އަންނަ އަހަރުގެ އޭޕްރީލް ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް، ޕީއެންސީން ނެރޭ ކެންޑިޑޭޓުން ކަނޑައަޅަން ބާއްވާ ޕްރައިމަރީގެ ވޯޓުލުން މިއަދު ފަށައިފިއެވެ.

ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި ކެމްޕެއިން މެނޭޖަރު އިބްރާހީމް ފަލާހު، "ވަން"އަށް މައުލޫމާތުދެއްވަމުން މިއަދު ވިދާޅުވީ ޕްރައިމަރީގެ ވޯޓުލުން މިއަދު ހެނދުނު 9:00 ގައި ފަށާފައިވާ ކަމަށެވެ.

"ހަވީރު 4 ޖަހަންދެން ވޯޓު ކިޔުއަށް އެރޭނެ، ގާތްގަނޑަކަށް ހުރިހާ ވޯޓު ފޮއްޓެއްގެ ވޯޓުލުން މިހާރު ފަށައިފި، އަދި ވަރަށް ތަރުހީބު ބޮޑުކޮށްދަނީ،" ފަލާހު ވިދާޅުވިއެވެ.

ޕީއެންސީން މީގެ ކުރިން ބުނެފައިވާ ގޮތުގައި ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ޖުމުލަ އަދަދަކީ 298 އެވެ. އޭގެ ތެރެއިން ކައުންސިލުތަކުގެ ޕްރައިމަރީގައި 180 ކެންޑިޑޭޓުން ވާދަކުރާ އިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ޕްރައިމަރީގައި 118 ކެންޑިޑޭޓުން ވާދަކުރެއެވެ.

ޕީއެންސީން ބުނެފައިވަނީ ވޯޓުލުމުގެ މަސައްކަތުން ފެށިގެން ވޯޓު ގުނުމުގެ މަރުހަލާ ވެސް ފެނިގެންދާނީ ވަރަށް ދެފުށްފެންނަ ގޮތަކަށް ކަމަށާއި ނަތީޖާ އިއުލާނުކުރަން ވަގުތުކޮޅެއް ނަގާނެ ކަމަށެވެ. އަދި އެ ތާރީހު ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށެވެ.

ޕީއެންސީން ނެރުނު އިއުލާނެއްގައި ބުނީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި އެ ޕާޓީގެ ޓިކެޓުގައި ވާދަކުރުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޕްރައިމަރީއަކާ ނުލައި ހޮވިފައިވާ ފަރާތްތަކުގެ މައުލޫމާތު އެ ޕާޓީގެ ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށެވެ.

ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބީ ދާއިރާތަކުގެ ޕާޓީގެ މެންބަރުންގެ ލިސްޓު، ޕާޓީގެ ޕޯޓަލް މެދުވެރިކޮށް އެ ދާއިރާއަކުން ވާދަކުރާ ކެންޑިޑޭޓަކަށް ލިބޭނެ އިންތިޒާމުވެސް ހަމަޖެހިފައިވާނެ ކަމަށް ޕީއެންސީން ބުންޏެވެ.

ޕީއެންސީން ބުނީ ޕްރައިމަރީއާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް އޮތްނަމަ އެ ޝަކުވާއެއް ޕާޓީ އޮފީހަށް ފޮނުވާނީ އިންތިހާބީ ޝަކުވާ ހުށަހެޅުމަށް ހާއްސަކޮށްފައިވާ ނަންބަރު، 9323686 އަށް ވައިބާ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް ކަމަށެވެ.

މިމަހުގެ 18 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީއެންސީން އިންތިހާބަށް ކަނޑައަޅާފައިވާ މެނޭޖަރު، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެފައިވާ ގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 70،000 އަށްވުރެ މައްޗަށް އަރައިފައެވެ.