން މުބާރާތް ހިންގާ ފަރާތަށް ލިބޭ ތަޖުރިބާ ފާހަގަކުރެވޭ ކަމަށެވެ.

އެއާއެކު ރާފިއު ފާހަގަކުރެއްވީ ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ކުޅުންތެރިންނާއި ރައްޔިތުންގެ އިތުބާރު ހޯދާފައިވާ މުބާރާތެއް ކަމަށެވެ.

"މި މުބާރާތަކީ އާއްމުންގެ މެދުގައި، ޒުވާނުންގެ މެދުގައި އިތުބާރު ލިބިގެން ކުރިއަށްދާ މުބާރާތެއްކަނ ފާހަގަކޮށްލަން. އަޅުގަނޑުމެން މިނިސްޓްރީގެ ފަރާތުން ކޮންމެ އަހަރަކުވެސް މުބާރާތަށް ފޯރުކޮށްދޭން ޖެހޭ އެއްބާރުލުން މިދަނީ ފޯރުކޮށްދެމުން. އެއީ ކުޅޭ ތަން ކަމުގައި ވިޔަސް، ނޫނީ އެހެނިހެން ކަންކަމުގައި ނަމަވެސް އެ ކަންކަމަށް ފުރިހަމައަށް އެއްބާރުލުން ދެމުން މިދަނީ،" ރާފިއު ވިދާޅުވިއެވެ.

މިނިސްޓަރު ރާފިއު އިތުރަށް ފާހަގަކުރެއްވީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އެހާރާއި މިހާރަށް ބަލާ އިރު، މުބާރާތުން ކުޅިވަރުގެ ޑިސިޕްލިންނަށް އައި ހެޔޮ ބަދަލު ފެނުމުގެ އިތުރުން ތަފާތު ޖޯޝެއް އުފައްދައިދޭތަން ފެންނަ ކަމަށެވެ.

"ކުރީގެ މުބާރާތާއި މިހާރުގެ މުބާރާތްތަކަށް ބެލިޔަސް ފެންނާނެ، މުބާރާތުގެ ސަބަބުން އާއްމުންގެ މެދުގައި ކުޅިވަރު ރޫހަށް އައި ހެޔޮ ބަދަލު. ސަޕޯޓަރުންގެ ފަރާތުންވެސް، ކުޅިވަރު ކުޅޭ ކުޅުންތެރިންގެ ފަރާތުންވެސް އެ ޑިސިޕްލިންނާއި ކުޅުމުގެ ރޫހު އަދި ޖޯޝުވެސް އާލާވެގެންދާތަން މުބާރާތުން ފެނިގެންދޭ،" ރާފިއު ވިދާޅުވިއެވެ.

25 ފެބްރުއަރީ 2025، ހުޅުމާލެ، ގޯލްޑަން ފުޓްސަލް ޗެލެންޖު 2025ގެ ފައިނަލުގައި ހދ. ނައިވާދޫ ބަލިކޮށް، ކ. ކާށިދޫގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ވަން ފޮޓޯ/ އިމޭޖަސް އެމްވީ

މިނިސްޓަރު ފާހަގަކުރެއްވީ ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މުޅި ރާއްޖެ ޝާމިލްވާނެ ފޯމެޓަކަށް އޮތް މުބާރާތެއް ކަމަށްވުމުން، އެ މުބާރާތުގެ ސަބަބުން ރާއްޖޭގެ ރަށްރަށަށް ލިބިދޭ ހަމަހަމަ ފުރުސަތު ތަނަވަސްކޮށްދިނުމުގައި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ކުރާ މަސައްކަތަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.