އުތުރު އެމެރިކާގެ ގައުމުތަކުގައި އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕް މެޗުތަކުގެ ޓިކެޓް އަގުބޮޑު ކަމަށް ބައެއް ސަޕޯޓަރުން ބުނާ ބުނުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރައްދު ދެއްވައިފިއެވެ.
އެމެރިކާ، މެކްސިކޯގެ އިތުރުން ކެނެޑާގައި އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕްގެ ޓިކެޓް މިހާރުވެސް ވިކެމުންދާ އިރު، 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕް މެޗުތަކާ ބަލާ އިރު، މިފަހަރު މާ ބޮޑަށްވެސް ޓިކެޓް އަގުބޮޑު ކަމަށް ސަޕޯޓަރުންގެ ގްރޫޕްތަކުން ވަނީ ބުނެފައެވެ.
ޑިމާންޑަށް ބަލައި ޓިކެޓް އަގުކުރުމުގެ އާ ސިސްޓަމެއްގެ ދަށުން ފީފާއިން މިފަހަރު ޓިކެޓް ވިއްކަމުންދާ އިރު، ބައެއް ފާޑުކިޔުންތަކާއެކު 60 ޑޮލަރަށް ލިބޭ އަގުހެޔޮ ޓިކެޓްތަކެއް ކޮންމެ މެޗަކުންވެސް ވިއްކަން ފީފާއިން މިހާރު ނިންމާފައިވެއެވެ.
އެކަމުގައި ބައެއް ފަރާތްތަކުން ފީފާގެ ރައީސަށް އަމާޒުކޮށްވެސް ފާޑު ކިޔާފައިވާ އިރު، ޑުބާއީގެ ވޯލްޑް ސަމިޓްގައި ވާހަކަ ދައްކަވަމުން އިންފަންޓީނޯ ވިދާޅުވީ، އެންމެ 15 ދުވަހުގެ ތެރޭގައި 150 މިލިއަން ޓިކެޓަށް ރިކުއެސްޓް ލިބިފައިވާ ކަމަށެވެ.
"ހަ މިލިއަން ޓިކެޓް މި ވިއްކަނީ 15 ދުވަސް ތެރޭގައި. އެ ޓިކެޓްތަކަށް މިހާރުވެސް 150 މިލިއަން ރިކުއެސްޓް ލިބިފައިވޭ. އެެހެންވީމާ އޭގެ މާނައަކީ ދުވާލަކަށް 10 މިލިއަން ޓިކެޓަށް އެބަ ރިކުއެސްޓް ކުރާކަން. އޭގެން ފެންނަނީ ވޯލްޑް ކަޕްވެސް ބާރުގަދަކަން. ވޯލްޑް ކަޕަށް މިވީ 100 އެއްހާ އަހަރު ތެރޭގައި ޖުމުލަަ 44 މިލިއަން ޓިކެޓް މި ވިކުނީ. އެއީ ޖުމުލަ އެއްކޮށް. އެހެންވީމަ ޑިމާންޑް ފެނިއްޖެ،" އިންފަންޓީނޯ ވިދާޅުވިއެވެ.
މިހާތަނަށް އެންމެ ގިނައިން ޓިކެޓް ގަނެފައި ވަނީ އެމެރިކާއިން ކަމަށް ވިދާޅުވަމުން އިންފަންޓީނޯ ފާހަގަކުރެއްވީ، ފީފާއިން ޓިކެޓް ފައިސާއިން ކުރާ ކަމަކީ މުޅި ދުނިޔޭގައި ފުޓުބޯޅަ ފެތުރުން ކަމަށެވެ.
"އަހަރެމެން ޓިކެޓުން މި ނަގާ ފައިދާއަކީ މުޅި ދުނިޔޭގެ ބޭނުމަށް ނަގާ ފައިދާއެއް. ފީފާ ނެތި، 150 ގައުމުގައި ފުޓުބޯޅައެއް ނުކުޅޭނެ. ފުޓުބޯޅަ ދެމި އޮތުމަށް ވޯލްޑް ކަޕާއި އެހެން މުބާރާތްތަކުން ހޯދައި ފައިސާ އެހީވެދޭ. އެހެންވީމަ މި ފައިސާ ހަރަދުވެސް ކުރާނީ މުޅި ދުނިޔެއަށް،" އިންފަންޓީނޯ ވިދާޅުވިއެވެ.
ޑުބާއީގައި ކުރިއަށްދާ ސަމިޓްގައި ވާހަކަ ދައްކަވަމުން އިންފަންޓީނޯ އިތުރަށް ވިދާޅުވީ އަންނަ އަހަރު ފީފާ އެންމެ މޮޅު ކުޅުންތެރިޔާ ހޮވާ، ދަ ބެސްޓް ހަފުލާ އޮންނާނީ އެ ސިޓީގައި ކަމަށެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026