ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލައިގައި ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް ކުރި 100 އަށްވުރެ ގިނަ ދައުވާގެ ތެރެއިން 94 ދައުވާއެއް ސާބިތުވާތީ އޭނާގެ މައްޗަށް ހުކުމްކުރުން މާދަމާއަށް ތާވަލުކުރަން ކުރިމިނަލް ކޯޓުން ނިންމައިފިއެވެ.

ދައުލަތުން، މަންޑޭގެ މައްޗަށް ކުރި 94 ދައުވާ ސާބިތުވާކަމަށް މިދިޔަ ހޮނިހިރު ދުވަހު ކުރިމިނަލް ކޯޓުން ވަނީ ކަނޑައަޅައިފައެވެ. ކުރިމިނަލް ކޯޓުން ނިންމާފައިވަނީ މިއަދު އެ މައްސަލައިގައި އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުމަށާއި ހުކުމްކުރުމަށެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި އަދަބާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ދައުލަތުން ވަނީ މަނީ ލޯންޑަރިންގެ ކުށުގެ އަދަބެއްގެ ގޮތުގައި މަންޑޭ 15 އަހަރަށް ޖަލަށްލައި، އޭނާ ލޯންޑާކުރި ޖުމުލަ ފައިސާގެ އަދަދުން ޖޫރިމަނާ ކޮށްދިނުމަށް އެދިފައެވެ.

ދައުލަތުން ދެން އެދިފައިވަނީ މަންޑޭގެ މައްޗަށް ސާބިތުވާކަމަށް ކަނޑައެޅި ޓެކުމުގެ 50 ދައުވާގެ ތެރެއިން ކޮންމެ ދައުވާއެއްގައި ފުރިހަމަ އަދަބު ކަނޑައަޅައި، އޮޅުވާލުމުގެ ކޮންމެ ދައުވާއެއްގައި އަދަބުގެ ދެ ބައިކުޅަ އެއްބައި އަދަބު ކަނޑައަޅައިދިނުމަށެވެ.

ދައުލަތުގެ ވާހަކަތަކަށްފަހު މަންޑޭއަށް ވާހަކަދައްކަން ލިބުނު ފުރުސަތުގައި އޭނާ ބުނީ ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ.

މަންޑޭގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާތައް:

  • ޓެކުން (46 ދައުވާ)

  • އޮޅުވާލުމުގެ އަމަލެއް ކުރުން (44 ދައުވާ)

  • މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުން (3 ދައުވާ)

  • މަނީ ލޯންޑްރިން (1 ދައުވާ)

މި މައްސަލައިގައި ދައުލަތުންވަނީ ޖައިޝާން ސައީދު، ކިނާރާ، ރ. އަލިފުށިގެ، މައްޗަށްވެސް 95 ދައުވާއެއް ކޮށްފައެވެ. އޭގެ ތެރެއިން 86 ދައުވާއެއް ސާބިތުވާކަމަށް ކުރިމިނަލް ކޯޓުންވަނީ މިދިޔަ ހޮނިހިރު ދުވަހު ކަނޑައަަޅައިފައެވެ.

މިއަދުގެ ޝަރީއަތުގައި ބާކީހުރި ދައުވާތައްވެސް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ވަނީ ކަނޑައަޅައިފައެވެ. ނަމަވެސް އަދަބު ކަނޑައަޅާފައެއް ނުވެއެވެ.

މިއަދުގެ ޝަރީއަތުގައި އަދަބާ ބެހޭގޮތުން ޖައިޝާންގެ ފަރާތުން ވާހަކަދެއްކެވި އޭނާގެ ވަކީލު ނޫރުއްސަލާމް ވިދާޅުވީ އަދަބުގެ ތިންބައިކުޅަ އެއްބައި ގޭ ބަންދަށް ބަދަލުކޮށް ދިނުމަށާއި އަދަބުގެ އަނެއްބައި ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށް ދިނުމަށް އެދޭ ކަމަށެވެ. ނޫރުއްސަލާމް ވިދާޅުވީ ޖަލު އަދަބު ތަންފީޒު ކުރުމުގެ ކުރިން ގޭ ބަންދުގެ އަދަބު ތަންފީޒު ކުރެވޭނެ ގޮތަކަށް މައްސަލަ ނިންމައިދިނުމަށް އެދޭ ކަމަށެވެ.

ޖަލު އަދަބުގެ ކުރިން ގޭ ބަންދުގެ އަދަބު ތަންފީޒު ކުރަން ޖައިޝާން ފަރާތުން އެދެނީ އޭނާގެ ތިން އަހަރާއި ހަމަސް ދުވަހުގެ ކުޑަކުއްޖަކު ހުރުމުން ކަމަށާއި އެ ކުއްޖާ ބެލުމުގެ ކަންކަން ކުރަމުންދަނީ ޖައިޝާން ކަމަށްވާތީކަމަށް ނޫރުއްސަލާމް ވިދާޅުވިއެވެ.

ނަމަވެސް ދައުލަތުން ވިދާޅުވީ ޖަލު އަދަބުގެ ތިންބައިކުޅަ އެއްބައި ގޭ ބަންދަށް ބަދަލުކުރުމަށް އިއުތިރާޒުކުރާ ކަމަށެވެ. ޖައިޝާންއަކީ ވަޒީފާ އަދާކުރާ ފަރާތެއް ނޫން ކަމަށާއި އަދި އޭނާއަށް ޖޫރިމަނާގެ ފައިސާ ދެއްކޭނެ ފަދަ ހެއްކެއް ޝަރީއަތަށް ހުށަހަޅާފައިނުވާތީ ޖަލު އަދަބު، ޖޫރިމަނާގެ އަބަދަކަށް ބަދަލުކޮށްދިނުމަށްވެސް އިއުތިރާޒުކުރާ ކަމަށް ދައުލަތުން ވިދާޅުވިއެވެ. ދައުލަތުން އިތުރަށް ވިދާޅުވީ ޖައިޝާންގެ މައްޗަށް ސާބިތުވެފައިވަނީވެސް މާލީ ކުށެއް ކަމަށެވެ.

ދައުލަތުން ވިދާޅުވީ ޖައިޝާންގެ ޖަލު ހުކުމް ތަންފީޒު ކުރުމުގެ ކުރިން ދެތިން މަހުގެ ގޭ ބަންދުގެ އަދަބެއް ތަންފީޒު ކުރުމަށް އިއުތިރާޒު ނުކުރާ ކަމަށެވެ.

ޝަރީއަތުގައި ވާހަކަދައްކަަވަމުން ޖައިޝާން ބުނީ އޭނާގެ މައްޗަށް ދައުވާތައް ސާބިތުވެ ޖަލަށްދާން ޖެހުމުން އޭނާގެ ދަރިފުޅު ބެލުމުގެ ކަންކަން ކުރަނީ އޭނާގެ މަންމައާއި ދޮންބައްޕަ އަދި ބޮޑުބޭބެއެއް ކަމަށެވެ. ޖައިޝާން ބުނީ އޭނާ ވަޒީފާއަކަށް ނުދިޔަނަމަވެސް މަންމައާއެކު ގޭތެރޭގައި އަމިއްލަ މަސައްކަތެއް ކުރާ ކަމަށެވެ.

ޖައިޝާން ބުނީ ޖަލަކީ އޭނާ މީގެ ކުރިން އިހުސާސްކޮށްފައިވާ މާހައުލެއް ނޫން ކަމަށާއި ޖަލު ތެރޭގައި ދެން ތިބޭ މީހުން މަސްތުވާތަކެތި ބޭނުން ކުރަމުންދާ ކަމަށެވެ. މުޅި ތަން ހުންނަނީ މަސްތުވާތަކެތީގެ ދުމުން ފުރިފައި ކަމަށާއި އެކަމުގެ ސަބަބުން އޭނާއަށް ނޭދެވޭ އަސަރުކުރާ ކަމަށެވެ. އަދި ބުނީ އޭނާ ބޮޑުވެގެން އައީ އެފަދަ މާހައުލަކަށް ހޭނިގެންދާނެ ފަދަ ގޮތަކަށް ނޫން ކަމަށާއި އޭނާގެ ގޭގައިވެސް މަސްތުވާތަކަތި ބޭނުންކުރާ މީހަކު ދިރިނޫޅޭ ކަމަށެވެ. އެހެންވެ އެކަންކަމަށް ރިއާޔަތްކޮށް ދިނުމަށް ޖައިޝާން އެދުނެވެ.

އެ ވާހަކަތަކާ ގުޅިގެން މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ ޖައިޝާން އެ ބުނާ ގޮތަކަށް ޖަލުގައި މަސްތުވާތަކެތި ބޭނުން ކުރަމުންދާނަމަ އެއީ ވަރަށް ހިތާމަހުރި ކަމައް ކަމަށެވެ. ޖަލުގައި މީހުން ބަންދުކުރަނީ އެފަދަ ކަންކަން އަރައިގަތުން ހުއްޓުވުމުގެ މަގުސަދުގައި ކަމަށް ގާޒީ ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ ޖައިޝާންގެ ކުޑަ ދަރިފުޅެއް ހުންނާތީ މި މައްސަލަ ދިރާސާކޮށް އަދަބު ކަނޑައެޅުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ. ގާޒީ ވިދާޅުވީ މި މައްސަލައިގެ އަދަބު ކަނޑައެޅުން އޮންނާނީ މާދަމާ ހެނދުނު 9:00 ޖަހާއިރު ބާއްވާ ޝަރީއަތުގައި ކަމަށެވެ.

ޖައިޝާންގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާތައް:

  • ޓެކުމުގައި ބައިވެރިވުން (45 ދައުވާ)

  • އޮޅުވާލުމުގެ އަމަލެއް ކުރުން (40 ދައުވާ)

  • މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުން (3 ދައުވާ)

  • މަނީ ލޯންޑާކުރުމަށް އެހީތެރިވުން (1 ދައުވާ)