ރިސޯޓުތަކުގައި މަސައްކަތްކުރާ ޒުވާނުންނަށް، އެ ރިސޯޓަކާ ކައިރިން ބޯހިޔާވަހިކަން ލިބޭގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޒުވާނުންގެ އެތެރެވެހީގައި މިރޭ ބޭއްވި "ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް" އިވެންޓުގައި ވާހަކަފަޅުދައްކަވަމުން ރައީސް ވިދާޅުވީ އާއިލާއާ ދުރަށް ގޮސް ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރުމަށް އުނދަގޫތަކެއް ހުންނަ ކަމަށާއި ރަށާ ކައިރީގައި ހުންނަ ރިސޯޓެއްގައި މަސައްކަތްކުރަން ދެވޭނެ ގޮތެއް ވެއްޖެއްޔާ ޒުވާނުންނަށް ފުރުސަތުތައް އިތުރުވާ ކަމަށެވެ.

"މިގޮތަށް ބަލާއިރު، އެއް ކަމަކީ ގެދޮރުވެރިކަން، ހައުސިން. އެހެންވީމާ ސަރުކާރުން ވަރަށް އިސްކަމެއް އެބަދެން ޓޫރިޒަމް ސެކްޓާއަށް ވަންނަ ޒުވާނުންނަށް ވަރަށް ފަހި ފުރުސަތުތަކެއް ހައުސިންގެ ދާއިރާއިން، ޓޫރިޒަމްގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ހޯދައިދޭން. އެ ރިސޯޓެއްގެ ކައިރިން ނޫނީ ޓޫރިޒަމް އޭރިއާތަކުގެ ކައިރީގައި ހުންނަ ބޮޑެތި އާބާދީތަކުގައި ހައުސިން ޕްރޮޖެކްޓުތައް ހިންގަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެގޮތަށް ހައުސިންގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމުން އެ ހައްލުވަނީ އެ ޒުވާނެއްގެ އާއިލާއާ ވީހާވެސް ކައިރިން ހައުސިން ހޯދުމުގެ ފުރުސަތު ކަމަށާއި މާލެއިން ދޫކުރާ ހައުސިންގެ ފުރުސަތުތަކަށް އަންނާކަށް ނުޖެހޭނެ ކަމަށެވެ.

"ހައުސިން އަކީ ޒުވާނުން ކުރިއަށްދިއުމުގައި އެމްޕަވާވުމުގައި އޮތް އެންމެ ބޮޑު އެއް ބެރިއާ. އެހެންވީމާ ހަމައެކަނި މާލެ ސަރަހައްދަށް ފޯކަސްނުކޮށް، ސްޕްރެޑްއައުޓް މިކުރަނީ. މީގެ މަހެއް ކުރިން ހަވާލުކުރި 800 އަށްވުރެ ގިނަ ހައުސިން ޔުނިޓު އެކި ރަށްރަށުގައި. އޭގެ ތެރޭގައި ހިމެނޭ ހައުސިން ޔުނިޓުތައް، އޭގެ ވަކި ޕަސަންޓޭޖެއް އަޅުގަނޑުމެން މި ކަނޑައަޅަނީ އެ ރަށްތަކުން ދޫކުރާ އިރުގައި ޓޫރިޒަމް ސެކްޓާގައި މަސައްކަތްކުރާ ފަރާތްތަކަށް ފުރުސަތު ލިބޭގޮތަށް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ރަށްރަށުގައި ހިންގާ ހައުސިން ސްކީމުތަކުން ޒުވާނުންނަށް އިސްކަންދޭގޮތަށް ޝަރުތުކުރާނެ ކަމަށާއި ޓޫރިޒަމާއި މަސްވެރިކަން އަދި އެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ފުރުސަތު ލިބޭނެ ކަމަށެވެ. އަދި މާލެ ސަރަހައްދުން ހުޅުވާލާ ފުރުސަތުގައި ވެސް، އާއިލާއެއް ފެށުމަށް ބޭނުންވާ ޒުވާނުންނަށް ހައުސިން ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.