ގެދޮރުވެރިޔާ ސްކީމުގެ ފުރަތަމަ ބުރުގެ، ފުރަތަމަ 4،000 ފުލެޓް ލިބޭ މީހުންގެ ތެރޭގައި ވަކި ފަރާތްތަކެއް ހިމަނައި، ވަކި ފަރާތްތަކަކަށް ނާޖާއިޒު މަންފާއެއް ހޯދައިދީފައިވާ މައްސަލައާ ގުޅިގެން ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އަދި އެ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވްގެ މަގާމުގައި އޭރު ހުރި މުހައްމަދު އާރިފް އާއި އެ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވްގެ މަގާމުގައި އޭރު ހުރި ޝިރުއާމް ވަހީދުގެ އިތުރުން އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި ހުރި އަހުމަދު ވިޝާން ނަސީމްގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކާ ގުޅިގެން ގެދޮރުވެރިޔާ ޕޯޓަލް ބަލައި ދިރާސާ ކުރުމަށްފަހު ހެކިބަސް ދޭނެ މީހަކު ޝަރީއަތަށް ހާޒިރުކުރުމަށް ދައުވާ ލިބޭ ފަރާތްތަކުން އެދިއްޖެއެވެ.
ކުރިމިނަލް ކޯޓުގައި މިއަހަރުގެ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހު ބޭއްވި ޝަރީއަތުގައި ދައުލަތުގެ ދައުވާއަށް، ދައުވާ ލިބޭ ހަތަރު ފަރާތުން ވަނީ އިންކާރުކޮށްފައެވެ.
ކުރިމިނަލް ކޯޓުގައި މިއަދު އެ މައްސަަލައިގެ އަޑުއެހުމެއް ބޭއްވި އިރު، މިއަދުގެ އަޑުއެހުމަކީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ބޭއްވި އަޑުއެހުމެކެވެ.
މިއަދުގެ އަޑުއެހުމުގައި އަކްރަމް ފަރާތުން ހުށަހަޅާފައި ވަނީ ދިފާއީ ވަކީލުންނަށް ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް ދިނުމަށެވެ. އަކްރަމް ވަނީ ގެދޮރުވެރިޔާ ޕޯޓަލް ބަލައި ޝަރީއަތަށް ހެކިބަސް ދޭން އެކްސްޕާޓެއް ގެނައުމަށް ވެސް ހުށަހަޅައިފައެވެ.
އެ ހުށަހެޅުމާ ގުޅިގެން ދައުލަތުން ވިދާޅުވީ ގެދޮރުވެރިޔާ ޕޯޓަލްގައި ގިނަ އަދަދެއްގެ ބައެއްގެ ޒާތީ މައުލޫމާތު ހިމެނޭތީ އެ ޕޯޓަލްއަށް އެކްސެސް ނުދެވޭނެ ކަމަށެވެ. ދައުލަތުން ވިދާޅުވީ ގެދޮރުވެރިޔާ ޕޯޓަލްގެ ލޮގްތަކާއި މައްސަލައާ ގުޅޭ މައުލޫމާތުތައް ދައުލަތުން ވަނީ ދިފާއަށް ހިއްސާކޮށްފައި ކަމަށެވެ.
ދައުލަތުން ވިދާޅުވީ ދައުވާ ލިބޭ ފަރާތްތަކުން އެކްސްޕާޓަކު ގެންނަން ދައުލަތުން އިއުތިރާޒު ކުރި ނަމަވެސް ކޯޓުގެ އިސް ނެގުމެއްގެ މަތިން އެކްސްޕާޓަކު ގެންނަން ދައުލަތުން އިއުތިރާޒު ނުކުރާ ކަމަށެވެ.
ދައުލާތާއި ދިފާއުން ހުށަހެޅި އެކަންކަމާ ގުޅިގެން މައްސަލަ ބައްލަވާ ގާޒީ އާދަމް މުހައްމަދު ވިދާޅުވީ މިމަހުގެ ތެރޭގައި އެ ހުށަހެޅުންތަކާ ގުޅޭގޮތުން ގޮތެއް ނިންމުމަށް އަޑުއެހުމެއް ބާއްވާނެ ކަމަށެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު ބުނެފައިވަނީ އެ ހަތަރު މީހުންގެ ދައުވާ ކުރުމަށް ކުރިމިނަލް ކޯޓަށް އެ މަހުގެ 10 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ. އެ ތިން މީހުންގެ މައްޗަށްވެސް ކުރަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ކަމަށެވެ.
"މި މައްސަލައަކީ ދައުލަތުގެ މާލިއްޔަތާއި، އާންމު ފަރުދުންގެ މަސްލަހަތާ ގުޅުންހުރި ތަހުގީގުތައް އަވަސްކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މައްޗަށް ކޮށްފައިވާ އަމުރުގެ ދަށުން ތަހުގީގު އަވަހަށް ކުރިއަށް ގެންގޮސްފައިވާ މައްސަލައެކެވެ. މި މައްސަލައާ ގުޅުންހުރި އިތުރު ބައިތައް މި އޮފީހުގެ ލަފަޔާއެކު އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، ދިވެހި ފުލުހުންގެ ހިދުމަތުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެބައިތައް އެކަށީގެންވާ ވަރަށް ތަހުގީގު ކުރެވުމުން، ދައުވާކުރުމާމެދު މި އޮފީހުން ގޮތެއް ނިންމާނެ" ޕީޖީ އޮފީހުން ބުނެފައިވެއެވެ.
ގެދޮރުވެރިޔާ ސްކީމާ ގުޅުންހުރި ހިޔާނާތުގެ މައްސަލަ ބެލުމަށްފަހު އަކްރަމް، އާރިފު އަދި ޝިރުއާމްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން، ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިއަހަރުގެ ޖޫން މަހުގެ ތިންވަނަ ދުވަހުގައެވެ.
މުހައްމަދު އިޝާން
ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން