ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލައިގައި ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް ކުރި 100 އަށް ވުރެ ގިނަ ދައުވާގެ ތެރެއިން 94 ދައުވާއެއް ސާބިތުވެ، 397 އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ދައުލަތުން، މަންޑޭގެ މައްޗަށްކުރި 94 ދައުވާ ސާބިތުވާކަމަށް މިދިޔަ ހޮނިހިރު ދުވަހު ކުރިމިނަލް ކޯޓުންވަނީ ކަނޑައަޅައިފައެވެ.

އިއްޔެ ކުރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގައިވަނީ އަދަބާބެހޭގޮތުން ވާހަކަދައްކައިފައެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ ޝަރީއަތުގައި ގާޒީ އަލީ ނަދީމް ވަކިވަކިން މަންޑޭގެ މައްޗަށް އިއްވި ހުކުމްތައް އެއްކޮށްލުމުން ޖުމްލަ 397 އަހަރުގެ ޖަލު ހުކުމެއް އޭނާ ތަންފީޒުކުރަންޖެހެއެވެ.

މަންޑޭގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާތައް:

  • ޓެކުން (46 ދައުވާ)

  • އޮޅުވާލުމުގެ އަމަލެއް ކުރުން (44 ދައުވާ)

  • މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުން (3 ދައުވާ)

  • މަނީ ލޯންޑްރިން (1 ދައުވާ)

މަންޑޭގެ މައްޗަށް ޓެކުމުގެ 46 ދައުވާއެއް ކުރިއިރު އެއިން ކޮންމެ ދައުވާއެއް ސާބިތުވުމުގެ ސަބަބުން މަންޑޭ އަށް އަހަރަށް ޖަލަށްލުމަށް ގާޒީ ހުކުމްކުރެއްވިއެވެ. އެހެންކަމުން ޓެކުމުގެ 46 ދައުވާގެ އަދަބެއްގެ ގޮތުގައި މަންޑޭ 368 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަން ޖެހޭނެއެވެ.

އޮޅުވާލުމުގެ 44 ދައުވާއެއް ކުރިއިރު އެއިން ކޮންމެ ދައުވާއެއް ސާބިތުވުމުގެ ސަބަބުން މަންޑޭ ތިން މަހާއި 18 ދުވަހަށް ޖަލަށްލުމަށް ގާޒީ ހުކުމްކުރެއްވިއެވެ. އެހެންކަމުން އޮޅުވާލުމުގެ 44 ދައުވާގެ އަދަބެއްގެ ގޮތުގައި މަންޑޭ ޖުމްލަ 13 އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަން ޖެހޭނެއެވެ.

ދައުލަތުން މަންޑޭގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ދައުވާއަށް ސާބިތުވާތީ ގާޒީ ކުރެއްވީ 15 އަހަރުގެ ޖަލު ހުކުމެކެވެ. މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާއެއް ކުރިއިރު އެ ދައުވާތަކުގެ އަދަބެއްގެ ގޮތުގައި އެއް އަހަރާއި ހަތަރު މަހާއި 24 ދުވަހަށް މަންޑޭ ޖަލަށްލުމަށް ގާޒީ ހުކުމްކުރެއްވިއެވެ.

ގާޒީވަނީ މަންޑޭ 30 މިލިއަން ރުފިޔާއިން ޖޫރިމަނާވެސް ކޮށްފައެވެ. އަދި ވަނީ ހުޅުމާލެއިން މަންޑޭ ގަނެފައިވާ ޕެންޓްހައުސް ދައުލަތަށް ނެގުމަށް އަމުރުކޮށްފައެވެ.

މި މައްސަލައިގައި ދައުލަތުންވަނީ ޖައިޝާން ސައީދު، ކިނާރާ، ރ. އަލިފުށިގެ، މައްޗަށްވެސް 95 ދައުވާއެއް ކޮށްފައެވެ. އޭގެ ތެރެއިން 86 ދައުވާއެއް ސާބިތުވާކަމަށް ކުރިމިނަލް ކޯޓުންވަނީ މިދިޔަ ހޮނިހިރު ދުވަހު ކަނޑައަަޅައިފައެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ އަލީ ނަދީމް، ޖައިޝާނަށް އިއްވި ޖަލު ހުކުމްތައް އެއްކޮށްލުމުން އޭނާ ޖުމްލަ 159 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަން ޖެހޭނެއެވެ.

ދައުލަތުން ޖައިޝާންގެ މައްޗަށް ކޮށްފައިވާ ދައުވާތައް:

  • ޓެކުމުގައި ބައިވެރިވުން (45 ދައުވާ)

  • އޮޅުވާލުމުގެ އަމަލެއް ކުރުން (41 ދައުވާ)

  • މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުން (3 ދައުވާ)

  • މަނީ ލޯންޑާކުރުމަށް އެހީތެރިވުން (1 ދައުވާ)

ޖައިޝާންގެ މައްޗަށް ކުރި ޓެކުމުގެ ބައިވެރިކަމުގެ 46 ދައުވާ ސާބިތުވުމުން އެއިން ކޮންމެ ދައުވާއެއްގެ އަދަބެއްގެ ގޮތުގައި އޭނާ ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލުމަށް ގާޒީ ހުކުމްކުރެއްވިއެވެ. އެެހެންކަމުން އެ ދައުވާތަކާ ގުޅިގެން ޖައިޝާން 140 އަހަރާއި ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަންޖެހޭނެއެވެ.

ދައުލަތުން ކޮށްފައިވާ އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 41 ދައުވާގެ ތެރެއިން ކޮންމެ ދައުވާއެއްގެ އަދަބެއްގެ ގޮތުގައި ޖައިޝާން ތިން މަހާއި 12 ދުވަހަށް ދުވަހަށް ޖަލަށްލުމަށް ގާޒީ ހުކުމްކުރެއްވިއެވެ. އެއީ ޖުމްލަ 12 އަހަރާއި ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.

މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާގެ އަދަބެއްގެ ގޮތުގައި ޖައިޝާން އެއް އަހަރާއި ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް ގާޒީވަނީ ހުކުމްކުރައްވައިފައެވެ.

މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާއެއްގެ އަދަބެއްގެ ގޮތުގައި ޖައިޝާން ހަތަރު އަހަރާއި 11 މަހާއި 24 ދުވަހަށް ޖަލަށްލުމަށް ގާޒީވަނީ ހުކުމްކުރައްވައިފައެވެ.

ޖައިޝާން 30 މިލިއަން ރުފިޔާ ޖޫރިމަނާކުރުމަށްވެސް ގާޒީވަނީ ހުކުމްކޮށްފައެވެ.

އިއްޔެގެ ޝަރީއަތުގައި އަދަބާ ބެހޭގޮތުން ވާހަކަދައްކަން ލިބުނު ފުރުސަތުގައި ޖައިޝާންގެ ވަކީލު ނޫރުއްސަލާމް ވިދާޅުވެފައިވަނީ އަދަބުގެ ތިންބައިކުޅަ އެއްބައި ގޭ ބަންދަށް ބަދަލުކޮށް ދިނުމަށާއި އަދަބުގެ އަނެއްބައި ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށް ދިނުމަށް އެދޭ ކަމަށެވެ. ނޫރުއްސަލާމް ވިދާޅުވެފައިވަނީ ޖަލު އަދަބު ތަންފީޒު ކުރުމުގެ ކުރިން ގޭ ބަންދުގެ އަދަބު ތަންފީޒު ކުރެވޭނެ ގޮތަކަށް މައްސަލަ ނިންމައިދިނުމަށް އެދޭ ކަމަށެވެ.

ޖަލު އަދަބުގެ ކުރިން ގޭ ބަންދުގެ އަދަބު ތަންފީޒު ކުރަން ޖައިޝާން ފަރާތުން އެދެނީ އޭނާގެ ތިން އަހަރާއި ހަމަސް ދުވަހުގެ ކުޑަކުއްޖަކު ހުރުމުން ކަމަށާއި އެ ކުއްޖާ ބެލުމުގެ ކަންކަން ކުރަމުންދަނީ ޖައިޝާން ކަމަށްވާތީކަމަށް ނޫރުއްސަލާމް ވިދާޅުވެފައިވެއެވެ.

ނަމަވެސް ދައުލަތުން ވިދާޅުވެފައިވަނީ ޖަލު އަދަބުގެ ތިންބައިކުޅަ އެއްބައި ގޭ ބަންދަށް ބަދަލުކުރުމަށް އިއުތިރާޒުކުރާ ކަމަށެވެ. ޖައިޝާންއަކީ ވަޒީފާ އަދާކުރާ ފަރާތެއް ނޫން ކަމަށާއި އަދި އޭނާއަށް ޖޫރިމަނާގެ ފައިސާ ދެއްކޭނެ ފަދަ ހެއްކެއް ޝަރީއަތަށް ހުށަހަޅާފައިނުވާތީ ޖަލު އަދަބު، ޖޫރިމަނާގެ އަބަދަކަށް ބަދަލުކޮށްދިނުމަށްވެސް އިއުތިރާޒުކުރާ ކަމަށް ދައުލަތުން ވިދާޅުވެފައިވެއެވެ. ދައުލަތުން އިތުރަށް ވިދާޅުވެފައިވަނީ ޖައިޝާންގެ މައްޗަށް ސާބިތުވެފައިވަނީވެސް މާލީ ކުށެއް ކަމަށެވެ.

ދައުލަތުން ވިދާޅުވެފައިވަނީ ޖައިޝާންގެ ޖަލު ހުކުމް ތަންފީޒު ކުރުމުގެ ކުރިން ދެތިން މަހުގެ ގޭ ބަންދުގެ އަދަބެއް ތަންފީޒު ކުރުމަށް އިއުތިރާޒު ނުކުރާ ކަމަށެވެ.

ޝަރީއަތުގައި ވާހަކަދައްކަަވަމުން ޖައިޝާން ބުނެފައިވަނީ އޭނާގެ މައްޗަށް ދައުވާތައް ސާބިތުވެ ޖަލަށްދާން ޖެހުމުން އޭނާގެ ދަރިފުޅު ބެލުމުގެ ކަންކަން ކުރަނީ އޭނާގެ މަންމައާއި ދޮންބައްޕަ އަދި ބޮޑުބޭބެއެއް ކަމަށެވެ. ޖައިޝާން ބުނެފައިވަނީ އޭނާ ވަޒީފާއަކަށް ނުދިޔަނަމަވެސް މަންމައާއެކު ގޭތެރޭގައި އަމިއްލަ މަސައްކަތެއް ކުރާ ކަމަށެވެ.

އެކަންކަމާ ގުޅިގެން ޝަރީއަތުން ނިންމި ގޮތް ގާޒީ ހާމަކުރެއްވީ މިއަދުގެ ޝަރީއަތުގައެވެ. ގާޒީ ނަދީމް ވިދާޅުވީ ޖައިޝާންގެ ފަރާތުން އެދުނު ގޮތަށް ޖަލު ހުކުމުގެ ކުރިން ގޭ ބަންދުގެ އަދަބެއް ތަންފީޒުކުރަން ޖެހޭ ގޮތަށް ނުހެދޭނެ ކަމަށާއި އެއީ ގާނޫނީ ގޮތުން ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. ގާޒީ ވިދާޅުވީ މި މައްސަލައިގައި ޖައިޝާން ތަންފީޒު ކުރަން ޖެހޭނީ ޖަލު އަދަބެއް ކަމަށެވެ.