ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ކުޅުނު މެޗުގައި ބުރު ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.
ގައުމީ ދަނޑުގައި ކުޅުނު ލީގުގެ ދެވަނަ ބުރުގެ މެޗުގައި ނިއުއިން ބުރު ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އެނަތީޖާއާއެކު ތިންވަނައިގައި އޮތް ނިއުއިން ވަނީ 12 މެޗުން 23 ޕޮއިންޓް ހޯދައިފައެވެ. ލީގުގެ ދެވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބަށް 12 މެޗުން 28 ޕޮއިންޓް އަދި، އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް 12 މެޗުން 34 ޕޮއިންޓް ލިބިފައިވެއެވެ. ރޭ ބަލިވުމުން ބުރު މިހާރު އޮތީ ހަތަރެއްގައެެވެ. އެއީ12 މެޗުން 20 ޕޮއިންޓާއެކުގައެވެ.
މެޗުގެ ކުރީކޮޅުގައިވެސް ނުރައްކާ ކުރަމުން ދިޔަ ނިއުއިން، 26 ވަނަ މިނެޓުގައި ލީޑު ނެގިއެވެ. އެޓީމަށް ލީޑު ނަގައިދިނީ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅަ، ތިރިތިރީން އޭނާ އަމާޒުކޮށްލީ ގޯލްގެ ކަނަށެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައި އަލީ ފާސިރު (ސެންޓޭ) ޖެހި ގޯލުން ނިއު އިތުރު ގޯލެއް ޖަހާފައިވާ އިރު، ތިންވަނަ ގޯލްވެސް ޖެހީ އޭނާއެވެ. ސެންޓޭގެ ފަރާތުން މެޗުގައި މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ނިއުއަށް ލިބުނު އަނެއް ހިތްހަމަ ޖެހުމަކީ ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އަނިޔާއިން ރަނގަޅުވެ، ކުޅުމަށް ނުކުތުމެވެ.
މެޗުގެ ފަހުކޮޅުގައި ދަގަނޑޭ ކުޅުމަށް ނުކުމެފައިވާ އިރު، ރޭގެ މެޗަކީ ދެއަހަރާ އަށް މަސް ދުވަސް ފަހުން އޭނާ ކުޅުނު ފުރަތަމަ ޑިވިޝަނުގެ ފުރަތަމަ މެޗެވެ. ދަގަނޑޭ އަލުން ފުރަތަމަ ޑިވިޝަނަށް ނުކުމެފައި ވަނީ ދެ ސާޖަރީއަކުން ރިކަވާ ވެގެންނެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު