އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލުން އެސްޓަން ވިލާ ބަލިކުރި އިރު، ޗެލްސީއާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުތަކުން އެއްވަރުވެއްޖެއެވެ.

އެއްވަނައިގައި އޮތް އާސެނަލުން އަމިއްލަ ދަނޑުގައި ވިލާ ބަލިކުރީ 4-1 ގެ ނަތީޖާއަކުންނެވެ. ވިލާއިން ރޭ ނުކުތީ 100 އަހަރަށްވުރެ ގިނަ ދުވަސްވެފައި އޮތް މޮޅުވުމުގެ ކްލަބު ރެކޯޑު މުގުރާލުމަށެވެ. ރޭގެ ކުރިން ޗެލްސީ ކައިރިން މޮޅުވެ، ވިލާއިން ލީގުގައި ޖެހިޖެހިގެން 11 މެޗަކުން މޮޅުވެފައިވާ އިރު، ރޭގެ މެޗުން މޮޅުވި ނަމަ، 1914 ވަނަ އަހަރަށްފަހު ރެކޯޑު މުގުރާލަން ފުރުސަތު އޮތެވެ.

އެ މަސައްކަތުގައި ވިލާއިން ފުރަތަމަ ހާފު އާސެނަލް ހިފެހެއްޓި ނަމަވެސް، ދެވަނަ ހާފުގައި އާސެނަލުން ތަފާތު ދެއްކިއެވެ. ދެވަނަ ހާފު ފެށިގެން ފަސް މިނެޓުވެސް ނުވަނީސް ގެބްރިއަލްގެ ގޯލުން އާސެނަލުން ލީޑު ނެގި އިރު، އޭގެ އިރުކޮޅެއް ފަހުން މާޓިން ޒުބިމެންޑީ އާސެނަލަށް ދެވަނަ ގޯލް ޖަހައިދިނެވެ.

މެޗުގެ 69 ވަނަ މިނެޓުގައި ލެއާންޑްރޯ ޓްރޮސާޑް އިތުރު ގޯލެއް ޖެހި އިރު، ހަތަރު ވަނަ ގޯލް ޖެހީ ގެބްރިއަލް ޖީސަސްއެވެ. އެއީ ބަދަލަކަށް އެރި ކުޅުންތެރިއެކެވެ. ވިލާއަށް ކިރިޔާވެސް ތަސައްލީއެއް ލިބުނީ ނިމެން ދަނިކޮށް، އޮލީ ވޮޓްކިންސް ގޯލް ޖަހައިގެންނެވެ.

ޗެލްސީއާއި ޔުނައިޓެޑުންވެސް ރޭ ކުޅުނު މެޗުތަކުން އެއްވަރުވި އިރު، ޗެލްސީ ބޯންމައުތާ އެއްވަރުވީ 2-2 އިންނެވެ. ޔުނައިޓެޑުން އެއްވަރުވީ ފުލުގައި އޮތް ވުލްވްސް ކައިރިން 1-1 އިންނެވެ.

ޗެލްސީން މިދިޔަ ހަފުތާ ވިލާ ކައިރިންވެސް ބަލިވެ، ހާސްކަމެއްގައި އޮތް އިރު، ރޭ އެޓީމު ކައިރިން ބޯންމައުތު ލީޑު ނެގީ ޑޭވިޑް ބްރުކްސްގެ ގޯލުންނެވެ. އޭގެފަހުން ކޯލް ޕާމާގެ ޕެނަލްޓީއެއްގެ އިތުރުން އެންޒޯ ފެނާންޑޭޒްގެ ގޯލަކުން ޗެލްސީން ނަތީޖާ އަނބުރާލި ނަމަވެސް، ހާފު ނިމުމުގެ ކުރިން ޖަސްޓިން ކްލައިވާޓް ވަނީ މެޗު އެއްވަރު ކޮށްފައެވެ.

ޔުނައިޓެޑުން ކުޅުނު މެޗުގެ ކުރީކޮޅުގައި ޖޯޝުއާ ޒިރްކްޒީ ގޯލެއް ޖެހި ނަމަވެސް ލަޑިސްލޭވް ކްރެޖްސީ ވުލްވްސްއަށް އެއްވަރު ކުރިއެވެ.

މިހާތަނަށް ސީޒަނުގައި ކުޅުނު 19 މެޗުން ވުލްވްސްއަށް އަދި ތިން ޕޮއިންޓް ހޯދުނު އިރު، ޔުނައިޓެޑަށް ލިބުނު ޕޮއިންޓާއެކު އެޓީމު އޮތީ ހަވަނައިގައެވެ. އެއީ 19 މެޗުން 30 ޕޮއިންޓާއެކުގައެވެ. ޗެލްސީ ފަސްވަނައިގައި އޮތް އިރު، 19 މެޗުން ލިބުނީ 30 ޕޮއިންޓެވެ.

އާސެނަލް މިވަގުތު އެއްވަނައިގައި އޮތީ 19 މެޗުން 45 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި މެންޗެސްޓާ ސިޓީ އޮތީ ދެވަނައިގައި 18 މެޗުން 40 ޕޮއިންޓާއެކުގައެވެ.