ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދާ ތިން މަޝްރޫއަކަށް ބޭނުންވާ 85 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ އެއްބަސްވުމުގައި ރާއްޖެއާއި ޗައިނާއާ ދެމެދު ސޮއިކޮށްފިއެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިންހުއާއާއެވެ.
އެ އެއްބަސްވުމުގައިވާ ގޮތުން ރާއްޖޭގެ ތަރައްގީއަށް މުހިންމު އެ ތިން މަޝްރޫއު ކުރިއަށްގެންދިއުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޗައިނާ ސަރުކާރުން، ރާއްޖެއަށް 600 މިލިއަން ޔުއާން ނުވަތަ 85 މިލިއަން ޑޮލަރު ހަދިޔާކުރާނެއެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ހަލީލް ވިދާޅުވީ ރާއްޖެއާއި ޗައިނާގެ ގުޅުން ފާއިތުވި ދުވަސްތަކުގައި ވަރަށް ބޮޑަށް ބަދަހިވެފައިވާ ކަމަށެވެ. ހަލީލް ވިދާޅުވީ ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއް ކަމަށެވެ.
"އަޅުގަނޑު އުފަލާއެކު ފާހަގަކުރަން މި މަޝްރޫއުތައް ތަންފީޒު ކުރުމަށް ބާރަށް މަސައްކަތް ކުރަމުންދާކަން. ދެ ގައުމުގެ ފަންނީ ފަރާތްތަކުން ބައްދަލުކޮށް މަޝްވަރާތައް ކުރިއަށްދޭ. ހަމަ ޔަގީނުންވެސް މި މަޝްރޫއުތައް ކުރިއަށް ނުގެންދެވޭނެ ޗައިނާ ސަރުކާރުގެ އެހީއާއި ނުލައި. އެކަމަށް އަޅުގަނޑު ޝުކުރުވެރިވަން،" ހަލީލު ވިދާޅުވިއެވެ.
ޗައިނާ ސަފީރު ވިދާޅުވީ މި އެއްބަސްވުމަކީ ދެ ގައުމުގެ ވެރިންގެ ބައްދަލުވުމުގެ ތެރެއިން ނިންމި ކަންކަން ތަންފީޒު ކުރުމަށް މުހިންމު އެއްބަސްވުމެއް ކަމަށެވެ. ސަފީރު ވިދާޅުވީ މި އެއްބަސްވުން ތަންފީޒުވާއިރު ރައްޔިތުންނަށް މިކަމުގެ ފައިދާ ކުރާނެ ކަމަށެވެ.
މުހައްމަދު އިޝާން
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ