ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ އަތުލި ކަމަށް ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ) ކޯޓަށް ހާޒިރުކުރަން ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސް، ކޭ-ޕާކް ފްލެޓުތައް މަކަރާއި ހީލަތުން ވިއްކި މައްސަލައިގައި ތުހުމަތުވާ އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރުކަންވެސް ކުރާ މަންޑޭގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ 100 އަށްވުރެ ގިނަ ދައުވާ ކުރުމަށް 23 ޑިސެމްބަރު 2023 ގައި ކްރިމިނަލް ކޯޓަށް ފޮނުވައިފައެވެ.
މަންޑޭގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޓެކުމުގެ 50 ދައުވާ އާއި އޮޅުވައިލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާ އާއި އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އަދި މަނީ ލޯންޑްރިންގެ އެއް ދައުވާއެވެ.
ކުރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި އެ މައްސަލައިގެ ޝަރީއަތަށް މަންޑޭ ހާޒިރުވެފައިނުވެއެވެ. އެހެންވެ ކޯޓުން ވަނީ މަންޑޭ، ކޯޓަށް ހާޒިރުކޮށްދިނުމުގެ އަމުރެއް ފުލުހުންގެ މައްޗަށް ނެރެފައެވެ.
ފުލުހުންދަނީ އެ އަމުރުގެ ދަށުން މަންޑޭ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ކުރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް "ވަން" އަށް އިއްޔެ ވިދާޅުވެފައިވަނީ އެ މައްސަލައިގެ ޝަރީއަތް ތާވަލު ކުރި ނަމަވެސް މަންޑޭ ކޯޓަށް ހާޒިރުވެފައިނުވާ ކަމަށެވެ.
މި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވެފައިވަނީ މަންޑޭގެ ފަރާތުން ޝަރީއަތް ކެންސަލް ކޮށްދިނުމަށް އެދުނު ކަމަށާއި ނަމަވެސް ކޯޓުން ނިންމީ ޝަރީއަތް ބޭއްވުމަށް ކަމަށެވެ.
މަންޑޭ، ޝަރީއަތަށް ހާޒިރުވެފައިނުވާތީ އޮންނަ އުސޫލުގެ ތެރެއިން އޭނާއާމެދު ފިޔަވަޅު އަޅާނެ ކަމަށް ގާޒީ ވިދާޅުވެފައިވެއެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް