ގެދޮރުވެރިޔާ ސްކީމުގެ ފުރަތަމަ ބުރުގެ، ފުރަތަމަ 4،000 ފުލެޓް ލިބޭ މީހުންގެ ތެރޭގައި ވަކި ފަރާތްތަކެއް ހިމަނައި، ވަކި ފަރާތްތަކަކަށް ނާޖާއިޒު މަންފާއެއް ހޯދައިދީފައިވާ މައްސަލައާ ގުޅިގެން ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އަދި އެ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވްގެ މަގާމުގައި އޭރު ހުރި މުހައްމަދު އާރިފްއާއި އެ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވްގެ މަގާމުގައި އޭރު ހުރި ޝިރުއާމް ވަހީދުގެ އިތުރުން އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި ހުރި އަހުމަދު ވިޝާން ނަސީމްގެ މައްޗަށް ދައުވާކުރަން ކުރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ އެ މީހުންގެ ދައުވާ ކުރުމަށް ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މިމަހު 10 އެއްގައި ކަމަށެވެ.
އެ ތިން މީހުންގެ މައްޗަށްވެސް ކުރަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ކަމަށެވެ.
"މި މައްސަލައަކީ ދައުލަތުގެ މާލިއްޔަތާއި، އާންމު ފަރުދުންގެ މަސްލަހަތާ ގުޅުންހުރި ތަހުގީގުތައް އަވަސްކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މައްޗަށް ކޮށްފައިވާ އަމުރުގެ ދަށުން ތަހުގީގު އަވަހަށް ކުރިއަށް ގެންގޮސްފައިވާ މައްސަލައެކެވެ. މި މައްސަލައާ ގުޅުންހުރި އިތުރު ބައިތައް މި އޮފީހުގެ ލަފަޔާއެކު އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، ދިވެހި ފުލުހުންގެ ހިދުމަތުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެބައިތައް އެކަށީގެންވާ ވަރަށް ތަހުގީގު ކުރެވުމުން، ދައުވާކުރުމާމެދު މި އޮފީހުން ގޮތެއް ނިންމާނެ" ޕީޖީ އޮފީހުން ބުންޏެވެ.
ގެދޮރުވެރިޔާ ސްކީމާ ގުޅުންހުރި ހިޔާނާތުގެ މައްސަލަ ބެލުމަށްފަހު އަކްރަމް، އާރިފު އަދި ޝިރުއާމްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އޭސީސީން، ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިއަހަރުގެ ޖޫން މަހުގެ ތިންވަނަ ދުވަހުގައެވެ.
އޭސީސީން އެ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ މީހުންގެ މައްޗަށް ކޮށްދިނުމަށް އެދިފައިވަނީ ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނަޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ކަމަށެވެ.
"މި މައްސަލައިގެ ތަހުގީގުއި ގާނޫނު 'ދިވެހިރާއްޖޭގެ ޤާގާނޫނުލްއުގޫބާތު' ގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ، ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނަޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށް ފިޔަވައި، އެހެން އިތުރު ކުށްތައް މި މައްސަލައިގައި ޝާމިލުވާ ފަރާތްތަކުން ކޮށްފައިވާކަމަށް ތުހުމަތުކުރެވޭތީ، އެކުށްތައް ތަހުގީގުކުރުމުގެ މަސައްކަތް ދެ މުއައްސަސާއިން މިދަނީ ކުރަމުންނެވެ،" އޭސީސީން ބުނެފައިވެއެވެ.
ގެދޮރުވެރިޔާ ސްކީމުގެ މައްސަލަ އޭސީސީން ތަހުގީގުކޮށްފައިވަނީ ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ފުލުހުންނާ ގުޅިގެންނެވެ.
އޭސީސީން އަންނަނީ ބިންވެރިޔާ ސްކީމާ ގުޅުންހުރި މައްސަލަތަކެއް ވެސް ތަހުގީގު ކުރަމުންނެވެ.
އެ މައްސަލައާ ގުޅިގެން އޭސީސީން އެދިގެން ކުރިމިނަލް ކޯޓުން ވަނީ އަކްރަމް އާއި އާރިފުގެ ޕާސްޕޯޓު ވެސް ހިފަހައްޓައިފައެވެ. ނަމަވެސް ހައިކޯޓުން ހުކުމް ކުރީ އޭސީސީން އެ ދެ މީހުންގެ ޕާސްޕޯޓް ހިފެހެއްޓީ ގާނޫނާ ހިލާފަށް ކަމަށެވެ.
މުހައްމަދު އިޝާން
ޕީޖީ އޮފީސް
ޕީޖީ އޮފީސް
ޕީޖީ އޮފީސް
ޕީޖީ އޮފީސް