އެފްރިކާގެ ގައުމުތަކުން ވާދަކުރާ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، އެފްރިކާ ކަޕް އޮފް ނޭޝަންސް 2026 ގެ ގްރޫޕް ސްޓޭޖުގައި ރޭ ކުޅުނު މެޗުތަކުން މިސްރާއި ދެކުނު އެފްރިކާ މޮޅުވެއްޖެއެވެ.
ގްރޫޕް ބީގައި ދެކުނު އެފްރިކާއިން ފުރަތަމަ މޮޅެއް ހޯދީ، 2-1 އިން އެންގޯލާ ކައިރިން މޮޅުވެގެންނެވެ. އަދި އޭގެފަހުން ރޭ މެންދަމު މިސްރުން ޒިމްބާބުވޭއާ ދެކޮޅަށް ކުޅުނު އެ ގްރޫޕްގެ މެޗުން މިސްރު މޮޅުވީވެސް 2-1 އިންނެވެ. އެއީ ފަހަތުން އަރައެވެ.
ރޭގެ މެޗަށް ނުކުތް އިރު މިސްރަކީ ފެވަރިޓުން ނަމަވެސް، އެ މެޗުގައި ފުރަތަމަ ގޯލް ޖަހައި ލީޑު ނެގީ ޒިމްބާބުވޭއިންނެވެ. ކުޅުމުގެ އޮއިވަރާ ދެކޮޅަށް، ޒިމްބާބުވޭން 20 ވަނަ މިނެޓުގައި ގޯލް ޖަހައިދިނީ ޕްރިންސް ޑޫބޭއެވެ.
އެ ގޯލާއެކު މިސްރުން އިތުރަށް ކުރިއަށް ޖެހި، ގޯލަކަށް ބުރަކޮށް މަސައްކަތް ކޮށްފައިވާ އިރު، 64 ވަނަ މިނެޓުގައި އޮމަރް މަރްމޫޝް ގޯލް ޖެހިއެވެ. ހަނި ކަނުން ގޮސް، މަތީ ދާގަނޑަށް ބޯޅަ އަމާޒުކޮށްލައިގެން އޭނާ ޖެހި ގޯލުން މިސްރަށް އުންމީދު ލިބުނެވެ.
އެ ގޯލާއެކު ކުރިއަށް ޖެހި، ފުލުފުލުގައި މިސްރުން ކުރަމުން ދިޔަ އެޓޭކްތަކުގެ ބޭނުން ހިފައި، މުހައްމަދު ސަލާހް ގޯލް ޖެހީ މެޗު ނިމިނިމި އޮއްވައެވެ.
ސަލާހް މިފަހަރުގެ އެފްކޮންއަށް ނުކުމެފައި ވަނީ ލިވަޕޫލާއެކު ނުތަނަވަސް ދުވަސްތަކެއް ހޭދަކުރުމަށްފަހުއެވެ. ސަލާހް، ރޭގެ މެޗަށް ނުކުތީ ލިވަޕޫލާއެކު އޭގެ ކުރިން ހަތަރު މެޗުގައިވެސް ފުރަތަމަ 11 އިން ޖާގަ ނުލިބި އިނުމަށްފަހުއެވެ.
ދެކުނު އެފްރިކާއިން ރޭ ކުޅުނު މެޗުގައި އެޓީމުގެ ގޯލްތައް ޖަހައިދިނީ އޮސްވިން އަޕޮލިސްއާއި ލައިލް ފޯސްޓާއެވެ. އެންގޯލާގެ ގޯލް ޖަހައިދިނީ ޝޯއެވެ.
އެފްކޯން
އެފްކޯން
އެފްކޯން
އެފްކޯން