މިދިޔަ އަހަރުގެ ޝަރުއީ ދާއިރާގައި ފާހަގަކުރެވުނު އެންމެ މުހިންމު ކަންތައްތަކުގެ ތެރޭގައި މއ. ހަނީސަކްލް-1، ހުސައިން ޝިފާއު (37އ) 109 އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ކުރި ހުކުމް ހިމެނެއެވެ. މި ހުކުމަށް ވަރަށް ބޮޑު ސަމާލުކަމެއް ލިބިފައިވަނީ މިއީ މިހާ ދިގު މުއްދަތަކަށް މީހަކު ޖަލަށްލުމަށް ހުކުމްކުރި ފުރަތަމަ ފަހަރަށް ވުމުންނެވެ.
109 އަހަރުގެ ޖަލު ހުކުމުގެ ތަފުސީލު:
ޝިފާއުއަށް 109 އަހަރުގެ ޖަލު ހުކުމެއް ކުރިމިނަލް ކޯޓުން ކުރީ، ދައުލަތުން އޭނާގެ މައްޗަށް ކުރި 23 ދައުވާއެއް ސާބިތުވުމުގެ ސަބަބުންނެވެ. މި ދައުވާތަކުގެ ތެރޭގައި ހިމެނެނީ މަނީ ލޯންޑަރިންގެ ހަތް ދައުވާ، މަކަރާއި ހީލަތް ހެދުމުގެ ހަތް ދައުވާ އަދި ސައްހަނޫން ލިޔުމެއް އުފެއްދިކަމުގެ ނުވަ ދައުވާއެވެ.
ކުރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް، ވަކިވަކިން ޝިފާއުގެ މައްޗަށް އިއްވި ޖަލު ހުކުމްތައް އެއްކުރުމުން، މުޅި ޖުމުލަ 109 އަހަރުގެ ޖަލު ހުކުމެއް ޝިފާއު ތަންފީޒުކުރަން ޖެހެއެވެ.
ޝިފާއުގެ މައްޗަށް ކުރި މަނީ ލޯންޑަރިންގެ ހަތް ދައުވާގެ އަދަބެއްގެ ގޮތުގައި އޭނާ 70 އަހަރަށް ޖަލަށްލުމަށް ގާޒީ ހުކުމްކުރެއްވިއެވެ. މަކަރާއި ހީލަތް ހެދުމުގެ ހަތް ދައުވާގެ އަދަބެއްގެ ގޮތުގައި 30 އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު ސައްހަނޫން ލިޔުމެއް އުފެއްދިކަމުގެ ދައުވާގެ އަދަބެއްގެ ގޮތުގައި ޝިފާއު ނުވަ އަހަރަށް ޖަލަށްލުމަށް ގާޒީ ހުކުމްކުރެއްވިއެވެ.
ޖަލު ހުކުމުގެ އިތުރުން ޝިފާއު ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމަށްވެސް ގާޒީވަނީ ހުކުމް ކުރައްވައިފައެވެ.
މި ހުކުމާ ގުޅިގެން ޝިފާއުގެ ފަރާތުން އެދިފައިވަނީ ހުކުމެއް ނުވަތަ ހުކުމެއް ވަކި މުއްދަތެއް ގޭ ބަންދަށް ބަދަލުކޮށް ދިނުމަށެވެ. އަދި މި މައްސަލަތައް ފިޔަވައި އޭނާގެ އިތުރު ކުށުގެ ރިކޯޑެއް ނެތްކަންވެސް ފާހަގަކުރިއެވެ.
އޭނާގެ ފަރާތުން ބުނީ މި މައްސަލައިގައި ގެއްލުންވި ފަރާތްތަކަށް ބަދަލުދެވޭނީވެސް ގޭ ބަންދުގައި ހުރެގެން ކަމަށާއި އޭނާއަކީ އާއިލާގެ ކަންކަމާވެސް ޒިންމާވެ ހުރި ފަރާތް ކަމަށެވެ.
ވަގު ޓީޓީ ފޮނުވައިގެން ރާއްޖެއަށް މޭވާ އާއި ތަރުކާރީ އެތެރެކުރި މައްސަލައިގައި ފުލުހުން ޝިފާއު ހައްޔަރުކުރީ 2023 ވަނަ އަހަރުގެ މާޗު މަހުގެ 28 ވަނަ ދުވަހުއެވެ. އޭނާގެ ބަންދަށް ފުރަތަމަ ޖެހީ 30 ދުވަހެވެ. ނަމަވެސް ދެވަނަ ފަހަރަށް ބަންދާ މެދު ގޮތެއް ނިންމަން އެ އަހަރުގެ މެއި 27 ވަނަ ދުވަހު ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާ ބަންދުން ދޫކޮށްލިއެވެ.
ކުރިމިނަލް ކޯޓުގެ އަމުރު އިސްތިއުނާފުކުރަން ދައުލަތުން ހައިކޯޓަށް ހުށަހެޅި އިރު، ޝިފާއު ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައެވެ. އެހެންވެ ފުލުހުން އޭނާ ހޯދަން އިންޓަޕޮލް ރެޑް ނޯޓިސް ނެރުނެވެ. އޭނާ އެ ފަހުން ރާއްޖެ އައުމުން އޭނާގެ ޕާސްޕޯޓު ވަނީ ހިފަހައްޓައިފައެވެ. ކުރިމިނަލް ކޯޓުން ޝިފާއުގެ ޕާސްޕޯޓް ހިފެހެއްޓީ އޭނާގެ މައްސަލަތައް ކޯޓަށް ހުށަހަޅާފައިވަނިކޮށް ކޯޓުގެ ހުއްދަނެތި ރާއްޖެއިން ބޭރަށް ފުރައިގެން ދިޔުމުގެ ސަބަބުންނެވެ. ޕާސްޕޯޓް ދޫކޮށްދިނުމަށް ޝިފާއުގެ ފަރާތުން އެދުނު ނަމަވެސް ކުރިމިނަލް ކޯޓުން ޕާސްޕޯޓް ދޫކުރުމުގެ އަމުރެއް ނެރެދީފައެއްނުވެއެވެ. ޕާސްޕޯޓް ދޫކޮށްދިނުމަށް ޝިފާއުގެ ފަރާތުން އެދިފައިވަނީ މިއަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހު ބޭއްވި މައްސަލައިގެ އަޑުއެހުމުގައެވެ. އެ ޝަރީއަތުގައި ދައުލަތުންވެސް ވަނީ ޝިފާއުގެ ޕާސްޕޯޓް ދޫކޮށްދިނުމުގެ އަމުރެއް ނެރެދިނުމަށް އިއުތިރާޒުކޮށްފައެވެ.
ޝިފާއުގެ މަކަރުވެރި ކިންގްޑަމް:
ޝިފާއުވަނީ "އަންގާޒާ ފުޑްސް ލިމިޓެޑް" އަށް ފައިސާ ފޮނުވާފައިވާކަން ދެއްކުމުގެ ގޮތުން، އެ ފައިސާ ބޭންކުން ފޮނުވާފައިނުވާކަން އެނގިހުރެ، ސައްހަނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ރިސިޓެެއް އެ ކުންފުންޏަށް ފޮނުވައި، މަކަރާއި ހީލަތުން 2،910 ޑޮލަރުގެ އަގުހުރި "މެންގޯ، އެޕަލް" އެ ކުންފުނިން ހޯދައިފައެވެ.
ޝިފާއުގެ މަކަރުވެރި ހީލަތުގައި ޖެހި އަންގާޒާ ކުންފުނިން ވަނީ ރާއްޖެއަށް މުދާ ފޮނުވައިފައެވެ. އެ ކުންފުނިން ފުލުހުންނާ ހިއްސާކުރި އެއާވޭބިލުގައި ކޮންސައިނީއަކަށް އޮތީ "ކިންގްޑަމް އޮފް ފުރްޓްސް" ނަމަކަށް ކިޔާ ކުންފުންޏަކާއި ޝިފާއުގެ ފޯން ނަންބަރެވެ. ކިންގްޑަމް އޮފް ފުރްޓްސްގެ ވެރިޔާގެ ހައިސިއްޔަތުން ޝިފާއުވަނީ، އެމްއޭސީއެލްއަށް މެއިލެއް ފޮނުވައިފައެވެ.
"މުދާ ކްލިއާކޮށްފައިވަނީ އެކަމުގެ ހިދުމަތްދޭ ކުންފުންޏެއް މެދުވެރިކޮށް ހުސައިން ޝިފާއު އެވެ. މުދާ ކްލިއާ ކުރީ ހުސައިން ޝިފާއު ކަމުގައިވާތީ މި މުދާ ހުސައިން ޝިފާއު ހޯދާފައިވާކަން އެނގެއެވެ" މި މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ވިދާޅުވެފައިވެއެވެ.
މި މައްސަލައިގެ ތަހުގީގު ކުރިއަށް ދިޔާގޮތާމެދު ކުރިމިނަލް ކޯޓުންވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. ކުރީގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުވެސް ވަނީ އެކަން ފާހަގަކުރައްވައިފައެވެ.
"ކުރިމިނަލް ކޯޓުން މިގޮތަށް ފުލުހުންގެ ތަހުގީގަކަށް ތައުރީފު ކުރުމަކީ ވަރަށް މަދުން ފެންނަކަމެއް" ހަމީދު ވިދާޅުވެފައިވެއެވެ.
އާންމު ގޮތެއްގައި ކުރިމިނަލް ކޯޓުން ކުރާ ހުކުމްތަކުގެ ރައުޔުގައި ހުންނަނީ ތަހުގީގު މަރުހަލާގައި ފުލުހުންގެ ފަރާތުން ހެދޭ ގޯސްތައް ވަރަށް ބޮޑަށް ފާހަގަކޮށްފައެވެ. ބައެއް މައްސަލަތަކުގައި ގަސްދުގައި އެނގި ތިބެ ފުލުހުން އިޖުރާއަތްތަކާ ހިލާފަށް އަމަލުކުރާކަމަށް ރައުޔުތަކުގައި ބަޔާންކޮށްފައިވާއިރު ފުލުހުންގެ ތަހުގީގުގައި ފެންވަރެއް ނެތްކަމަށް ދޭހަވާ ފަދަ މާނައެއް ނެރެވޭ އުސޫލުން ވެސް ކުރިމިނަލް ކޯޓުން ރައުޔު ނެރެފައިވެއެވެ.
ރާއްޖެއިން ބޭރުގެ ކުންފުނިތަކުން މަކަރާއި ހީލަތުން މުދާ ނިގުޅައިގަންނަމުންދާ މައްސަލަތަކާ ގުޅިގެން ތިން ފަހަރެއްގެ މަތިން ފުލުހުން ވަނީ ޝިފާއު ހުއްޓުވަފައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ސައްހަނޫން ޓީޓީ ފޮނުވައިގެން ރާއްޖެއިން ބޭރުގެ އެކި ކުންފުނިތަކުން ރާއްޖެއަށް އެތެރެކުރަމުންދާ މައްސަލަތަކެއް 2019 ވަނަ އަހަރު ފުލުހުންގެ އިދާރާއަށް ހުށަހެޅެމުންދިޔައެވެ. އެ މައްސަލަތަކުގައި ހިމެނެނީ އަމިއްލަ ފަރުދުންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ 13 ވިޔަފާރިއެކެވެ. އޭގެ ތެރެއިން ގިނަ ވިޔަފާރިތަކަކީ ކުށުގެ ވެށީގައި ބޭނުންކުރަމުންދިޔަ ވިޔަފާރިތަކެކެވެ. މި މައްސަލައިގެ ތަހުގީގުން ހާމަވި ގޮތުގައި އެ ވިޔަފާރިތައް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ އަތުން އައިޑީ ކާޑު ހޯދުމާއި، އެ ވިޔަފާރިތަކުން މުދާ ގެނައުމަށް ބޭރުގެ ވިޔަފާރިތަކާ މުއާމަލާތް ކުރަމުންދިޔައީ ޝިފާއު ކަމެވެ. އެ މުދާތައް ރާއްޖެ އައުމުން މުދާތައް ކްލެއާ ކުރަނީވެސް ޝިފާއުއެވެ. ނަމަވެސް ޝިފާއު އެ މައްސަލަތަކުގައި ނުބެދި ސަލާމަތްވީ ހެކި ގަރީނާ ނެތުމުގެ ސަބަބުންނެވެ. އޭގެ ފަހުން 2021 ޖެނުއަރީ 16 ވަނަ ދުވަހު އެ ވިޔަފާރިތަކުގެ ވެރިފަރާތްތަކާއި ޝިފާއު ހުއްޓުވައި ބަލައިފާސްކޮށް، ޝިފާއުގެ އަތުގައި އޮތް ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމުން، އެ ވިޔަފާރިތަކުން ހިންގަމުންދިޔަ ކުށުގެ އަމަލުތައްވަނީ މަޑުޖެހިފައެވެ.
ޝިފާއުގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަތާ 15 ދުވަސް ފަހުން އޭނާވަނީ "ކިންގްޑަމް އޮފް ފުރްޓްސް" ނަމުގައި އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ރަޖިސްޓްރީކުރުމަށް ހުށަހަޅައިފައެވެ. ޝިފާއުވަނީ އެފަހުން ހަމަސް ދުވަހުގެ ތެރޭގައި ސައްހަނޫން ޓީޓީ ފޮނުވައިގެން އެކިއެކި ކުންފުނިތަކުން ރާއްޖެއަށް މުދާ ގެނުވައިފައެވެ. އެގޮތުން ރާއްޖެއިން ބޭރުގެ 8 ކުންފުންޏަކަށް އޮޅުވާލައިގެން 207،914 ޑޮލަރުގެ މުދާ ޝިފާއުވަނީ ރާއްޖެއަށް އެތެރެކޮށްފައެވެ. އެ ކުންފުނިތަކުން ފައިސާ ނުލިބޭކަން އެންގުމުން ޝިފާއުވަނީ ކޮންމެ ފަހަރަކު އެކިއެކި ބަހަނާ ދައްކައިފައެވެ.
"ފައިސާ ޖަވާމުމަށް ދެ ދުވަސްވަރު ވާނެ. ބޭންކުން އެބަ ޗެކު ކޮށްލަން. މިއަދަކީ ގައުމީ ދުވަސްވީމަ މިއަދު ބަންދު. މާދަމާއަކީ ވީކެންޑް. އެހެންވީމާ އާދިއްތަ ދުވަހު ބަލާނަން. މިއަދު ބޭންކު ބަންދު، މާދަމާ ބަލާނަން. ބޭންކުން ޗެކު ކޮށްފިން، މާދަމާ ޖަމާވާނެ، ބޭންކުން ޗެކް ކޮށްފިން، މިއަދު ޖަމާވާނެ. ޗެކުކޮށްފިން އެއް ގަޑިއިރު ތެރޭ ޖަމާވާނެ. ޕޭމަންޓް ބައުންސް ވެ އަލުން އަނބުރާ އައީ. އަލުން އެބަ ފޮނުވާލަން" މި ކަހަލަ ޖަވާބުތައް ދީގެން މުދާ ލޯޑުކޮށް ފްލައިޓް ފުރުމާ ހަމައަށް ޓީޓީއަކީ ސައްހަ ޓީޓީއެއްކަން ދެއްކުމަށް ޝިފާއު މަސައްކަތްކޮށްފައިވެއެވެ.
ކިންގްޑަމް އޮފް ފުރްޓްސްއަކީ ޝިފާއު މަކަރާއި ހީލަތް ހަދައި އޮޅުވާލައިގެން މުދާ ހޯދުމަށް އުފެއްދި ކުންފުންޏެކެވެ. އެކަން ފުލުހުންގެ ތަހުގީގުންނާއި ހެކިތަކުން ވަނީ ޝައްކެއްނެތް މިންވަރަށް ޔަގީންވެފައެވެ.
"ކިންގްޑަމް އޮފް ފުރްޓްސްގެ ނަމުގައި ހުސައިން ޝިފާއު ހިންގަމުން އައީ މަކަރާއި ހީލަތުގެ ކިންގްޑަމް އެކެވެ. އޮޅުވާލުމާއި މަކަރާއި ހީލަތުގެ މި ކިންގްޑަމްގެ ކިއްލާ ފޫ އަޅުވާލާފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ސަބް އިންސްޕެކްޓާ އޮފް ޕޮލިސް ޒުހުރީ ހުސައިން، 25 ނޮވެމްބަރު 2021 ދުވަހު، ހުސައިން ޝިފާއުގެ އަތުގައި އޮތް ސެމްސަންގް ބްރޭންޑުގެ ފޯނު އަތުލި ހިނދުން ފެށިގެން، ދިވެހި ފުލުހުންގެ ހިދުމަތުން ކޮށްފައިވާ އާދަޔާ ހިލާފު އުކުޅުތަކުގެ މައްޗަށް ބިނާވެފައިވާ ހުނަރުވެރި ތަހުގީގެ ނަތީޖާއިންނެވެ. ވަގަކަށް ހާސް ދުވަހެވެ. ވެރިއަށް އެއް ދުވަހެވެ. ހާސް ދުވަހު ޖެހުނު ކޮންމެ މީހަކަށްމެ މަކަރާއި ހީލަތް ހަދަމުން ދަނިކޮށް، ފުލުހުންގެ ތަހުގީގުން މީނާއާ އަރައި ހަމަކޮށް، ތުހުމަތުތަކުން މީނާ ވަށާލައި، ހެކި ގަރީނާއިން ބަނދެލައި، ހާސް ދުވަހު ހިންގަމުންއައި މަކަރާ ހީލަތުގެ ކިންގްޑަމްގައި ނިމުމުގެ ސިއްކަ ޖަހާފައިވެއެވެ" ގާޒީ ވިދާޅުވެފައިވެއެވެ.
ޝިފާއު މަސައްކަތްކުރީ ޝަރީއަތަށްވެސް އޮޅުވާލުމަށް:
ޝިފާއުގެ ފަރާތުން ދިފާއުގައި ފާހަގަކުރި މައިގަނޑު ވާހަކައަކީވެސް ޝަރީއަތަށް އޮޅުވާލުމަށް ފާހަގަކުރި ނުކުތާއެކެވެ. އެގޮތުން އެއްވެސް ފަރާތަކަށް ޓީޓީ ފޮނުވަފައިނުވާނެ ކަމަށާއި ފޯނުން ފެނުނު ޓީޓީ އަކީ ވަޓްސްއެޕަށް އެހެން މީހަކު ފޮނުވުމުން ފޯނުގައި ސޭވް ވެފައިވާ ޓީޓީއެއްކަމަށް ޝިފާއު ބުނެފައިވެއެވެ.
ނަމަވެސް ފުލުހުންގެ ފޮރެންސިކް ތަހުލީލުތަކުގެ ނަތީޖާ ދައްކަނީ ޝިފާއުގެ ވާހަކަތަކަށް ބާރުދޭ ގޮތަކަށް ނޫނެވެ.
"މި ޓީޓީ ހުސައިން ޝިފާއުގެ ފޯނުގައި އިން ވޯޑް އެޕްލިކޭޝަން ބޭނުންކޮށްގެން ތައްޔާރުކުރިގޮތާގުޅޭ މައުލޫމާތު ފޮރެންސިކް ހެކިތަކުން ޝަރީއަތަށް ހުށަހެޅިފައިވެއެވެ. ޓީޓީ ތައްޔާރުކުރި ތާރީހާ ވަގުތާއި، މި ޓީޓީ ފޮނުވި ތާރީހާ ވަގުތާއި ސުކުންތައް ދާންދެން ހުސައިން ޝިފާއުގެ ފޯނުގެ ތަހުލީލުތަކުން ޝަރީއަތުގެ ކުރިމަތީގައި އެއްވެސް ޝައްކަކަށް އޮޅުވާލުމަކަށް ޖާގަ ނުލިބޭނެހެން ސާބިތުވެފައިވެއެވެ. މި މިންވަރަށް މިކަންކަން ސާބިތުވުމާ ހަމައަށް، ފައިސާ ދޭނެ ކަމަށް ނިމުމެއްނެތް ގޮތުގައި ކުންފުނިތަކުގައި ބުނަމުން ބުނަމުން އައިސްފައިވާ ގޮތަށް އަރާނެ ގޮޅި ހުސްވަންދެން ޓީޓީ ފޮނުވާފައި ނުވާނެ ކަމަށް ބުނެ އޮޅުވާލުމަށް މަސައްކަތް ކޮށްފައިވެއެވެ" ގާޒީ ވިދާޅުވިއެވެ.
ކިންގްޑަމްގެ އޮފް ފުރްޓްސްގެ ފަރާތުން މީރާއަށް ޓެކްސް ބަޔާން ހުށަހަޅާފައެއްނުވެއެވެ. ކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކުގައިވާ ގޮތުން ޝިފާއުގެ ކިންގްޑަމްސް އޮފް ފުރްޓްސްއިންވަނީ 207،914 ޑޮލަރުގެ މުދާ އެތެރެކޮށްފައެވެ. އެ މުދާ ވިއްކައިގެން ފައިދާވަނީ ހޯދައިފައެވެ.
"ނަމަވެސް މީގެން އެއްވެސް މުދަލެއް ވިއްކައި ވިޔަފާރިކޮށް ފައިސާއެއް ލިބުނުކަމަށް ބަޔާންކޮށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް އެއްވެސް ޓެކްސް ބަޔާނެއް ހުށަހަޅާފައި ނުވުމުން މީރާއަށްވެސް އޮޅުވާލާފައިވާކަން އެނގެއެވެ" ގާޒީ ވިދާޅުވިއެވެ.
ކިންގްޑަމްގެ އޮފް ފުރްޓްސްއަކީ ޝިފާއު މަކަރާއި ހީލަތް ހަދައި އޮޅުވާލައިގެން މުދާ ހޯދުމަށް އުފެއްދި ވިޔަފާރިއެކެވެ. މި ވިޔަފާރި ބޭނުންކޮށްގެން އޮޅުވާލުމާ މަކަރާއި ހީލަތް ހެދުމުގެ އަަމަލުތައް ކުރުން ފިޔަވައި އިތުރު ގަސްދެއް ޝިފާއުގެ ނެތެވެ.
މުހައްމަދު އިޝާން
އިޔާ އިން ރިވިއު 2025
އިޔާ އިން ރިވިއު 2025
އިޔާ އިން ރިވިއު 2025
އިޔާ އިން ރިވިއު 2025