ސިވިލް ސާވިސް ވަޒީފާއިން ރިޓަޔާވުމަށްފަހު އަލުން ވަޒީފާއަށް ނުކުންނަ ނަމަ ޕެންޝަން ފައިސާ ނުލިބޭ ގޮތަށް "ދިވެހި ސިވިލް ސާވިސްގެ ގަވާއިދު" އިސްލާހުކޮށްފިއެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ގެޒެޓުކުރި އެ އިސްލާހުގައި ބަޔާންކޮށްފައިވަނީ "ދިވެހި ސިވިލް ސާވިސްގެ ގަވާއިދު" ދަށުން ވަޒީފާއިން މުސްކުޅިކޮށްފައިވާ މުވައްޒަފަކު، އަލުން ދައުލަތުގެ މަގާމަކަށް އިންތިހާބުވެއްޖެ ނަމަ ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވަޒީފާއެއް ހަމަޖެހިއްޖެ ނަމަ، އެ ވަޒީފާގައި ދެމިހުންނަ މުއްދަތުގައި އެ ފަރާތަކަށް މުސްކުޅިކުރުމުގެ އިނާޔަތެއް ނުލިބޭނެ ކަމަށެވެ.

އެގޮތުން ކުރިން ލިބެމުންދިޔަ މުސްކުޅިކުރުމުގެ އިނާޔަތުގެ ފައިސާ މަހުންމަހަށް ދޫކުރަން ފެށޭނީ އެ ވަޒީފާއިން ވަކިވާ މަހާ ޖެހިގެން އަންނަ މަހުން ފެށިގެން ކަމަށް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.

އިސްލާހުގައިވާ ގޮތުން "ދިވެހި ސިވިލް ސާވިސްގެ ގަވާއިދު"ގެ ދަށުން ވަޒީފާއިން މުސްކުޅިކޮށްފައިވާ މީހަކު، އިންތިހާބީ މަގާމަކަށް އިންތިހާބުވެއްޖެ ނަމަ، ސަރުކާރު ކުންފުންޏަކުން ވަޒީފާއެއް ލިބިއްޖެ ނަމަ ނުވަތަ ދައުލަތުގެ ވަޒީފާއެއް ލިބިއްޖެ ނަމަ، އެ ފަރާތަކުން އެކަމެއް ޕެންޝަން އޮފީހަށް އަންގަންވާނެ ކަމަށެވެ.

އަދި އެގޮތުގެ މަތީން އަންގަންޖެހޭ އެންގުން ނާންގައި އޮތުމުގެ ސަބަބުން އެފަދަ ވަޒީފާއެއްގައި ހުރި މުއްދަތުގައި އެ ފަރާތަކަށް މުސްކުޅިކުރުމުގެ އިނާޔަތް ދޫކުރެވިއްޖެ ނަމަ، އެ ފައިސާ އަނބުރާ ދައްކަންވާނެ ކަމަށް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.

އެ އިސްލާހުގައި އިތުރަށް ބަޔާންކޮށްފައިވަނީ އިސްލާހަށް އަމަލުކުރަން ފަށާއިރު "ދިވެހި ސިވިލް ސާވިސްގެ ގަވާއިދު"ގެ ދަށުން މުސްކުޅި ކޮށްފައިވާ މީހަކު އިންތިހާބީ މަގާމަކަށް އިންތިހާބުވެފައިވާ ނަމަ، ސަރުކާރު ކުންފުންޏަކުން ވަޒީފާއެއް ލިބިފައިވާ ނަމަ ނުވަތަ ދައުލަތުގެ ވަޒީފާއެއް އަދާކުރަމުންދާ ނަމަ، ވަޒީފާގައި ދެމިހުންނަ މުއްދަތަށް އެ މީހަކަށް މުސްކުޅިކުރުމުގެ އިނާޔަތް ދިނުން ހުއްޓައިލަންވާނެ ކަމަށެވެ.

އަދި ކުރިން ލިބެމުންދިޔަ މުސްކުޅިކުރުމުގެ އިނާޔަތުގެ ފައިސާ މަހުންމަހަށް ދޫކުރަން ފަށާނީ، އެ ވަޒީފާއިން ވަކިވާ މަހާ ޖެހިގެން އަންނަމަހުން ފެށިގެންކަމަށް އިސްލާހުގައިވަނީ ބަޔާންކޮށްފައެވެ.

އެ އިސްލާހަށް މިއަދުން ފެށިގެން ވަނީ އަމަލުކުރަން ފަށައިފައެވެ.