މާލޭގައި ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ކަޕްގެ ފައިނަލުގައި ރާއްޖޭން މިރޭ ކިރިގިސްތާން ކައިރިން ބަލިވެއްޖެއެވެ.

މިފަހަރުގެ ފައިނަލަށް ރާއްޖޭން ނުކުތީ މީގެ ކުރިން ތިން ފަހަރަށް ރިހި މެޑަލް ހޯދާފައި އޮވެގެންނެވެ. ފުރަތަމަ ފަހަރަށް ރަނަށް މަސައްކަތް ކުރި ރާއްޖެ، ކިރިގިސްތާން ކައިރިން ބަލިވީ 3-1 ސެޓުންނެވެ. މިއީ ކާވާ މުބާރާތުގެ ފައިނަލުގައި ރާއްޖޭން ޖެހިޖެހިގެން ކިރިގިސްތާން ކައިރިން ބަލިވި ދެވަނަ ފަހަރެވެ.

މިރޭ މެޗުގެ ފުރަތަމަ ސެޓުގައި ރާއްޖޭން ތަފާތު ރޫހެއްގައި ފެށިއެވެ. ވަރުގަދަ އެޓޭކްތަކެއްވެސް އެ ސެޓުގައި ފެނިގެން ދިޔަ އިރު، ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ) އާއި އައިމިނަތު ޝަހާ ޝާމިންގެ ރަނގަޅު އެޓޭކްތަކަކާއެކު އެ ސެޓު ރާއްޖޭން ކާމިޔާބުކުރީ 25-20 އިންނެވެ.

ރާއްޖޭން އެ ސެޓުގައި ރަނގަޅު ކުޅެ، ކާމިޔާބުކުރި ނަމަވެސް ދެން ފެނުނީ އަމިއްލަ ގޯސްތައް ގިނަކޮށެވެ. ހާއްސަކޮށް ރިސީވްތައް ގޯސްކޮށް ފެނިގެން ގޮސްފައިވާ އިރު، ކިރިގިސްތާނުން ރާއްޖޭގެ އެޓޭކްތައް ހުއްޓުވުމުގައި މޮޅަށް ބްލޮކް ކުރިއެވެ. ހައްވައާއި ޝަހާގެ އެޓޭކްތައްވެސް ކިރިގިސްތާނުން ބްލޮކްކޮށް ހުއްޓުވި އިރު، ދެން ކުޅުނު ސެޓުތައް ކިރިގިސްތާނުން ގެންދިޔައީ 22-25، 17-25 އަދި 21-25 އިންނެވެ.