މުހިއްމު ގިނަ ކުޅުންތެރިންތަކަކަށް ލިބިފައިވާ އަނިޔާތަކުން ސަލާމަތްވުމާއެކު، މިހާރު މެންޗެސްޓާ ސިޓީ އޮތީ ތަށިތަކަށް ވާދަކުރާ ފެންވަރުގައި ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ގާޑިއޯލާ ބުނީ މިވަގުތު މިޑްފީލްޑަރު ރޮޑްރީ އަނިޔާއިން ރަނގަޅުވެ، ފިޓްވެފައިވާ ކަމަށެވެ. އޭގެ އިތުރުން ޖެރަމީ ޑޮކޫއާއި ޖޯން ސްޓޯންސްވެސް ވަރަށް އަވަހަށް ފިޓްވާނެ ކަމަށާއި، އެ ކުޅުންތެރިން އެނބުރި ސްކޮޑާ ގުޅުމުން ޓީމު ވަރުގަދަވެ، ތަށްޓަށް ވާދަކުރެވޭނެ ކަމަށެވެ.

"ރޮޑްރީ މިހާރު ހުރީ ވަރަށް ރަނގަޅު ހާލަތެއްގައި. އެކަމަކު އަދި ފުލްކޮށް ކުޅުވުމާމެދު ވަކި ގޮތެއް ނުނިންމަން. ޑޮކޫއާއި ސްޓޯންސްވެސް މިހާރު އަންނަނީ އެނބުރި ކުޅުމަށް ނުކުތުމަށް ތައްޔާރުވަމުން. އެ ކުޅުންތެރިން އެނބުރި އައިމަ، ސިޓީ ފެންނާނީ ތަފާތު ފޯމެއްގައި،" ގާޑިއޯލާ ބުންޏެވެ.

ސިޓީ މިވަގުތު އޮތީ ޕްރިމިއާ ލީގު ތާވަލުގެ ދެވަނައިގައެވެ. އާސެނަލުން މިވަގުތު އެއްވަނައިގައި އޮތީ 17 މެޗުން 39 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ސިޓީއަށް 17 މެޗުން ލިބިފައި ވަނީ 37 ޕޮއިންޓެވެ.

ގާޑިއޯލާ ބުނީ ސިޓީން މިވަގުތު ލީގު ތާވަލުގެ އެއްވަނައިގައި އޮންނަން ބޭނުންވި ނަމަވެސް، އަދި އުންމީދު ބޮޑު ކަމަށެވެ. އޭނާ ބުނީ ލީގު ހޯދުމަށް ސިޓީއަށް ބޮޑު ފުރުސަތެއް އެބައޮތް ކަމަށާއި، ޗެމްޕިއަންސް ލީގާއި ލީގު ކަޕުގައިވެސް ޓީމުގެ ހާލަތު އޮތީ ރަނގަޅަށް ކަމަށެވެ.